06 ޖުލައި 2021 - 09:33

ރެންް، ފްރާންސް (ޖުލައި 7) - ރެން އެފްސީގެ މިޑްފީލްޑަރު އެޑްއާޑޯ ކަމަވިންގާގެ ޓްރާންސްފާގެ އަގު ދަށްވި ވަގުތު އޭނާގެ ސޮއި ހޯދުމުގެ ރޭހުގައި މެންޗެސްޓާ ޔުނައިޓެޑުން ކުރި ހޯދައިފި އެވެ.
ކުރިން ރެން އިން ބުނަމުން ގެންދިޔައީ މަދުވެގެން 83 މިލިއަން ޑޮލަރަށް ނޫނީ ކަމަވިންގާ ނުވިއްކާނެ ކަމަށެވެ. ނަމަވެސް މިހާރު އޭނާގެ ޓްރާންސްފާގެ އަގަކަށް ރެން އިން ކިޔަނީ 35.5 މިލިއަން ޑޮލަރެވެ.
ކަމަވިންގާގެ އަގު ދަށް ކުރަން ރެން އަށް މަޖުބޫރުވީ، އެ ކްލަބާ އެކު އޭނާ ހަދައިފައިވާ ކޮންޓްރެކްޓް އަންނަ އަހަރު ހަމަވުމުން، އެއްބަސްވުން އާ ކުރަން ބޭނުން ނުވާ ކަމަށް އޭނާ ބުނެފައި ވުމުންނެވެ. ފްރީ ޓްރާންްސްފާގައި އޭނާ ކްލބު ދޫކޮށްލުމުގެ ފުރުސަތު ނުދިނުމަށްޓަކައި ރެން އިން ނިންމީ އަގު ދަށްކޮށް މިފަހަރުގެ ޓްރާންސްފާ ޕީރިއަޑްގައި އޭނާ އެހެން ކްލަބަކަށް ބަދަލުވުމުގެ ފުރުސަތު ދޭށެވެ.
ކަމަވިންގާ ގެންދިއުމަށް ރެއާލް މެޑްރިޑުން 2019 ގައި މަސައްކަތް ކުރި އެވެ. ނަމަވެސް އެ ކްލަބުން އޭރު މަސައްކަތް ހުއްޓާލީ އޭނާގެ އޭރުގެ ޓްރާންސްފާގެ އަގު ދަށް ކުރުމަށް ރެން އިން އޭރު ބޭނުން ނުވުމުންނެވެ. އޭނާ ސޮއިކުރުވުމަށް ދެން މަސައްކަތް ކުރީ ޕީއެސްޖީ އެވެ. އެހެންނަމަވެސް ކަމަވިންގާގެ ޓްރާންސްފާ ކާމިޔާބު ހޯދުމުގައި ކުރީގައި އުޅެނީ ޔުނައިޓެޑެވެ.
އިނގިރޭސި މީޑިއާތައް ބުނާ ގޮތުން، ޔުނައިޓެޑުން ވަނީ މިހާރު ސީދާ ރެންއާ އެކު ވާހަކަތައް ފަށައިފަ އެވެ.
ފްރާންސްގެ އޮލިމްޕިކް ސްކޮޑުގައި ހިމަނައިފައިވާ، ކަމަވިންގާ ވަނީ މިދިޔަ އަހަރު އޯގަސްޓް މަހު ފްރާންސްގެ ސީނިއާ ޓީމަށް ކުޅެފަ އެވެ. އޭނާ އަކީ 1932 ގެ ފަހުން ފްރާންސްގެ ސީނިއާ ޓީމަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާ އެވެ. ގައުމީ ޓީމަށް ކުޅުނު އިރު އޭނާގެ އުމުރަކީ 17 އަހަރާއި 17 ދުވަހެވެ.
ރެންގެ އެކެޑެމީން އުފެއްދި ކުޅުންތެރިޔާ ރެންގެ ސީނިއާ ޓީމަށް ކުޅެން ފެށީ 2019 ގަ އެވެ. އޭރު އޭނާގެ އުމުރުން 16 އަހަރެވެ. ކަމަވިންގާ ވަނީ ފްރެންޗު ލީގުގައި ރެން އަށް 67 މެޗު ކުޅެފަ އެވެ.
މިދިޔަ ހަފުތާގައި ޔުނައިޓެޑުން ވަނީ ބޮރޫޝިއާ ޑޯޓަމަންޑުގެ އިނގިރޭސި ފޯވަޑް ޖޭޑަން ސަންޗޯގެ ޓްރާންސްފާ ޑީލް ފައިނަލް ކޮށްފަ އެވެ. ޔުނައިޓެޑާ އެކު ފަސް އަހަރުގެ އެއްބަސްވުމެއްގައި އޭނާ ސޮއިކުރާނެ އެވެ.