06 ޖުލައި 2021 - 00:12

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ފޭސް ދޭއްގައި އިމާރާތް ކޮށްފައިވާ 6،720 ފްލެޓް އެއްބަސްވުމުގައި ސޮއިކުރުން ކުރިއަށް ގެންދިއުމުގެ ބޭނުމުގައި، ފްލެޓް ލިބުނު މީހުންގެ މައުލޫމާތު އެއްކުރުމަށް "ހިޔާ 7000" ޕޯޓަލް މެދުވެރިކޮށް އަމިއްލަ އެކައުންޓެއް ހެދުމަށް އެޗްޑީސީން ރޭ އަންގައިފި އެވެ.
އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނީ، އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން ފަސޭހަ އަދި ލުއި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ތައާރަފުކުރާ "ހިޔާ 7000" ޕޯޓަލްގައި ފްލެޓް ލިބުނު އެންމެނަށް ޕާސަނަލް އެކައުންޓް ހުޅުވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.
އެ ޕޯޓަލުގެ ބޭނުމަކީ ފްލެޓް ލިބުނު މީހުން އެޗްޑީސީ އަށް ލިޔެކިޔުންތައް ހުށަހެޅުމާއި އެހެނިހެން މުއާމަލާތްތައް ކުރުމަށް ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމުގެ އިތުރުން ކޮވިޑާ ގުޅިގެން ކުރިމަތިވެދާނެ ހުރަސްތަކާ އެކު ވެސް އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުން ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެޗްޑީސީން އެދިފައި ވަނީ އެ މީހަކަށް ފްލެޓް ލިބުނު ކެޓަގަރީއަކުން އެއްބަސްވުމުގައި ސޮއިކުރަން ބޭނުންވާ މައުލޫމާތު ފޯމު ފުރިހަމަ ކުރުމަށާއި ފްލެޓް ލިބުނު މީހުންގެ އައިޑީ ކާޑުގެ ކޮޕީ ހުށަހެޅުމަށާއި ފްލެޓް ލިބުނު މީހުން އެއްބަސްވުމުގައި ސޮއިކުރާ ފަހުން މަރުވެއްޖެ ނަމަ، ނުވަތަ ބުއްދިއަށް އުނިކަމެއް އަތުވެއްޖެ ނަމަ، އެ މީހެއްގެ ވާރިސުން ސާބިތު ކުރެވެންދެން، އެ މީހެއްގެ ބަދަލުގައި ފްލެޓްގެ ޒިންމާ އުފުލާނެ މީހަކާ ގުޅޭ މައުލޫމާތު ވެސް ހުށަހެޅުމަށެވެ.
އެޗްޑީސީން ވަނީ ފްލެޓް ބަދަލުކުރަން ބޭނުންވާ މީހުން ވެސް އެ ބަދަލުކުރާ ފްލެޓަކާ ގުޅޭ މައުލޫމާތު ހިއްސާކުރަން އެދިފަ އެވެ. އެ ކުންފުނިން ބުނި ގޮތުގައި ފްލެޓް ބަދަލުކުރުމަށް ކޮންމެ މީހަކަށް ވެސް ދެވޭނީ އެންމެ ފުރުސަތެކެވެ. އެއް ފޯމަށް ވުރެ ގިނައިން އެކަކު ހުށަހަޅައިފި ނަމަ ފޯމުތައް ބާތިލުވާނެ ކަމަށް ވެސް ބުނެ އެވެ.
އެޗްޑީސީން ބުނީ، އެއްވެސް ސަބަބަކާ ހުރެ ފްލެޓް ލިބުނު މީހާ އަށް ފްލެޓް ވިއްކުމުގެ އެއްބަސްވުމުގައި ސޮއިކުރަން ހާޒިރު ނުވެވިއްޖެ ނަމަ ބަދަލުގައި ސޮއިކުރާނެ މީހެއްގެ މައުލޫމާތު ވެސް ދޭން ޖެހޭނެ ކަމަށެވެ. އަދި ސައްހަ ނޫން މައުލޫމާތު ނުވަތަ މައުލޫމާތު ފުރިހަމަ ނުކޮށް ހުރި ނަމަ، "ޕަވާ އޮފް އެޓާނީ" ބާތިލުކުރާނެ ކަމަށް ވެސް ބުންޏެވެ.
މިހާރު އޮތް ގޮތުން ހިޔާ ފްލެޓަށް 25 އަހަރަށް ބަހާލައިގެން މަހަކު 7،500 ރުފިޔާ ދައްކަން ޖެހޭނެ އެވެ. އެ މުއްދަތު 25 އަހަރަށް ވުރެ ކުޑަ ކުރަން ބޭނުންވާ މީހުން އެޗްޑީސީ އަށް އެކަން އަންގަން ޖެހެ އެވެ. އަދި ޑައުންޕޭމަންޓް ދައްކަން ބޭނުންވާ މީހުންނަށް ވެސް އެ ފުރުސަތު ހުޅުވާލާނެ އެވެ. އެކަމަކު ފްލެޓަށް ފައިސާ ދައްކާ މުއްދަތު ބަދަލުކުރަން ހުށަ ނާޅާ ނަމަ އެމީހުންގެ އެއްބަސްވުން ތައްޔާރުކުރާނީ 25 އަހަރުން ފައިސާ ދައްކާ ގޮތަށް ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.
އެޗްޑީސީން ބުނި ގޮތުގައި އެ މައުލޫމާތު ފޯމު އޮންލައިންކޮށް ހުށަނޭޅޭ ނަމަ އެމީހުންގެ ފޯމު ބަލައިގަންނާނީ ހުރަވީ ސްކޫލުގެ ހޯލުގަ އެވެ. އެކަމަކު ކޮވިޑާ ގުޅިގެން އެޗްޑީސީން އެދިފައި ވަނީ ވީހާ ވެސް ގިނަ ބަޔަކު ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށެވެ.
ކޮންމެ ޓަވަރަކުން ފްލެޓް ލިބުނު މީހަކަށް ވެސް އޮންލައިން ޕޯޓަލް ބޭނުންކުރެވޭނެ އެވެ. އެކަމަކު ޕޯޓަލްގައި އަލަށް ރަޖިސްޓަރީ ކުރުމަށް ފޮނުވައި ރިކުއެސްޓްތައް އެޕްރޫވްކުރާނީ ހެނދުނު 9:00 އިން ރޭގަނޑު 12:00 އަށެވެ.
އެޗްޑީސީން ބުނީ މިހާތަނަަށް ގުރުނަގައި ނިމިފައި ނުވާ މީހުންނަށް، ފްލެޓް ގުރުއަތުލާ ނިމުމުން، ވަކިން މި ފުރުސަތު އެ މީހުންނަށް ވެސް ހުޅުވައިލާނެ ކަމަށެވެ. އަދި ތާވަލާ އެއްގޮތަށް އެއްބަސްވުމުގައި ސޮއިކުރަން ނާދެވޭ މީހުންނާއި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭނުންވާ މައުލޫމާތުތައް ދީފައިވާ މުއްދަތަށް ހުށަހަޅާފައި ނުވާ މީހުންނާ އެކު އެއްބަސްވުމުގައި ސޮއިކުރާނީ އެހެން އެންމެންގެ އެއްބަސްވުންތަކުގައި ސޮއިކޮށް ނިމުމުންނެވެ.
ހިޔާ މަޝްރޫއުގެ އެއްބަސްވުންތަކުގައި ސޮއިކުރަން ފަށާނީ އަންނަ ހަފްތާގެ ބުދަ ދުވަހު އެވެ. އެގޮތުން ސޮއިކުރާނީ ފަހަރަކު ޓަވަރަކުން ފްލެޓް ލިބުނު މީހުންގެ މެދުގަ އެވެ.