05 ޖުލައި 2021 - 21:46

ގދ. ތިނަދޫން މިއަދު ކޮވިޑް-19 އަށް 44 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް، ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން މިރޭ ބުނެފި އެވެ.
އެ ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު، "މިހާރު" އަށް ވިދާޅުވި ގޮތުގައި މިއަދު ކޮވިޑަށް ޕޮޒިޓިވްވި 44 މީހުންގެ ތެރެއިން 40 މީހުންނަކީ އެކި މީހުންގެ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވާ މީހުންނެވެ.
އޭނާ ވިދާޅުވީ މިއަދު އެހާ ގިނަ ބަޔަކު ޕޮޒިޓިވްވެފައި މިވަނީ ތިނަދޫގައި ހުންނަ އެމްޓީސީސީގެ ސައިޓެއްގައި މަސައްކަތްކުރާ ގިނަ ބަޔަކަށް ބަލި ޖެހިގެން ކަމަށެވެ. އެތަނުން އެކަނި ވެސް 36 ބިދޭސީއަކަށް ކޮވިޑް ޖެހުނެވެ. އަދި ރޯގާގެ އަލާމާތް ފެނިގެން ފްލޫ ކްލިނިކަށް ދެއްކި ބަޔަކު ވެސް ޕޮޒިޓިވްވެފައިވެ އެވެ.
މިއީ ތިނަދޫގައި ކޮވިޑް ފެތުރެން ފެށި ފަހުން އެރަށުން އެއް ދުވަހެއްގައި އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވި ދުވަހެވެ.
ކޮވިޑް-19 ގެ ހާލަތު އިތުރަށް ގޯސްވަމުންދާތީ، ތިނަދޫގައި ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް، 24 ގަޑިއިރު ކާފިއުއެއް ވެސް ދަނީ ހިންގަމުންނެވެ.
އާބާދީ 12،000 އަށް ވުރެ ބޮޑު ތިނަދޫގައި އެކްޓިވް ކޭސްތަކުގެ އަދަދު 280 ގައި ހުރިއިރު، ކަރަންޓީނުގައި 197 ގެއެއް އެބަ ހުއްޓެވެ. އެރަށުން ބަލި ޖެހުނު މީހުންގެ އަދަދު 797 އަށް އަރަ އެވެ. އަދި 515 މީހަކު މިހާތަނަށް ބަލިން ރަނގަޅުވެފައިވެ އެވެ.