05 ޖުލައި 2021 - 20:30

ސްރީ ލަންކާގެ މައުންޓް ލެވީނިއާ ސަރަހައްދުގައި ކުޑަ އަންހެން ކުއްޖަކު ލައްވައި އެތައް ދުވަހެއް ވަންދެން ހަށި ވިއްކުވި މައްސަލައެއްގައި ހައްޔަރުކުރި ދިރާގުގެ ކުރީގެ ޗެއާމަން އަދި ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީގެ ބަންދަށް 10 ދުވަސް ކޮލަމްބޯ ފޯޓް މެޖިސްޓްރޭޓް ކޯޓުން މިއަދު ދީފި އެވެ.
ސީރިއަސް މި މައްސަލައިގެ ތުހުމަތަށް މިހާތަނަށް ހައްޔަރުކުރި 32 މީހުންގެ ތެރެއިން ދިވެއްސަކަށް ހިމެނެނީ އަޝްމަލީ އެކަންޏެވެ. އަދި މިއަދު މެންދުރު ފަހު އަޝްމަލީގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
އަޖިތު ވިދާޅުވި ގޮތުގައި އަޝްމަލީ ހައްޔަރުކުރީ ކުއްޖާއާ ޖިންސީ ގުޅުން ހިންގަން ދިޔަ ކަސްޓަަމަރެއް ކަމަށް ތުހުމަތު ކުރެވިގެންނެވެ. އަދި ހަށިވިއްކުމުގެ ނެޓްވޯކަށް އެހީތެރިވި މީހެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށް ވިދާޅުވި އެވެ.
އިންޓަނެޓް މެދުވެރިކޮށް އަންހެން ކުއްޖާ ގަތުމުގެ ތުހުމަތުގައި އަޝްމަލީ ހައްޔަރުކޮށް ބަލަމުން ދަނީ ކުޑަކުއްޖެއްގެ ބޭނުން ޖިންސީ ގޮތުން ނަހަމަ ގޮތުގައި ހިފުމުގެ މައްސަލައެއްގެ ގޮތުގަ އެވެ. އަޝްމަލީ އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރިކަން އަދި ސާފެއް ނުވެ އެވެ.
އަޝްމަލީގެ އިތުރުން އެ މައްސަލައާ ގުޅިގެން ކުއްޖާގެ މަންމަ އާއި އޮޓޯ ޑްރައިވަރަކާއި ކާރު ޑްރައިވަރަކާއި ފާދިރީއަކާއި ގަހަނާގެ ވިޔަފާރިކުރާ މީހެއްގެ އިތުރުން އެ ކުއްޖާ ވިއްކަން ހޮޓަލުން ކޮޓަރި ހަމަޖެއްސި އެ ހޮޓަލުގެ މެނޭޖަރު ވެސް ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެ އެވެ.