05 ޖުލައި 2021 - 20:52

ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކޮށް ބެލްޖިއަމްގައި ސްޓޭމްޕެއް ތައާރަފްކޮށްފި އެވެ.

މިއަދު ހަވީރު ބޭއްވި "ޒޫމް" ބައްދަލުވުމެއްގައި މި ސްޓޭމްޕް ތައާރަފްކޮށްދެއްވައި، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު ވިދާޅުވީ، ޓޫރިޒަމްގެ ރަން ޔޫބިލް ފާހަގަކުރުން ފެށުމަށް މިފަދަ ކަމެއް ބެލްޖިއަމްގެ އެމްބަސީން އިސްނަގައިގެން ކުރުމުން އުފާކުރައްވާ ކަމަށެވެ.
މި ރަސްމިއްޔާތުގައި ބެލްޖިއަމާއި ޔޫރަޕިއަން ޔޫނިއަންއަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީރު ހަސަން ސޯބިރު ވިދާޅުވީ، އެ ސަރަހައްދުގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރަން މުހިއްމު، ގިނަ މަސައްކަތްތަކެއް ބެލްޖިއަމްގެ އެމްބަސީ މެދުވެރިކޮށް ކުރަމުން އަންނަ ކަމަށެވެ.
މި މަސައްކަތުން އެ ސަރަހައްދުގައި ރާއްޖޭގެ މަގްބޫލުކަން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދު ތައާރަފްކުރި ސްޓޭމްޕްގައި ޖަހާފައި ވަނީ ރާއްޖޭގެ ޓޫރިޒަމްގެ ރަން ޔޫބީލްގެ ލޯގޯ އެވެ.
ކޮވިޑް-19 އާ ހެދި ބޯޑަރު ބަންދުކުރުމަށް ފަހު މިދިޔަ އަހަރުގެ ޖުލައި މަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލި ފަހުން ޓޫރިޒަމް ވަރަށް ބާރަށް ކުރިއަރަމުން އައި ނަމަވެސް މިދިޔަ މެއި މަހު އަނެއްކާ ވެސް ކޮވިޑްގެ ހާލަތު ގޯސްވެ ޓޫރިސްޓުން ރާއްޖެ އައުން މަދުވެފަ އެވެ. މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، ޓޫރިސްޓުން އައުން މިދިޔަ ދެ މަހު ދަށްވުމަށް ފަހު އަނެއްކާ ވެސް ޓޫރިސްޓުން އިތުރުވާން ފަށާފައިވާ ކަމަށެވެ.
"މިއަހަރު ނިންމަންވާނީ ޓާގެޓްތައް ހާސިލުކޮށް ކާމިޔާބު ކަމާ އެކު. މިއަހަރަށް ކަނޑައެޅި ޓާގެޓްތައް ހާސިލުވާނެ ކަމަށް ވަރަށް ބޮޑު އުންމީދެއް އެބައޮތް،" މިނިސްޓަރު ވިދާޅުވި އެވެ.