24 ނޮވެމްބަރ 2016 - 11:33

ނުހައްގު އަދަބުން ރާއްޖެ ޓީވީގެ ޒުވާން ދެ ނޫސްވެރިން ސަލާމަތްކޮށްދޭން އެ ސްޓޭޝަނުން މިއަދު ގޮވާލައިފި އެވެ.
ރާއްޖެ ޓީވީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ސްޓޭޝަނުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ވިސާމާއި ލީވާން އަލީ ނާސިރުގެ މައްޗަށް ނުހައްގުން އުފުލާފައިވާ ޖިނާއީ ދައުވާއާ މެދު ގިނަ ބަޔަކު ކަންބޮޑުވުންފާޅުކުރަމުން ދަނިކޮށް ހުކުމް އިއްވުން އަންނަ މަހުގެ 19 އަށް ޝެޑިއުލްކޮށްފައިވާ ކަމަށެވެ. މިއީ، ރާއްޖެ ޓީވީން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށާއި މިކަން ހުއްޓުވައިދޭން ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި އަމިއްލަ ޖަމިއްޔާތަކަށް ބަޔާނުގައި ގޮވާލާފައިވެ އެވެ.
ރާއްޖެ ޓީވީން ބުނީ ވިސާމާއި ލީވާންގެ މައްޗަށް އުފުލާފައި ވަނީ، ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅި ކަމުގެ ދައުވާ ކަމަށެވެ. އެ ދައުވާ އުފުލީ، ނޮވެމްބަރު 2، 2015، ގައި ފުލުހުންނާއި ސިފައިންގެ އޮޕަރޭޝަނެއް ކަވަރުކުރަން މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ހަރަކާތްތެރިވި ރާއްޖެ ޓީވީގެ ޓީމުގައި ހިމެނޭ އެ ސްޓޭޝަނުގެ ސީއޯއޯ ހުސެއިން ފިޔާޒް ހައްޔަރުކުރާ ތަން ފެނިގެން އެ ސަރަހައްދަށް ދިއުމުން ކަމަށް ވެސް ބަޔާނުގައިވެ އެވެ.
ނޫސްވެރިން އެ ވަގުތު އެ ސަރަހައްދުގައި ހަރަކާތްތެރިވީ، އެ މީހުންގެ ވާޖިބު އަދާކުރުމުގެ ގޮތުން ކަމަށް ރާއްޖެ ޓީވީން ބުންޏެވެ. މަސައްކަތުގެ ވާޖިބު އަދާކުރަމުން ދަނިކޮށް އެކަމަށް ހުރަސްއަޅައި ހައްޔަރުކޮށް ބަންދުގައި ބައިތިއްބައި ދައުވާ އުފުލުމުން އަންގައިދެނީ، ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ބިރުވެރި ކަމުގެ ތެރެއަށް ވެއްޓިފައިވާ މިންވަރު ކަމަށް ރާއްޖެ ޓީވީން ބުންޏެވެ.
"ޑިސެމްބަރު 19 ގައި އޮންނަ އަޑުއެހުމުގައި ދެ ނޫސްވެރިންގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ 22 އަހަރުގެ ވިސާމާއި 20 އަހަރުގެ ލީވާންގެ މައްޗަށް 12،000ރ.ގެ ޖޫރިމަނާއެއް ނުވަތަ ހަ މަހުގެ ޖަލު ހުކުމެއް އަންނާނެ ކަން ފާހަގަކޮށްފައިވާއިރު މީން އެއްވެސް އަދަބަކީ އެ ދެ ނޫސްވެރިންގެ މައްޗަށް ހައްގުވާނެ އަދަބެއް ނޫން ކަން މި ސްޓޭޝަނުން ތަކުރާރުކޮށް ފާހަގަކުރަމެވެ،" ބަޔާނުގައިވެ އެވެ.
ބަޔާނުގައި ބުނީ ހުކުމް އިއްވައި އަދަބެއް ދީފި ނަމަ ވެސް އެ ސްޓޭޝަނުން ބަލާނީ އެއީ ނުހައްގު އަނިޔާއެއް އަދި ކުރިއަރަމުން އަންނަ ދެ ނޫސްވެރިއެއްގެ ކުރި މަގު ހަލާކުކޮށްލަން ކުރި ކަމެއްގެ ގޮތުގައި ކަމަށެވެ.
ރާއްޖޭގެ ނޫސްވެރިކަމުގެ ހާލަތު ދުވަހެއް ދުވަހަކަށް ދަށަށް ދާ ކަން ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް އާއި ސީޕީޖޭ ފަދަ ޖަމިއްޔާތަކުން ފާހަގަކޮށްފައިވާ ކަމަށް ބަޔާނުގައިވެ އެވެ.
"ރާއްޖޭގެ ނޫސްވެރިކަން މިހާ ދަށު ހާލަތަކަށް ވެއްޓިފައިވާ މި ދަނޑިވަޅުގައި ޒުވާން ނޫސްވެރިންތަކެއްގެ މައްޗަށް އެ މީހުން ނުކުރާ ކަމެއްގެ މައްޗަށް ހުކުމެއް އައުމަކީ ރާއްޖެ އިތުރަށް ދުނިޔޭގެ ކުރިމަތީގައި ބަދުނާމުވެ ރާއްޖޭގެ އަގު އިތުރަށް ވެއްޓިގެންދާނެ ކަމެއް ކަމުގައި ނޫނީ ނުވާނެ އެވެ،" ރާއްޖެ ޓީވީގެ ބަޔާނުގައިވެ އެވެ.