05 ޖުލައި 2021 - 16:13

ރ. އަލިފުށީގައި އަންހެނަކު ރޭޕް ކުރި މައްސަލައިގައި މީހަކަށް ދައުވާކޮށްފި އެވެ.
އަންހެނަކު ގޭގައި ނިދާފައި އޮއްވައި ވަދެ ރޭޕް ކުރި މައްސަލައިގައި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު މިއަދު ވިދާޅުވީ، އެ މައްސަލައިގައި ދައުވާކޮށްފައި ވަނީ އަލިފުށީ ރޯޝަނީއާގެ، ނާއިލް އަބްދުﷲ ގެ މައްޗަށް ކަމަށެވެ.
ރޭޕްގެ މި ކޭސް ފެންމަތިވީ އަލިފުށީގައި ކަމަށް ވިޔަސް، އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅީ، ކޯޓުތަކުގެ ގާނޫނުގެ ދަށުން އެ ފަދަ މައްސަލަތައް މެޖިސްޓްރޭޓް ކޯޓުތަކަށް ނުބެލޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖިންސީ ކުށުގެ ގާނޫނުގައިވާ ގޮތުން ރޭޕްގެ ކުށުގެ އަދަބަކީ 15 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެކެވެ. ރޭޕް ކުރީ ނުރައްކާތެރި ހަތިޔާރެއް ބޭނުން ކޮށްގެން ނަމަ އަދަބަކީ 20 އަހަރާއި 25 އަހަރާ ދެމެދުގެ ޖަލު ހުކުމެކެވެ.
ޖިންސީ ގޯނާގެ މައްސަލަތަކުގައި ޕީޖީ އޮފީހުން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންދާ ކަމަށް ޕީޖީ ހުސެއިން ޝަމީމް ވަނީ ވިދާޅުވެފަ އެވެ.
ފުވައްމުލަކުގައި ދޮންދަރިއަކާ ބެހުނު މީހަކު 32 އަހަރަށް ޖަލަށް ލާން ދާދި ފަހުން ހުކުމްކޮށްފައިވެ އެވެ. އެ މައްސަލަ ވެސް ކާމިޔާބު ކުރެވުނީ ޕީޖީ އޮފީހުގެ އިތުރުން ތަހުގީގީ އިދާރާތަކުގެ މަސައްކަތުން ކަމަށް ޝަމީމް ވިދާޅުވެފައިވެ އެވެ.