05 ޖުލައި 2021 - 11:59

ވުލްވާހެމްޓަން، އިންގްލެންޑް (ޖުލައި 5) - ބާސެލޯނާގެ ޒުވާން ފޯވަޑް ފްރެންޗިސްކޯ ޓްރިންކާއޯ ލޯން އެއްބަސް ވުމުގެ ދަށުން ވުލްވާހެމްޓަން ވޮންޑާސް (ވުލްވުސް) އަށް ބަދަލު ވެއްޖެ އެވެ.
ޕޯޗަގްލަގެ ސްޕޯޓިން ބްރާގާ އިން މިދިޔަ އަހަރު ބާސާ އަށް ބަދަލުވި ޓްރިންކާއޯ ވަނީ މިިދޔަ ސީޒަންގައި ބާސާ އަށް 42 މެޗު ކުޅެފަ އެވެ.
ޕޯޗްގަލްގެ ފޯވަޑު ލޯން އުސޫލުން ވުލްވްސް އަށް ދޫކޮށްލަން ބާސާ އިން އެއްބަސްވީ، ވުލްވްސް ބޭނުން ނަމަ އޭނާ ލައްވައި ދާއިމީ ކޮންޓްރެކްޓެއްގައި ސޮއިކުރުމުގެ އިހްތިޔާރު ލިބޭ ގޮތަށެވެ. ދާއިމީ ކޮންޓްރެކްޓެއްގައި ސޮއިކުރުވާ ނަމަ ވުލްވުސް އިން 34 މިލިއަން ޑޮލަރު ބާސާ އަށް ދައްކަން ޖެހޭނެ އެވެ.
ޓްރިންކާއޯ، 21، ވަނީ މިދިޔަ ސީޒަންގައި ލަ ލީގާގެ 28 މެޗުގައި ކުޅެ މެޗަކަށް 0.79 ހަމަލާ އުފައްދައިފަ އެވެ. ހަމަލާ އުފެއްދުމުގައި އޭނާ އަށް ވުރެ ކުރީގައި އުޅެނީ ކެޕްޓަން ލިއޮނެލް މެސީ އާއި ފިލިޕޭ ކުޓީނިއޯ އެވެ.
ބްރާގާގައި 48 މެޗު ކުޅެ ޓްރިންކާއޯ ވަނީ 22 ލަނޑު ޖަހައިފަ އެވެ. ބާސާގައި އޭނާ އަށް ޖެހުނީ ފަސް ލަނޑެވެ. ޔޫރޯގައި ޕޯޗްގަލްގެ ސްކޮޑުގައި ނުހިމެނުނަސް މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ގައުމީ ޓީމުން ޖާގަ ހޯދައި ހަ މެޗު ކުޅެނެވެ. ވުލްވުސްގައި އޭނާއާ އެކު ކުޅޭނެ ޕޯޗްގަލްގެ ހަ ކުޅުންތެރިން ހިމެނެ އެވެ. އެއީ ޕޯޗަގްލްގެ ގައުމީ ޓީމުގައި ވެސް އޭނާއާ އެކު ކުޅުނު ކުޅުންތެރިންނެވެ.