ޕެލަސްގެ ކޯޗަކަށް ޕެޓްރިކް ވިއޭރާ
ޕެލަސްގެ ކޯޗަކަށް ޕެޓްރިކް ވިއޭރާ

ލަންޑަން (ޖުލައި 5) - ކްރިސްޓަލް ޕެލަސްގެ ކޯޗަކަށް އާސެނަލްގެ ކުރީގެ ކެޕްޓަން ޕެޓްރިކް ވިއޭރާ ހަމަޖައްސައިފި އެވެ.

މިދިޔަ ސީޒަނަށް ފަހު ޕެލަސްގެ ކޯޗުކަން ރޯއީ ހޮޖްސަން ދޫކޮށްލުމުން، އެ ކަލްބުން ވަނީ ކޯޗަކު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. ބޮރޫޝިއާ ޑޯޓަމަންޑުގެ ކުރީގެ ކޯޗު ލޫސިއަން ފާވްއާ އެކު އެއްބަސްވުމަކަށް އާދެވި ސޮއިކުރާ ހިސާބަށް ދިޔަ އެވެ. ނަމަވެސް ފަހު ވަގުތު އޭނާ ވަނީ ޕެލަސްއާ ހަވާލުވާން ބޭނުން ނުވާ ކަމަށް އަންގައިފަ އެވެ.

އާސެނަލް އަށް ނުވަ އަހަރު ކުޅުނު ފްރާންސްގެ ކުރީގެ މިޑްފީލްޑަރު ބުނީ އަލުން ޕްރިމިއާ ލީގަށް ދާން ފުރުސަތު ލިބުމަކީ އޭނާ އަށް ލިބުނު ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ. އޭނާ ވަނީ އާސެނަލްއާ އެކު ތިން ފަހަރު ޕްރިމިއާ ލީގު ހޯދައިފަ އެވެ.

ޕެލަސްއާ ހަވާލުވުމުގެ ކުރިން ވިއޭރާ ވަނީ ނިއު ޔޯކު ސިޓީ އެފްސީގެ އިތުރުން ނީސްގެ ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފަ އެވެ. އޭނާ ނީސް އާ ހަވާލުވީ، ޕެލަސްގެ މަގާމާ ހަވާލުވާން ބޭނުން ނުވި ފާވްގެ ބަދަލުގަ އެވެ. މިދިޔަ އަހަރާ ހަމައަށް އެ ޓީމުގައި މަސައްކަތް ކުރި އެވެ. އެ ޓީމުގައި އޭނާ އަށް ވަޒީފާ ގެއްލުނީ މިދިޔަ އަހަރު ޖެހިޖެހިގެން ފަސް މެޗުން ބަލިވުމުންނެވެ.

އޭނާ ބުނީ، ޕެލަސް އިން ގިނަ ދުވަސްތަކެއް ޕްރިމިއާ ލީގުގައި ހޭދަކޮށްފައިވުމުން އެ ކްލަބު އޮތީ ރަނގަޅު ބިންގަލެއްގެ މަތީގައި ކަމަށެވެ. އެ ކްލަބާ ހަވާލުވާން އޭނާ އެއްބަސްވި އެއް ސަބަބަކީ ވެސް އެއީ ކަމަށް ވިއޭރާ ބުންޏެވެ.