05 ޖުލައި 2021 - 00:29

ވެލިދޫ އައިލެންޑް ރިސޯޓުގެ ރެސްޓޯރެންޓް ސުޕަވައިޒަރަކަށް އުޅުނުއިރު މުހައްމަދު ސައީދާ ބައްދަލުވި ޖަރުމަނުގެ އާއިލާއެކެވެ. އޭނާގެ ފަރާތުން އެ ދެމަފިރިން ބޭނުންވީ ހެނދުނު ޑައިވިންނަށް ދާއިރު އެ މީހުންގެ ދެ އަހަރުގެ ފިރިހެން ދަރިފުޅު ސަބެސްޓަން ބަލައި ދޭށެވެ. އއ. ރަސްދު އަށް އުފަން ސައީދު އެކަން ވަރަށް ރަނގަޅަށް ކުރި އެވެ.

އެ އޯގާތެރިކަން ޖަރުމަނުގެ އެ އާއިލާ ބަލައިގަންނަކަން އެނގުނު އެއް ކަމަކީ، އަންނަ އޮގަސްޓް މަހު ސަބެސްޓަންގެ 18 ވަނަ އުފަން ދުވަސް ފާހަގަކުރުމަށް ސައީދުއާ ބައްދަލުކުރެވޭނެ ގޮތް ހެދުމަށް އެދުމުންނެވެ.
"ރިސޯޓް ވޯކާސް" ޕޭޖަށް އެ އާއިލާ އިން ފޮނުވި މެސެޖުގައި ބުނެފައިވަނީ ސައީދަކީ ސެބަސްޓިއަންގެ ރަނގަޅު އެކުވެރިއެއް ކަމަށެވެ. އެހެންވެ، އެ މެސެޖު އާއްމުކޮށް ސައީދުއާ ބައްދަލުކުރެވޭނެ ގޮތް ހަދައިދިނުމަށް އެދިފައިވެ އެވެ. އެއާއެކު، ރިސޯޓު ވޯކާސް ގްރޫޕުން އެ މެސެޖުގެ ސްކްރީންޝޮޓެއް ފޭސްބުކްގައި ހިއްސާކުރުމުން 400 އަށް ވުރެ ގިނަ ލައިކާއި 800 އަށްވުރެ ގިނަ ޝެއާ ލިބިފައިވެ އެވެ.
އޭގެ ދެ ތިން ގަޑިއިރު ފަހުން އެ މީހުން ވަނީ ވީޑިއޯ ކޯލު މެދުވެރިކޮށް ސައީދުއާ ބައްދަލުކޮށް ވާހަކަދައްކައިފަ އެވެ.
މީގެ 12 ވަރަކަށް އަހަރު ކުރިން ރިސޯޓު ވަޒީފާ އިން ވަކިވެ އަމިއްލަ ދޯނީގައި މަސްވެރިކަން ކުރާ ސައީދު "މިހާރު" އަށް މިރޭ ބުނީ އަހަރުތަކެއް ފަހުން ޖަރުމަނުގެ އެ އާއިލާއާ ބައްދަލުވުމުން ވަރަށް އުފާވި ކަމަށެވެ. އެ މީހުން ވެސް ތިބީ އުފަލުން ރޮވިފައި ކަމަށް ސައީދު ބުންޏެވެ.
ސައީދަށް ސެބަސްޓަންއާ އެންމެ ފުރަތަމަ ބައްދަލުވީ މީގެ 16 އަހަރުކުރިންނެވެ. އޭގެ ފަހުން، ޖެހިޖެހިގެން ތިން އަހަރު އެ އާއިލާ ރާއްޖެ އައުމުން ވެސް ސެބަސްޓަންގެ ކަންކަން އެންމެ ގާތުން ބެލެހެއްޓީ ސައީދެވެ.
"ވަރަށް ޑައިވިންކުރާނެ އެ ދެމަފިރިން. އެގޮތަށް ހެނދުނު ދާ ގޮތަށް ލަހުން އަންނާނީ ޑައިވިން ނިންމާފައި. އެންމެ ފުރަތަމަ ރިސޯޓަށް އައިސްފައި އެ ދެ މީހުން އެހީ ކުއްޖާ ބެލިދާނެތޯ. އަޅުގަނޑު ބުނިން އާނއެކޭ. އެކަން ވާނެއޭ. އޭގެ ފަހުން އެ މީހުން ޑައިވިންނަށް ދާއިރަށް އަޅުގަނޑު އެ ކުއްޖާ ބަލާނީ،" ސައީދު ބުންޏެވެ.
އޭނާ ބުނީ އެ ދެމަފިރިން ޑައިވިންނަށް ދިއުމުން ޑިއުޓީ އަށް ވެސް ދަނީ ސެބަސްޓަން ގޮވައިގެންނެވެ. އެ ކުއްޖާ އަށް ކާންދީ ރީތިކޮށްދިނީ ވެސް ސައީދު އަމިއްލައަށެވެ. ސައީދަށް ވެސް ކޮންމެ ވެސް ވަރަކަށް ޖަރުމަނު ބަސް އެނގޭތީ ސެބަސްޓަންއާ މުއާމަލާތްކުރަން ފަސޭހަވެ، އެ ދެ މީހުންގެ މެދުގައި ވެސް ހާއްސަ ގުޅުމެއް އުފެދުނެވެ.
"ޑައިވިން ނިންމާލާފައި މެންދުރު ފަހު އެ ދެމަފިރިން ސަބެސްޓަން ބަލާ ދާނެ. އެ ކުއްޖާގެ ދޮއްޓަށް އިތުރު މީހުން ވެސް ތިބޭނެ. އެކަމަކު އަޅުގަނޑު ކައިރީގައި ސަބެސްޓަން ހުންނާނީ. ތިން ހަފުތާވަންދެން އެ ގޮތަށް އެ ކުއްޖާ ބަލަހައްޓާއިރު ވަރަށް ގާތްވެފައި ދޯ ހުންނާނީ،" އޭނާ ބުންޏެވެ.
"އެ ކުއްޖާގެ ފަސް ވަނަ އުފަން ދުވަސް ވެސް ރިސޯޓުގައި ވަރަށް ބޮޑަށް ފާހަގަކުރި. ރިސޯޓު ފަރާތުން އެކަމުގައި އިސްކޮށް އުޅުނީ އަޅުގަނޑު،" ސައީދު ބުންޏެވެ.
މީގެ 2-3 އަހަރު ކުރިން ވެސް އެ ދެމަފިރިން އެހެން ރިސޯޓަކަށް ޗުއްޓީ އަށް އައިސް ސައީދުއާ ބައްދަލުކުރަން އުޅުނެވެ. ނަމަވެސް ކަނޑުމައްޗަށް ނުކުމެ އުޅުމުން ފޯނުގެ ރޭންޖު ލިބޭ ގޮތެއް ނުވެ، އެކަން އޭރު ކާމިޔާބުނުވީ އެވެ.
ސަބެސްޓަންނާ ގުޅިފައިވާ ސައީދުގެ އެންމެ ފޮނި ހަނދާނަކީ، އެ ކުއްޖާގެ އަތުގައި ރިންގު އަޅުވައިގެން ސައީދާ ދެ މީހުން ފަޅުތެރޭގައި އޮވެ، މަސްތަކަށް ކާން ދިނުމެވެ.
"އޭނާ އޮންނާނީ އަޅުގަނޑުގެ ގައިގައި ބައްދާލައިގެން. އެގޮތަށް އޮވެގެން ދެ މީހުން އުޅޭނީ މަސްތަކަށް ކާންދޭން. އެ ދުވަސްތައް ވަރަށް ހަނދާން ހުރޭ،" ސައީދު ބުންޏެވެ.
ޖަރުމަނުގެ އެ އާއިލާ ބޭނުން ވަނީ ވީހާ ވެސް އަވަހަކަށް ސައީދުއާ ބައްދަލުކުރާށެވެ. އޭނާ ވަނީ، ގެސްޓްހައުސްގައި ކުރިއަރަމުން އަންނަ ރަސްދުއަށް، ދިއުމަށް އެ އާއިލާއަށް ދައުވަތު ދީފަ އެވެ. އެއާއެކު، އެ ދައުވަތު ގަބޫލުކޮށް، އެ މީހުން ތިބީ ވީހާ ވެސް އަވަހަކަށް ރާއްޖެ އަންނަން ކެތްމަދުވެފަ އެވެ.