ފުލުހުންގެ އިސް ބައެއް މަގާމުތަކަށް ބަދަލު ގެނެސްފި
ފުލުހުންގެ އިސް ބައެއް މަގާމުތަކަށް ބަދަލު ގެނެސްފި

މޯލްޑިވްސް ޕޮލިސް ސާވިސްގެ ބައެއް އިސް މަގާމްތަކަށް ބަދަލު ގެނެސްފި އެވެ.

ފުލުހުން ބުނީ އާންމު އުސޫލުން އިދާރީ ހިންގުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން ޓްރެއިނިން އެންޑް ޑިވެލޮޕްމަންޓާއި، ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑް އަދި ސެންޓްރަލް ޕޮލިސިން ކޮމާންޑްގެ އިސް މަގާމުތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

އެގޮތުން މާލެ ސަރަހައްދު ހިމެނޭ ސެންޓްރަލް ޕޮލިސިން ކޮމާންޑުގެ ހެޑަކަށް ހުންނެވި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން ވަނީ ޓްރެއިނިން އެންޑް ޑިވެލޮޕްމެންޓްގެ ހެޑުގެ މަގާމަށް ބަދަލު ކޮށްފަ އެވެ.

ނަވީން އަދާކުރެއްވި މަގާމަށް އައްޔަން ކޮށްފައި ވަނީ ހެޑް އޮފް ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުގެ މަގާމުގައި ހުންނެވި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އެވެ.

މީގެ އިތުރުން ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުގެ ހެޑުގެ މަގާމަށް ބަދަލު ކުރީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަބްދުއްރަހްމާން އެވެ. އޭނާ ކުރިން ހުންނެވީ ޓްރެއިނިންގެ އިސް ވެރިޔާގެ މަގާމުގަ އެވެ.