04 ޖުލައި 2021 - 14:52

ޕެރަނަމްބޫކާނޯ، ބްރެޒިލް (ޖުލައި 4) - ދުނިޔޭގެ އެންމެ ދަށް ޓީމުގެ ގޮތުގައި މަޝްހޫރުވެފައިވާ، ބްރެޒިލްގެ އިބިސް ސްޕޯޓްސް ކްލަބުން، އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އަށް ހެއްވާ ކޮންޓްރެކްޓެއް ހުށަހަޅައިފި އެވެ.
އެފްސީ ބާސެލޯނާއާ އެކު މެސީ ހަދާފައިވާ ކޮންޓްރެކްޓް މިދިޔަ ބުދަ ދުވަހު ވަނީ ހަމަވެފަ އެވެ. އެހެންވެ މިހާރު އޭނާ އަކީ ކްލަބެއް ނެތް ފްރީ ކުޅުންތެރިއަކަށެވެ.
ބްރެޒިލްގެ އުތުރު ސަރަހައްދުގައި އޮންނަ ޕެރަނަމްބޫކާނޯ ސްޓޭޓް ލީގުގެ ދަށް ޑިވިޝަންގައި ވާދަކުރާ އިބްސް އިން ވަނީ މެސީ އަށް 15 އަހަރުގެ ކޮންޓްރެކްޓެއް ހުށަހަޅައިފަ އެވެ.
އެ ކްލަބުގެ ކޮންޓްރެކްޓްގައި ސޮއިކުރާ ނަމަ މެސީ ބޮޑު ކަމަކަށް އެއްބަސްވާން ޖެހޭނެ އެވެ. އެއީ އާޖެންޓީނާގެ ފުޓުބޯޅަ ލެޖެންޑް ޑިއޭގޯ މެރަޑޯނާ އަށް ވުރެ ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ޕެލޭ މޮޅު ކަމަށް ހުވައި ކުރުމެވެ. އަދި އެ ކްލަބާ އެކު ޗެމްޕިއަނަކަށް އޭނާ ވެއްޖެ ނަމަ ކޮންޓްރެކްޓް އުވާލާނެ ކަމަށް ވެސް އެ ކްލަބުން ސޯޝަލް މީޑިއާގައި އިއުލާން ކޮށްފައިވެ އެވެ.
އެ ކްލަބުގައި މެސީ އަށް ހުށަހަޅާނީ 10 ނަންބަރު ޖޯޒީއެއް ނޫނެވެ. ސަބަބަކީ މައުރޯ ޝެމްޕޫ ކިޔާ ކުޅުންތެރިޔަކަށް އެ ނަންބަރު ހާއްސަ ކޮށްފައިވުމުންނެވެ.
އިބްސް އަކީ އެންމެ ދަށް ޓީމުގެ ގޮތުގައި ދުނިޔޭގެ ރެކޯޑެއް ގާއިމުކޮށްފައިވާ ޓީމެކެވެ. ދުނިޔޭގެ ރެކޯޑް ލިސްޓްކޮށް ބަލަހައްޓާ ގިނިސް ބުކްގައިވާ ގޮތުން އިބިސް އިން ވަނީ މެޗަކުން މޮޅު ނުވެ ތިން އަހަރާއި 11 މަސް ވޭތު ކޮށްފަ އެވެ.