ޓޫރިޒަމް ރަންޔޫބީލް ލޯގޯ ބޭނުން ކުރެވޭނީ ހުއްދަ ހޯދައިގެން
ޓޫރިޒަމް ރަންޔޫބީލް ލޯގޯ ބޭނުން ކުރެވޭނީ ހުއްދަ ހޯދައިގެން

ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ތައާރަފު ކުރި ރަން ޔޫބީލް ލޯގޯ ރާއްޖެ ޕްރޮމޯޓް ކުރުމުގައި ބޭނުން ކުރެވޭނީ ހުއްދަ ހޯދައިގެން ކަމަށް ޓޫރިޒަމް މިނިސްޓްރީން އިއްޔެ ބުނެފި އެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ޓޫރިޒަމުގެ އެކި ކަންކަމުގައި ރަންޔޫބީލް ލޯގޯ ފުޅާ ދާއިރާއެއްގައި ބޭނުން ކުރުމަށް މިނިސްޓްރީން މަރުހަބާ ކިޔާ ކަމަށެވެ. ނަމަވެސް ލޯގޯ ބޭނުން ކުރަން ޖެހޭނީ އެ މިނިސްޓްރީގައި ރަޖިސްޓްރީވެގެން ވަކި މިންގަނޑުތަކާ އެއްގޮތަށް ކަމަށް އެ ބަޔާނުގައި ބުންޏެވެ.

މި ލޯގޯ ބޭނުން ކުރަން ބޭނުންވާ ފަރާތްތަކަށް މިހާރު އެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. މިކަމަށް އެދޭ ފޯމާއި ގައިޑްލައިން މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.

ވިޔަފާރި އުސޫލުން މި ލޯގޯ ބޭނުން ކުރުމުގެ ހުއްދަ ވެސް މިނިސްޓްރީން ދޫކުރާނެ އެވެ.

ޓޫރިޒަމް ރަންޔޫބީލް ލޯގޯ އިފްތިތާހު ކުރީ މި އަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ. ލޯގޯ ފަރުމާކޮށްފައި ވަނީ އަބްދުﷲ ނަޝާތު އާއި އަހުމަދު އަޒްލީފް އެވެ.

ރާއްޖޭގެ ޓޫރިޒަމް 50 އަހަރު ވާނީ އަންނަ އަހަރު އެވެ. ނަމަވެސް ސަރުކާރުން ވަނީ މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ތައްޔާރީތައް ފަށައިފަ އެވެ. އެގޮތުން، ޓޫރިޒަމް މިނިސްޓްރީ އާއި ޓޫރިޒަމް ދާއިރާ ތަމްސީލު ކުރާ ޖަމިއްޔާތައް ގުޅިގެން ކޮމިޓީއެއް ވެސް ވަނީ އެކުލަވާލައިފަ އެވެ.