ގޭސް ހޮޅިއެއް ފަޅައިގެންގޮސް ކަނޑުގައި އަލިފާން ހިފާފައި
ގޭސް ހޮޅިއެއް ފަޅައިގެންގޮސް ކަނޑުގައި އަލިފާން ހިފާފައި

ގަލްފު އޮފް މެކްސިކޯގެ ކަނޑު އަޑީގައި އޮތް ގޭސް ހޮޅިއަކުން އިއްޔެ ގޭސް ލީކްވުމުގެ ސަބަބުން، ކަނޑުގައި ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް މެކްސިކޯ އިން ބުނެފި އެވެ.

އަލިފާން ފަރުބަދައަކުން ދިޔާ އަލިފާން ބޭރުވާ ފަދަ ގޮތަކަށް، ކަނޑުގެ ސަތަހައިގެ މަތީގައި، ގުޅަގުޅަ އަށް އަލިފާނުގެ ހުޅުގަނޑުތައް އަރަމުންދާ މަންޒަރުތައް، ސޯޝަލް މީޑިއާގައި އިއްޔެއިން ފެށިގެން އަންނަނީ ދައުރުވަމުންނެވެ.

މިހާދިސާ ހިނގާފައިވަނީ މެކްސިކޯ ސަރުކާރުގެ ތެޔޮ ކުންފުނި ޕެމެކްސް އިން ތެޔޮ ނަގަމުންދާ ސަރަހައްދެއްގައި ކަނޑުގެ އަޑިން އަޅާފައި އޮތް ގޭސް ހޮޅިއެއް ލީކުވެގެން ކަމަށް، އެ ކުންފުނިން ބުނެ އެވެ. މި ހާދިސާގެ ސަބަބުން، ތެޔޮ ނަގާ ޕްލެޓްފޯމަށް އެއްވެސް ގެއްލުމެއް ނުލިބޭ ކަމަށާއި، އަދި މީހަކަށް ވެސް އެއްވެސް ގެއްލުމެއް ނުލިބޭ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ޕެމެކްސް އިން ބުނި ގޮތުގައި ކަނޑުގެ ލޮނުގަނޑު މަތީގައި ރޯވި އަލިފާންގަނޑު ނިއްވައިލީ، ކަނޑު އަޑީގައި އޮތް ގޭސް ހޮޅި އަށް ގޭސް ފޮނުވައިދޭ ކޮޅުގެ ވޭލު ބަންދުކޮށްލައިގެންނެވެ. މިއީ ފުޅާމިނުގައި އެއް ފޫޓު ހުރި ހޮޅިއެއް ކަމަށާއި، ކަނޑުއަޑީގައި އޮތް ބައިން ގޭސް ލީކުވި ސަބަބެއް ދެނެގަތުމަށް މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.