ބޮޑު ސިއްރު
ބޮޑު ސިއްރު

ބުދަ ދުވަހާ ގުޅޭ

"އަހަންނަކަށް އަދިވެސް ގަބޫލެއް ނުކުރެވޭ!" މަލްހާ ބުނެލިއެވެ. "ވިސްނި ވަރަކަށް ރުޅިގަދަވަނީ."

ޖީޒާ ވީ ދެރައެވެ. ހައިރާނެއް ނުވެއެވެ. މާޒީގައި ހިނގައިފައި ހުރި ކަންކަމަށް ވިސްނައިލުމުން، އެ ވާހަކަ ގަބޫލުކުރާކަށް ޖީޒާއަަކަށް އުނދަގުލެއް ނުވިއެވެ. ހިތަށްއެރިއެވެ. ރާމިޒާ ބުނި އެސްފީނާއަކީ އެއީއެވެ. މަލްހާ ގެއިން ނެރުނު ސަބަބަކީ ވެސް އެއީއެވެ. ފާއިޒުގެ ވަކިތަކުން ސަލާމަތްކުރުމަށް ޓަކައެވެ.

"އެހެންވެގެން ދޯ އަހަރެން މި ފަހަރު މާލެއައިސް އެ ގެއަށް ފުރަތަމަ ދިޔަ ދުވަހު އެ ގޮތަށް އޭނަ ބެލީ؟" ފަކުރުގަތުމުން މޫނުމައްޗަށް ގެންނަ ކަހަލަ ހަރަކާތްތަކެއް ގެނެސްފައި މަލްހާ ބުންޏެވެ.

ފާއިޒަށް ބޭބެ ކިޔުން ދޫކޮށްލައިފައި އޭނަ ކިއިކަން ޖީޒާއަށް ފާހަގަވިއެވެ. އެންމެ ފުރަތަމަ ކުރަންޖެހޭ ކަންތައް ރާމިޒާ ކުރި ނަމަ، ފަހުން ހިނގި އެއްވެސް ކަމެއް ނުހިނގީއެވެ. މަލްހާއަށް މަންމަ ކައިރީގައި ހުރެވުނީހެވެ. ހަސްނާ މޮޔަވާކަށް ވެސް ނުޖެހުނީހެވެ. ގޮތްކުޑަ މީހުންނަށް މުޑުދާރުކަންތައް ކުރަން ފުރުސަތު ލިބެނީ، ހެޔޮވިސްނޭ މީހުން އަޅަންޖެހޭ ހަރުދަނާ ފިޔަވަޅުތައް ނޭޅީމައެވެ.

"މިހާރު ވިސްނިއްޖެ ކީއްވެގެންކަން މިހާ ގިނަ އެއްޗެހި އަހަންނަށް ގެނެސްދެނީ،" މަލްހާ މަޑުމަޑުން ބުނެލިއެވެ. "ވަރަށް ފޫހިވެއްޖެ! ދެން އޭނަ މި ގެއަށް އަތުވެއްޖެއްޔާ.."

"ނާންނާނެ!" ޔަގީންކަމާ އެކުގައި ޖީޒާ ބުންޏެވެ. "އަހަރެން އެ ވަރު ކޮށްލާނަން. ލަދުހަޔާތުގެ ޒައްރެއްގެ މިންވަރު ވެސް އޭނަގެ ހުރިއްޔާ ދެނެއް އޭނަ މި ގެއަކަށް ނާންނާނެ."

ޖީޒާގެ ހިތުގައި ވަރަށް އެހެން ކަހަލަ ސުވާލެއް ވެސް އުފެދުނެވެ. މަލްހާ ދެކެ ހަސްނާ ކުރިން އެހާ ރުޅިއައީ ކީއްވެގެން ހެއްޔެވެ؟ މަލްހާއަކީ ކާކުގެ ދަރިއެއް ހެއްޔެވެ؟ އެ ސުވާލުގެ ޖަވާބެއް ޖީޒާއަކަށް ނުހޯދޭނެއެވެ. އެކަމަކު، ޖީޒާއަކީ ރާމިޒާގެ އެންމެ ގާތް އެކުވެރިޔާއެވެ. އާއިލާގެ ބޮޑު ސިއްރު ޖީޒާއަށް ސިއްރުކުރީ ކީއްވެގެން ހެއްޔެވެ؟ އެ ސުވާލުގެ ޖަވާބު ޖީޒާ ބޭނުމެވެ.

ރާމިޒާގެ ގެއަށް ޖީޒާއަށް ދެވުނު ދުވަހަކީ، އެ ގޭގައި ފާތިހާއަކަށް ކައްކައިގެން އުޅުނު ދުވަހެކެވެ. ރާމިޒާ ވެސް އުޅުނީ ވަރަށް އަވަދިނެތިއެވެ.

"ބަލަ! ތީ ތަދުއަރައިގެން އުޅޭ މީހާ؟" ޖީޒާ ސުވާލުކުރިއެވެ.

"މީ ބަފައިބެގެ ފާތިހާ ދުވަހޭ،" ރާމިޒާ ބުންޏެވެ. "އަަހަރެން އެނދުގަ އޮށޯވެލައިގެން އޮތީމަ މީހުން ކީކޭ ކިޔާނީ؟"

"މީހުން ކިޔާނެ އެއްޗަކަށް ބަލާފަތަ ފާއިޒުގެ މައްސަލަ އޮއްބައިލީ؟" ޖެހިލުމެއް ނެތި ޖީޒާ އެހިއެވެ. "ރާމިޒާމެން ކަހަލަ ހަރުދަނާ މީހުން އެ ކަހަލަ ކަންކަން ސިއްރުކުރީމަ ދެން ކީކޭ ބުނާނީ؟"

ރާމިޒާ ދެކޮޅަކަށް އެއްވެސް އެއްޗެއް ނުބުނެއެވެ. ކޮންމެ އެއް ދުވަހަކުން ޖީޒާއަށް އެ ކަން އެނގޭނެކަން ރާމިޒާއަށް އެނގޭ ކަހަލައެވެ. ރުޅިއައުމުގެ ބަދަލުގައި ރާމިޒާ އިސްޖަހައިލިއެވެ.

"ސިއްރު ނުކޮށް ކީއްކުރާނީ ޖީޒާ!" ރާމިޒާ މަޑުމަޑުން ބުންޏެވެ. "އަހަރެންނަކީ މާ މޮޅު މީހެއް ނޫން. ގިނަ މީހުން އަހަރެން ނުވެސް ދަންނާނެ. އަޖުވަދަކީ އެންމެން އިހުތިރާމުކުރާ މީހެއް. މިއަދު އޭނަ ދުނިޔެއަކު ނެތް. އެކަމަކު މިއަދު ވެސް މީހުން ބުނާނެ އަޖުވަދަކީ މީހުންނަށް ހެޔޮ، ހަރުދަނާ މީހެކޭ. އަދިވެސް އޭނަޔަށް މީހުން އިހުތިރާމުކުރޭ! ދެން އަހަރެން ވީ އެ ހުރިހާ އެއްޗެއް ވެއްޔާމޮޑެލަން؟"

"ރާމިޒާ! ތި ދައްކަނީ ދުނިޔޭގަ ނެތް މީހެއްގެ ވާހަކަ،" ޖީޒާ ވަރަށް ކެތްތެރިކަމާ އެކުގައި ވާހަކަދެއްކިއެވެ. "ހަސްނާއަކީ ދިރިހުރި އިންސާނެއް. އަޖުވަދު އެންމެ ލޯބިވި ދަރިފުޅު. ހަނދާންނެތުނީތަ އެ ކަން؟ ރާމިޒާ ޖެހޭނެ އެ ކުއްޖާ ހިމާޔަތްކުރަން. އޭނައެކޭ ދިރިހުރި ގަބުރެކޭ އެއްގޮތް. ދުނިޔޭގެ އެންމެން ރާމިޒާއަށް މާފުކުރިޔަސް އަހަރެން މާފެއް ނުކުރާނަން. ހަމަ މިހާރު ސިފައިންނަށް އަންގާ! ފާއިޒަށް ޖެހޭނެ އަދަބުލިބެން. ރާމިޒާ އެ ކަން ނުކުރިއްޔާ އަހަރެން ކުރާނަން."

ރާމިޒާ ރޯން ފެށިއެވެ. އެ ނާމާން ހާދިސާ ހިނގައިދިޔަތާ އެތައް އަހަރެއްގެ ފަހުން، ދެން ވެސް ރާމިޒާއަށް ފެންނަނީ ހިތްދަތި ދުވަސްތަކެކެވެ. ފާއިޒު އިންނަންޖެހޭނީ ޖަލުގައެވެ. ނޫހުގައި އެ ވާހަކަ ޖަހާނެއެވެ. ރޭޑިޔޯއިން އެ ވާހަކަ ގޮވާނެއެވެ. މުޅި އާއިލާ ބަދުނާމުވާނެއެވެ. މަގުމައްޗަށް ނުކުންނާކަށް ރާމިޒާއަކަށް ނުކެރޭނެއެވެ. އެންމެ ދެރަވާކަމަކީ، އަޖުވަދަށް މީހުން ކުރި އިހުތިރާމު ގެއްލޭނެތީއެވެ.

"އަދަބު ލިބެންޖެހޭނީ އަަހަންނަށް،" ރާމިޒާ މަޑުމަޑުން ބުންޏެވެ. "މި ގޭގަ އެނދު ހުރި. ކޮޓަރި ވެސް ހުރި. އެކަމަކު މާ ގިނަ ދުވަސްވަންދެން އަހަންނަށް އެ ދެބެން އެއް އެނދުގަ ނިންދެވުނީ. އަހަރެން ހިތަށްއެރީ އެއީ މައްސަލައެއް ނޫނޭ! އަހަންނަކަށް ޖީޒާގެ އަތަކުނުހިފޭއްޓޭނެ. އެކަމަކު، ގެންދަންޏާ އަހަރެން ސިފައިންގެއަށް ގެންދޭ! އަދަބު ލިބެންޖެހޭނީ ކުށްކުރި މީހާއަށް. އެކަމަކު ހެޔޮނުވާނެ ފާއިޒު ސަލާމަތްކޮށްދީ!"

އެ ހިސާބުން ޖީޒާއަށް މަޖުބޫރުވީ އަލުން ވިސްނާށެވެ. ހިނގީ ދެރަކަމެކެވެ. އެކަމަކު، އެ ސިއްރު ފަޅާއެރުމަކުން އަލުން އަނބުރައި ލިބޭނެ އެކައްޗެއް ވެސް ނެތެވެ. ލިބުނިއްޔާ ލިބޭނީ އިތުރު ހިތްދަތިކަމެކެވެ. އެ ކަން ވާނީ ރާމިޒާގެ މަރުބައްޔަކަށެވެ. އެ ޒިންމާ ބޮލުގައިއަޅާކަށް ޖީޒާ ބޭނުމެއް ނޫނެވެ.

"ހަސްނާ އަހަންނަށް ދީ!" ޖީޒާ އެހެން ގޮތެއް ހުށައެޅިއެވެ. "މަ ބޭނުމެއް ނޫން އޭނަ މި ގޭގަ ބަހައްޓާކަށް."

ރާމިޒާއަކަށް އެ ގޮތް ރަނގަޅެއް ނޫނެވެ. ހަސްނާ ގޮސް އެކި މީސްމީހުން ގާތުގައި އެ ވާހަކަދައްކާނެތީއެވެ. އެކަމަކު ދެކޮޅެއް ނެހެދުނެވެ. ވީމާ، އެއްބަސްވިއެވެ.

އެ ދުވަސްވަރު، ގެ ބަހަން ފާއިޒު ފައިވިއްދައިލިއެވެ. ހަސްނާ "މޮޔަވެފައި ހުރުމުން" ހަސްނާއަށް ގެއިން ބަޔެއް ނުވާ ގޮތަށެވެ. އެކަމަކު މަލްހާ ވެސް ހުއްޓައި ފާއިޒު އެކަނި ގެ ވެރިކޮށްލާނީ ކިހިނެއް ހެއްޔެވެ؟ އެ ކަމާ ދެކޮޅަށް ވެސް ނުކުތީ ޖީޒާއެވެ. ފާއިޒުގެ ގޮތް ޖީޒާއަށް އެނގެއެވެ. ހަސްނާގެ ހައްގު ހަސްނާއަށް ހޯދައިދެވޭނެ ހަމަ އެކަނި މަގު ވެސް ޖީޒާއަށް އެނގެއެވެ.

ފުރަތަމަ ކަމަކަށް ހަސްނާ ގެނެސް ޖީޒާގެ ގޭގައި ބެހެއްޓިއެވެ. އެއީ، މަލްހާއަށް ގޮތެއް ފެންނަންދެން ހޯދި ވަގުތީ ހައްލެކެވެ. މަލްހާއާއި ހަސްނާ، އަވަސް ގޮތަކަށް އެހެން ތާކަށް ބަދަލުކުރަން ޖެހޭނެއެވެ. އެހެން ނޫނީ ރާމިޒާއަށް ދެކެން ޖެހުނު ދުވަސް ޖީޒާއަށް ދެކެންޖެހިދާނެއެވެ. މަލްހާ އަނެއްކާ ހަސްނާއަކަށް ބަދަލުވެދާނެއެވެ. ނަގަމުންއަންނަ ކޮޅިގަނޑު ޖީޒާއަށް ފެނެއެވެ.

ހަސްނާ ގެއަށް ގެނައި ދުވަހުގެ ރޭ ފާއިޒުގެ ގެއަށް ޖީޒާ ދިޔައެވެ. ދައްކަންވީ ހުރިހައި ވާހަކައެއް ފަރިތަކޮށް، ރަނގަޅަށް ތައްޔާރުވެގެންނެވެ. ޖީޒާ ދިޔަ އިރު ވެސް ފާއިޒު އިނީ ގޭގެ ކުރެހުމާއި ކަރުދާސްތައް އެއްކޮށްގެން ކޮންމެވެސް ކަމެއް ކުރާށެވެ.

"މަންމަ ނިދައިފި!" ޖީޒާ ފެނުމުން ފާއިޒު ބުންޏެވެ.

"ނިދާހާ އިރު ކޮށްފައޭ މި އައީ،" ސޯފާގައި އިށީންނަމުން ޖީޒާ ބުންޏެވެ. "ގެ ބަހާލަނީތަ؟ ހަސްނާއަށް ކޮން ފަޅިއެއް ލިބެނީ؟"

ފާއިޒުގެ މޫނުމައްޗަށް ވެރިވީ ހައިރާންކަމެކެވެ. ޖީޒާ އެ ފަދަ ސުވާލެއް ކުރީމައެވެ. ވަގުތުން ޖަވާބުދިނެވެ.

"މޮޔައަކަށް ނުޖެހޭނެ ގެއިން ބައި ދޭކަށް،" ފާއިޒު ވަރަށް ހަމަޖެހިލައިފައި ބުންޏެވެ. "އޭނަ ހުންނާނީ އަހަރެންގެ ބެލުމުގެ ދަށުގަ. އަހަންނަށް އެނގޭ ޖީޒާއަކީ މަންމަގެ ރައްޓެއްސެއްކަން. އެކަމަކު ޖީޒާ ކޮންމެހެން މަލްހާޔާ ހަސްނާޔާ ތި ގެއަށް ގެންދާކަށް ނުޖެހޭ! މި ގޭގަ ތަން އެބަ ހުރި. އަހަރެން ބޭނުމެއް ނޫން މި ގޭގެ މައްސަލަތަކުގެ ތެރެއަށް ޖީޒާ ވަންނާކަށް."

"ހަސްނާ މޮޔައެއް ނޫން!" ވަރަށް ސާބިތުކަމާ އެކުގައި ޖީޒާ ބުންޏެވެ. "ކަލޭމެން މޮޔަހައްދާފަ ތިތިބީ! ތިހެން ފާޑުފާޑަށް ހަސްނާގެ ހައްގަކަށް އަރައެއް ނުގަނެވޭނެ. އަހަންނަށް އެނގޭ ގެ ބަހާ އިރު ފިރިހެނަކަށް ދެބައި އަންހެނަކަށް އެއްބައިކަން ލިބޭނީ. އެކަމަކު ފާއިޒަށް ލިބޭ ވަރުގެ ބައެއް ހަސްނާއަށް ޖެހޭނެ ދޭން. ކޯޓުގަ ބުނޭ އެހެން."

އިރުކޮޅެއް ވަންދެން ފާއިޒު އެއްޗެއް ނުބުނެ އިނެވެ.

"އަހަރެން ބޭނުމެއް ނޫން އެއްވެސް ވާހަކައެއް ދައްކާކަށް." ފޫހި ގޮތަކަށް ފާއިޒު ބުނެލިއެވެ.

"އެކަމަކު އަހަރެން ބޭނުން އެއް ވާހަކަ ބުނެލަން،" ޖީޒާ ވަރަށް ހިނިއައިސްފައި ތެދުވަމުން ބުންޏެވެ. "އަހަރެން މި ގެއިން ނުކުމެގެންދާތާ މާ ގިނަ އިރެއް ނުވެ ސިފައިން އަންނާނެ ކަލޭ ބަލާ! ކަލޭ ހަސްނާއަށް ކަންތައް ކުރި ގޮތް އަކުރުން އަކުރަށް ކަލޭ ޖެހޭނެ ކިޔައިދޭން."

"މަޑުކޮށްބަލަ!" ޖީޒާއަށް ތިން ފިޔަވަޅު ވެސް ނޭޅެނީސް ފާއިޒު ބުންޏެވެ. "އަދި ނުވެއެއްނު ތިހާ ރުޅިއަންނާކަށް. ހަސްނާއަށް ބައި ދޭނަމޭ! ކޮން ފަޅިއެއް އޭނަ ބޭނުމީ؟"

ޖީޒާގެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. ކަންތައް ވެގެންދިޔައީ ޖީޒާ އުންމީދުކުރި ގޮތަށެވެ. ޖީޒާއަށް އެނގެއެވެ. ގެއްލިގެންދިޔަ ތަނެއް ދެނެއް ނުހޯދޭނެއެވެ. އެކަމަކު، ހަސްނާގެ މުސްތަގުބަލު ފޭރިގަތުމުގައި ފާއިޒަކަށް ކާމިޔާބެއް ނުހޯދުނެވެ. އަންހެންދަރިޔަކަށް ވެ ހުރެ ހަސްނާއަށް ގޭގެ ބޮޑު ބަޔެއް ލިބުނެވެ. ފިރިހެންދަރިޔަކަށް ވެ ހުރެ ފާއިޒު ބޭނުން ފަޅިއެއް ވެސް ނުލިބުނެވެ.

ހަސްނާއަށް ލިބުނު ބައި ދިނީ ކުއްޔަށެވެ. އެ ފައިސާއިން މަލްހާ ތަނެއް ކުއްޔަށް ހިފައި މަންމަ ގޮވައިގެން އެ ތަނަށް ބަދަލުވީއެވެ. އޭރު މަލްހާގެ އުމުރުން އަށާރަ އަހަރު ފުރިއްޖެއެވެ. މިހާރު ހަސްނާއަކީ އެހެން ވެސް އިންސާނުން އުޅޭހެން އުޅޭ މީހެކެވެ. އެއްވެސް މައްސަލައެއް ނެތެވެ. މަލްހާ ވަޒީފާއަށް ދެއެވެ. ބޭބެ ކަންތައް ކުރި ގޮތުގެ ވާހަކަ އެހެން މީހެއް ގާތުގައި ދައްކާކަށް ހަސްނާއަކަށް ނުކެރުނެވެ. މަލްހާއަކަށް ވެސް ނުކެރުނެވެ. ތަނަވަސްކަމާއި، އަބުރުވެރިކަމާ އެކުގައި ފާއިޒު އަދިވެސް އެބަ އުޅެއެވެ.

ފާއިޒު އެ ފަދަ ރަހުމު ކުޑަ ޢަމަލެއް ކުރީ ކީއްވެގެން ހެއްޔެވެ؟ އޭގެ ފަހަތުގައި ވަނީ ކޮން ސަބަބެއް ހެއްޔެވެ؟ ޝަހުވަތްތެރިކަން ހެއްޔެވެ؟ ކޮއްކޮ ދެކެ ބައްޕަ ބޮޑަށް ލޯބިވީތީ އޭގެ ބަދަލުހިފުން ހެއްޔެވެ؟ އެ ކުށުގެ ޒިންމާ އުފުލަން ޖެހޭނީ ރާމިޒާ ހެއްޔެވެ؟ އަޖުވަދު ހެއްޔެވެ؟ އެކަކަށް ވެސް އޭގެ ޖަވާބެއް ނޭނގެއެވެ. އާއިލީ ބޮޑު ސިއްރު، ސިއްރެއް ގޮތުގައި ފަސްއެޅި ފޮރުވުނީއެވެ.

ނިމުނީ