މިދިޔަ 24 ގަޑިއިރު މާލެއިން ކޮވިޑްގެ 11 ކޭސް
މިދިޔަ 24 ގަޑިއިރު މާލެއިން ކޮވިޑްގެ 11 ކޭސް

މިދިޔަ 24 ގަޑިއިރުތެރޭ މުޅި ރާއްޖެއިން އަލަށް ފެނުނީ ކޮވިޑްގެ 150 ކޭސް ކަމަށާއި އޭގެ ތެރެއިން މާލެއިން ފެނުނު އަދަދީ 11 ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ އިރުއޮއްސި 6:00 އާއި މިރޭ އިރުއޮއްސި 6:00 އާއި ދެމެދު ފެނުނު ކޭސްތަކުގެ ތެރެއިން މާލެއިން ފެނުނީ 11 ކޭހެވެ. އަދި ރަށްރަށުން 95، ރިސޯޓުތަކުން 17 އަދި ހަދަމުންދާ ރިސޯޓްތަކުން ހަތް މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ.

މިއީ 5،266 ސާމްޕަލް ޓެސްޓުކޮށް އޭގެ ތެރެއިން ފެނުނު ކޭސްތަކެވެ. މިއީ 2.85 ގެ ރޭޓެވެ.

ހޮސްޕިޓަލްތަކުގައި ކޮވިޑަށް ފަރުވާ ހޯދަމުންދާ ބަލި މީހުންގެ އަދަދު ވެސް، ކޭސްތައް މަދުވުމާ އެކު ވަނީ ދަށްވެފަ އެވެ. މިއަދު އިރުއޮއްސުމާ ހަމަޔަށް އެޑްމިޓްކޮށްފައި ތިބީ 20 މީހުންނެވެ.

މިހާތަނަށް ރާއްޖޭން 74,224 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ވާއިރު 70،723 މީހަކު ރަނގަޅުވެފައިވެ އެވެ. އަދި 213 މީހަކު ވަނީ މަރުވެފަ އެވެ. އެހެންވެ އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 3،000 އަށް ދަށްވެފަ އެވެ.

މިދިޔަ މެއި މަހު ފަހުކޮޅު ކޮވިޑުގެ ހާލަތު ކޮންޓްރޯލްކުރުމަށް އެޅި ފިޔަވަޅުތަކާ އެކު ކޭސްތަކުގެ އަދަދު ވަރަށް ބޮޑަށް ދަށްވުމުން މިހާރު ވަނީ ކާފިއު އާއި ދަތުރުކުރުމުގައި ވެސް ބޮޑެތި ލުއިތައް ދީފަ އެވެ.