03 ޖުލައި 2021 - 20:28

މީޑިއާ ކައުންސިލްގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ ރައްޔިތުންގެ މަޖިލީހުން މަތިކޮށްފައިވާ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މީޑިއާއެއްގެ މައްސަލަ ބަލަން ކޮމިޝަނަން ހުށަހެޅުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން މިއަދު ބުނެފި އެވެ.
އެމްޖޭއޭ އިން މިހެން ބުނީ އިންޑިއާ ހައި ކޮމިޝަނާއި އެތަނުގެ މުވައްޒަފުންނާ މެދު ނަފުރަތު އުފެދޭ ގޮތަށް ބައެއް ނޫސްތަކުން ލިޔާ ކަމަށް ބުނެ އިންޑިއާ ހައި ކޮމިޝަނުން ފޮރިން މިނިސްޓްރީ އަށް ސިޓީއެއް ފޮނުވާފައި ވަނިކޮށް ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އިސްވެ އެ މައްސަލަ މީޑިއާ ކައުންސިލަށް ހުށަހެޅުމުން އެކަމާ ކަންބޮޑުވުން ފާޅުކޮށް ކޮށްފައިވާ ޓްވީޓްތަކެއްގަ އެވެ.
އެމްޖޭއޭ އިން ބުނީ ރާއްޖޭގެ ނޫހެއްގައި ޝާއިއުކުރާ ކޮންޓެންޓަކާ ގުޅޭ މައްސަލައެއް ބަލަން އިންޑިއާ ހައި ކޮމިޝަނުން އެދޭ ނަމަ އެކަން ކުރަން ޖެހޭނީ ރާއްޖޭގެ ފޮރިން މިނިސްޓްރީ މެދުވެރިކޮށް ކަމަށާއި އެކަމަކު ފޮރިން މިނިސްޓްރީން މީޑިއާ ކައުންސިލަށް އެފަދަ މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށެވެ. ނަމަވެސް އޭގެ ބަދަލުގައި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެމްއެމްސީއަށް ސިޓީއެއް ފޮނުވައި، އެ މައްސަލަ ބަލައިދޭން އެދިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވަނީ ބުނެފަ އެވެ.
"މި ޖަމިއްޔާއިން ގަބޫލުކުރާ ގޮތުގައި ނޫހެއްގައި ޝާއިއުކުރާ ކޮންޓެންޓަކާ ގުޅޭ މައްސަލައެއް ބަލައިދޭން އިންޑިއާ ހައިކޮމިޝަނުން އެދޭ ނަމަ އެކަން ކުރަން ޖެހޭނީ ފޮރިން މިނިސްޓްރީ މެދުވެރިކޮށް،" ޖަމިއްޔާ އިން ބުނެފައިވެ އެވެ.
މަޖިލީހުގެ ކޮމިޓީން މީޑިއާ ކައުންސިލަށް މައްސަލަ ހުށަހަޅާފައި ވާތީ އެމްއޭޖޭ އިން ބުނީ މިއީ މީޑިއާގެ އެތިކަލް މައްސަލަ ބެލުމުގައި އަމަލުކުރާ އެންމެހާ ބެސްޓް ޕްރެކްޓިސްތަކާ ހިލާފު އަމަލެއް ކަމަށެވެ. އަދި މީޑިއާ ކައުންސިލް ޒިންމާދާރުކުރުމުގެ މެންޑޭޓް އޮތް ކޮމިޓީން މީޑިއާއެއްގެ މައްސަލަ ބަލައިދޭން އެ ކައުންސިލްގައި އެދުމަކީ ގަބޫލުކުރެވޭނޭ ކަމެއް ނޫން ކަމަށް ވެސް ބުންޏެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މީޑިއާ ކައުންސިލަށް މައްސަލަ ހުށަހަޅާފައި ވިޔަސް އެ ކޮމިޓީގެ ބައެއް މެންބަރުން ވިދާޅުވެފައި ވަނީ އެއީ ކޮމިޓީގެ ނިންމުމެއް ނޫން ކަމަށެވެ. އަދި އެ ކޮމިޓީގެ މުގައްރިރް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވެސް ވިދާޅުވީ ކޮމިޓީގެ ބައްދަލުވުމަކުން ނިންމައިގެން ނޫނަސް، މިނިވަން މުއައްސަސާތަކަށް ސިޓީ ފޮނުވުމަކީ މީގެ ކުރިން ވެސް އަމަލުކުރާ ގޮތެއް ކަމަށެވެ.
ރޮޒައިނާ "މިހާރު" އަށް ކުރިން ވިދާޅުވެފައިވާ ގޮތުގައިމީޑިއާއެއްގައި ލިޔުނު ލިޔުމެއްގެ ސަބަބުން، ރާއްޖޭގައި ހުންނަވާ އިންޑިއާގެ ޑެޕިއުޓީ ހައި ކޮމިޝަނަރު ރޯހިތު ރިތިޝްގެ ސަލަމާތަށް ނުރައްކާވާކަން ސަމާލުކަމަށް ގެންނެވީ ރޯހިތު ކަމަށާއި އޭގެ ފަހުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެމްބަރަކު ވެސް އެކަން ސަމާލުކަމަށް ގެންނެވި އެވެ.
"މިނިވަން މުއައްސަސާތަކުން މަައުލޫމާތު ސާފުކުރަން ކޮމިޓީން ކޮންމެ ފަހަރަކު އެދެނީ ކޮމިޓީގެ ބައްދަލުުވުމަކުން ނިންމައިގެނެއް ނޫން. ޑެޕިއުޓީ ހައި ކޮމިޝަނާ އަޅުގަނޑަށް ގުޅާފައި ވިދާޅުވީ ދޮގު މައުލޫމާތު ހިމަނައިގެން ލިޔުނު އެ ލިޔުމާ ގުޅިގެން އޭނާގެ ސެކިއުރިޓީ އަށް ވެސް ނުރައްކާވާ ކަމަށް،" ރޮޒައިނާ ވިދާޅުވި އެވެ.
އެމްޖޭއޭ އިން ވަނީ މީޑިއާގެ އެތިކަލް މައްސަލަތައް އޮންނަ އުސޫލުގެ ތެރެއިން ބެސްޓްޕްރެކްޓިސްއާ އެއްގޮތަށް ކުރިއަށް ގެންދިޔުމަށް ގޮވާލައިފަ އެވެ.
ގާނޫނު އަސާސީން ލިބިފޭ ނޫސްވެރިކަމުގެ ހައްގަށް ހުރަސް އެޅޭނެ ފަދަ ގޮތަކަށް އެއްވެސް ބަޔަކު އަމަލު ނުކުރުމަށާއި މީޑިއާތަކުން ވެސް ކޮންޓެންޓު ޝާއިއުކުރުމުގައި ޒިންމާދާރުވެ، ނޫސްވެރިކަމުގެ އަހުލާގީ މިންގަނޑު އެންމެ މަތީ ދަރަޖައެއްގައި ހިފެހެއްޓުމަށް އެމްޖޭއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.