އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ބާއްވަން ނިންމި މައްސަލަ ހައި ކޯޓުން ބަލައިގެންފި
އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ބާއްވަން ނިންމި މައްސަލަ ހައި ކޯޓުން ބަލައިގެންފި

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ކުށުގެ ދައުވާތަކުގެ ޝަރީއަތް އޮންލައިންކޮށް ބާއްވަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން އެ މައްސަލަ ބަލައިގެންފި އެވެ.

ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނެވި އިރު އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައިގައި އަލީ ވަހީދުގެ މައްޗަށް ދައުވާ ކޮށްފައި ވަނިކޮށް، ކްރިމިނަލް ކޯޓުން ވަނީ ބޭސްފަރުވާއަށް ހަތަރު މަހަށް ރާއްޖެއިން ބޭރަށް ދިޔުމުގެ ހުއްދަ އޭނާއަށް ދީފަ އެވެ.

އެ މުއްދަތުގެ ތެރޭގައި އަނބުރާ ރާއްޖެ ވަޑައިނުގެން އަލީ ވަހީދު އެދިވަޑައިގަތީ ޔޫކޭގައި ހުންނަވައިގެން ޝަރީއަތް އޮންލައިންކޮށް ބާއްވައިދޭށެވެ. މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ނިންމަވާފައި ވަނީ އެގޮތަށް ޝަރީއަތް ކުރިއަށް ގެންދިޔުމަށެވެ.

ގާޒީ ހަސަން ސައީދުގެ ނިންމެވުން ހައި ކޯޓުގައި އިސްތިއުނާފުކުރަން މިދިޔަ ހަފްތާގައި ދައުލަތުން ވަނީ ހުށަހަޅައިފަ އެވެ. މިއަދު ހައި ކޯޓުން "މިހާރު" އަށް ބުނީ، އެ މައްސަލަ މިހާރު އެ ކޯޓުން ބަލައިގަނެ ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.

އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ބާއްވަން ނިންމައި އެގޮތަށް މިހާރު ވަނީ އެއް އަޑުއެހުން ބާއްވައިފަ އެވެ. ކްރިމިނަލް ކޯޓުގެ އެދުމުގެ މަތިން އަލީ ވަހީދަށް ވަނީ ޔޫކޭގައި ހުންނަ ދިވެހި ހައި ކޮމިޝަނަށް ވަޑައިގެން އަޑުއެހުމުގައި ބައިވެރިވެވޭނެ ގޮތް ހަމަޖައްސައިދީފައިވެ އެވެ.

ދައުލަތުން ބުނެފައިވާ ގޮތުގައި އެ އަޑުއެހުމަކީ ޖިނާއީ މައްސަލައެއްގައި ކޯޓުގެ ބާރު ނުހިނގާ ތަނެއްގައި ޝަރީއަތް ހިންގި ފުރަތަމަ ފަހަރެވެ. އެގޮތަށް އަޑުއެހުން ނުބޭއްވޭނެ ކަމަށް ދައުލަތުން ބުނަނީ ވެސް އެ ތަނުގައި ރާއްޖޭގެ ގާނޫނު ތަންފީޒު ނުކުރެވޭނެތީ އެވެ.

ކްރިމިނަލް ކޯޓުން މީގެ ކުރިން ބުނި ގޮތުގައި އޮންލިންކޮށް ޝަރީއަތް ބާއްވަން ގާޒީ ހަސަން ސައީދު ނިންމެވީ ސުޕްރީމް ކޯޓުން އެކުލަވާލާފައިވާ ވީޑިއޯ އަދި އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ކުރުމާ ބެހޭ ގަވައިދުގެ ދަށުންނެވެ.