ހާލަތު ގޯސްވެ ތިނަދޫގައި 24 ގަޑިއިރު ކާފިއު ހިންގަނީ
ހާލަތު ގޯސްވެ ތިނަދޫގައި 24 ގަޑިއިރު ކާފިއު ހިންގަނީ

ކޮވިޑް19ގެ ހާލަތު އިތުރަށް ގޯސްވަމުންދާތީ، ގދ. ތިނަދޫގައި ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް، 24 ގަޑިއިރު ކާފިއު ހިންގަން މިއަދު ނިންމައިފި އެވެ.

ތިނަދޫ ކައުންސިލުގެ ރައީސް ސައުދު އަލީ "މިހާރު" އަށް ވިދާޅުވީ މިއަދު އާންމުކުރި އާ އުސޫލުތަކާ އެކު، ބޭރަށް ނުކުމެ އުޅުމަށް ކުރިން ދީފައިވާ ލުއިތައް ހަފުތާއެއްގެ މުއްދަތަށް ހިފަހައްޓަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ ރަށުގެ ގެތަކަށް ދޫކޮށްފައިވާ ހައުސް ހޯލްޑް ޕާމިޓްތައް ހިފަހައްޓައި ކަސްރަތުކުރަން ބޭރަށް ދިއުން ވެސް މަނާކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

- ސަރުކާރު އޮފީސްތަކުން މަދު މުވައްޒަފުން ބޭނުންކޮށްގެން ހިދުމަތް ދިނުން.

- އަމިއްލަ ކާރުތަކުގައި ދަތުކުރުން ހުއްޓާލުން.

- ފުލުހުން ދޭ "ޓައިމް ބައުންޑް ޕާމިޓް" ނެތް ފަރާތްތަކުން ޓެކްސީގެ ހިދުމަތް ނުދިނުން.

- ފިހާރަތަކުން ޑެލިވަރީގެ ކުރެވޭ ވަގުތު ހެނދުނު 8 އިން ރޭގަނޑު 9 އަށް ކުޑަކުރުން.

- ކެފޭ ރެސްޓޯރެންޓްތަކަށް ޑެލިވަރީ ކުރެވޭ ވަގުތު ހެނދުނު 8 އިން ރޭގަނޑު 10 އަށް ކުޑަކުރުން.

- ޑެލިވަރީގެ ހިދުމަތް ދިނުމަށް ދޫކޮށްފައިވާ ފާސްތައް ބޭނުންކޮށްގެން ޑެލިވަރީ ކުރުމަށް ދީފައިވާ ގަޑިތައް ނޫން އެހެން ގަޑިތަކުގައި ޑެލިވަރީ ކުރާނަމަ އެމީހެއްގެ ފާސް ހިފެހެއްޓުން.

- ކަސްޓަމަރުން ވައްދައިގެން ޚިދުމަތްދޭ ވިޔަފާރިތަކުގެ ހުއްދަ އެއް ހަފްތާއަށް ހިފެހެއްޓުން.

- މަސްވެރިކަމަށް ފުރާ ދޯނިތައް އެނބުރި ރަށަށް އައި ނަމަވެސް, އެއްގަމަށް ނޭރުން.

- ސަރުކާރުގެ ހުއްދައާ އެކު ކުރާ މަސައްކަތްތައް ފިޔަަވައި އެހެން މަސައްކަތްތައް ހުއްޓާލުން.

ތިނަދޫގައި އެކްޓިވް ކޭސްތަކުގެ އަދަދު 275 ގައި ހުރިއިރު، އިއްޔެ އެކަނި ވެސް 20 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވެ އެވެ. އެ ރަށުން މިހާތަނަށް ޖުމްލަ 726 މީހަކަށް މި ބަލި ޖެހުނުއިރު، 451 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. އަދި މި ބަލީގައި އެ ރަށުން ދެ މީހަކު މަރުވެފައިވެ އެވެ.