03 ޖުލައި 2021 - 17:19

މާދަމާއިން ފެށިގެން ބީއެމްއެލްގެ ހުރިހާ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ހުޅުވާނެ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.
ބީއެމްއެލް އިން ބުނީ ބޭންކު ހުޅުވި ނަމަވެސް ދެމުން ގެންދާނީ އޮންލައިންކޮށް އަދި ސެލްފް ސާވިސް ބޭންކިން މެދުވެރިކޮށް ނުލިބޭ ހިދުމަތްތައް އެކަނި ކަމަށެވެ. މި ހިދުމަތްތައް ދިނުމަށް، ހަފުތާ ބަންދު ނޫން ހުރިހާ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 2:00 އަށް ބޭންކް ހުޅުވާނެ އެވެ.
ބޭންކުން ހިދުމަތް ދޭނީ ޓޯކެން އަދި އެޕޮއިންޓްމަންޓަށެވެ. ބޭންކު ހުޅުވާފައި ހުންނަ ދުވަސްތަކުގެ ހެނދުނު 8:00 އިން މެންދުރު 12:00 އަށް "ކިޔުބީ" އެޕްލިކޭޝަން މެދުވެރިކޮށް ޓޯކެން ދޫކުރާނެ އެވެ.
އެޕޮއިންޓްމަންޓަށް ހިދުމަތް ދޭނީ ބީއެމްއެލްގެ އެކައުންޓް އޯޕެނިން ސެންޓަރުންނާއި ލޯން ސެންޓަރުންނާއި ބިޒްނަސް ސެންޓަރުންނެވެ. މި ސެންޓަރުތަކުން ހިދުމަތް ހޯދުމަށް ބޭންކުގެ ވެބްސައިޓު މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެއްދޭނެ އެވެ.
ބޭންކުން އޮންލައިންކޮށް ދެމުން އަންނަ ހިދުމަތްތަކުގެ ތެރެއިން ހެނދުނު 11:00ގެ ކުރިން ރާއްޖޭން ބޭރަށް ފައިސާ ޓްރާންސްފާ ކުރުމާއި އެހެނިހެން ބޭންކުތަކުގެ ޗެކް ޕްރޮސެސް ކުރަން ފޮނުވާ ރިކުއެސްޓުތައް އެ ދުވަހު ޕްރޮސެސް ވާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ. އަދި އޭޓީއެމް މެދުވެރިކޮށް ޖަމާކުރާ ޗެކާއި ލޯކަލް ބޭންކް ޓްރާންސްފާ އަދި މުސާރަ ޖަމާކޮށްދޭން ފޮނުވާ ރިކުއެސްޓްތަކުގެ ތެރެއިން މެންދުރު 12:00ގެ ކުރިން ފޮނުވާ ރިކުއެސްޓުތައް އެ ދުވަހު ޕްރޮސެސް ކުރެވޭނެ ކަމަށް ބޭންކުން ބުންޏެވެ.
ބީއެމްއެލް އިން ވަނީ ކޮވިޑް-19ގެ މި ހާލަތުގައި ހުރިހާ ކަސްޓަމަރުން ވެސް ގޭގައި ތިބެގެން އޮންލައިންކޮށް ހިދުމަތް ހޯދުމަށް އެދިފަ އެވެ.