04 ޖޫން 2016 - 19:01

ދިމިޝްގު (ޖޫން 4) - އިސްލާމިކް ސްޓޭޓް (އައިއެސް) އިން ސީރިއާގައި ވެރި ރަށުގެ ގޮތުގައި ބަލާ ރައްގާ އަށް ސީރިއާ ސިފައިން ވަދެގެންފައިވާ ކަމަށް އެކްޓިވިސްޓުން ބުނެފި އެވެ.

އިނިރޭސި ވިލާތުގައި ހަރަކާތްތެރިވާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ ސީރިއާ ސިފައިން ރައްގާ އަށް ވަަދެފައި ވަނީ ރަޝިޔާ ސިފައިންގެ ވައިގެ ހަމަލާތަކުގެ އެހީތެރިކަމާ އެކު ކަމަށެވެ. އެކަމަކު ރަޝިޔާ އިން އަދި ސީރިއާ އިން ވެސް މިކަން ޔަގީންކޮށްދީފައެއް ނުވެ އެވެ.
އެެމެރިކާގެ މަދަދު ލިބޭ ސީރިއަން ކުރުދީ އަަދި އަރަބި ހަނގުރާމަވެރިން މިދިޔަ މަހު ވަނީ ރައްގާގެ އުތުރުން އައިއެސްގެ ހަނގުރާމަވެރިން ފައްސާލުމުގެ މަސައްކަތް ފަށައިފަ އެވެ. އައިއެސް އިން ރައްގާ ހިފީ 2013 ވަަނަ އަހަރު އެވެ. އޭގެ ފަހުން އެ މީހުންގެ ހެޑްކުއާޓަރު ވަނީ އެ ތަނުގައި ގާއިމްކޮށްފަ އެވެ.
އޮބްޒަވޭޓަރީން ބުނީ ސީރިއާ ސިފައިންނާއި އައިއެސްގެ ހަނގުރާމަވެރިންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގި ކަމަށެވެ. އަދި ސަރުކާރު ސިފައިން މިހާރު މަސައްކަތް ކުރަނީ ހަމާ ޕްރޮވިންސާ ދިމާލުން އެތެެރެ އަށް ޖެހެން ކަމަށް ވެސް ބުނެފައިވެ އެވެ. ބޭނުމަކީ ރައްގާ އާއި ހަލަބް ސިޓީ ގުޅާލަދޭ މައި މަގާ ހަމައަށް ވާސިލްވުމެވެ.
ރައްގާގެ އުތުރުން ވެސް ވަނީ އެމެރިކާގެ ވާގިވެރިކަން ލިބޭ ސީރިއަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް) ގެ ބޮޑު ލަޝްކަރެއް ޖަމާކޮށްފައި ކަމަށް އޮބްޒަވޭޓަރީން ބުންޏެވެ. އެމެރިކާ އިން އަންދާޒާ ކުރަނީ ރައްގާގައި 3،000 އާއި 5،000އާ ދެމެދުގެ އަދަދަކަށް އައިއެސްގެ ހަނގުރާމަވެރިން ތިބޭނެ ކަމަށެވެ.