އެމްޕީއެލް "މައި ބަނދަރު" ޕޯޓަލް އަށް ބޮޑެތި ބަދަލުތަކެއް
އެމްޕީއެލް "މައި ބަނދަރު" ޕޯޓަލް އަށް ބޮޑެތި ބަދަލުތަކެއް

އެމްޕީއެލް އަށް ފައިސާ ދެއްކުމަށް ތައާރަފުކުރި "މައި ބަނދަރު" ޕޯޓަލް އަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑުކޮށްފި އެވެ.

އެމްޕީއެލް "މައި ބަނދަރު" ޕޯޓަލް އަށް ބޮޑެތި ބަދަލުތަކެއް
އެމްޕީއެލް "މައި ބަނދަރު" ޕޯޓަލް އަށް ބޮޑެތި ބަދަލުތަކެއް

މި ގެނައި ބަދަލުތަކާ އެކު މިހާރު ބީއެމްއެލް ގޭޓްވޭ މެދުވެރިކޮށް އެމްޕީއެލް އަށް ފައިސާ ދެއްކޭނެ އެވެ. އަދި މޯބައިލް ޕޭ މެދުވެރިކޮށް ވެސް ފައިސާ ދެއްކޭގޮތް މިހާރު ވަނީ ހަމަޖެހިފަ އެވެ.

އެމްޕީއެލް އިން ބުނީ މިއީ ހިދުމަތް ހޯދާ ކުންފުނިތަކާއި އާއްމުންގެ އިތުރުން ޝިޕިން އެޖެންޓުންނަށް ފަސޭހައި ހިދުމަތް ހޯދައިދިނުމަށް ގެނައި ބަދަލެއް ކަމަށެވެ. މިއާއެކު އެ ކުންފުނީގެ ހުރިހާ ކަސްޓަމަރުންނަށް ވެސް ފަސޭހަ ކަމާއެކު ފައިސާ ދައްކައި އެހެނިހެން ބައެއް މުއާމަލަތް ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ކުންފުނިން މައި ބަނދަރު ޕޯޓަލް އަށް ގެނައި ބަދަލުތަކާ އެކު މިހާރު ހުރިހާ ކަސްޓަމަރުންނަށް އޮންލައިންކޮށް ޕޯޓަލްގައި ރަޖިސްޓްރީ ކުރެވޭނެ އެވެ. އަދި ޝިޕިން އޭޖެންޓުންނަށް އޮންލައިންކޮށް "އެސްޓިމޭޓެޑް ޓައިމް އޮފް އެރައިވަލް" (އީޓީއޭ) އާއި "ބިލް އޮފް ލޭޑިން" (ބީއެލް) ހުށަހެޅޭއިރު ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކުމުގެ އިތުރުން ރަސީދުތަކުގެ ތަފްސީލު ކޮންމެ ވަގުތަކު ވެސް ބަލައިލެވޭނެ އެވެ.

މީގެ އިތުރުން ވިޔަފާރި ބަނދަރަށް ގެންނަ މުދަލުގެ ވެރިފަރާތުން އެ މުދަލާ ބެހޭ މައުލޫމާތު ބަލައިލަން ބޭނުންވާ ނަމަ އެކަން ވެސް ޕޯޓަލް މެދުވެރިކޮށް މިހާރު ކުރެވޭނެ އެވެ.

އެމްޕީއެލް އިން ވަނީ ކޮވިޑް-19ގެ މި ހާލަތުގައި ކަސްޓަމަރުން އޮފީހަށް އައުުގެ ބަދަލުގައި ޕޯތަލް މެދުވެރިކޮށް ހިދުމަތް ހޯދުމަށް އިލްތިމާސްކޮށްފަ އެވެ. އެގޮތުން، ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ހުރިހާ ހިދުމަތެއް އޮންލައިންކޮށް ދޭން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.