03 ޖުލައި 2021 - 17:22

ކޮވިޑް-19 ފެތުރޭތީ އައްޑޫގައި އަޅާފައިވާ ފިޔަވަޅުތަކަށް މިއަދު ބޮޑެތި ލުއިތަކެއް ދީފި އެވެ.
އައްޑު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު ވަނީ މިހާރު ދޭން ނިންމާފައިވާ ލުއިތައް އިއުލާންކޮށްފަ އެވެ. ޝުއާއު ވިދާޅުވީ ހާލަތު ރަނގަޅުވަމުން އަންނާތީ މި ލުއިތައް ދޭން ނިންމާފައި ވަނީ އެޗްޕީއޭއާ ވެސް މަޝްވަރާކުރުމަށް ފަހު ކަމަށެވެ.
އައްޑޫގެ އަވަށްތަކުގެ ތެރެއިން މި ވަގުތު ފިޔަވަޅުތައް އެންމެ ވަރުގަދަކޮށްފައި ވަނީ ހިތަދޫގަ އެވެ. ހިތަދޫގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމުގެ ގޮތުން، އެ ރަށުގައި ކާފިއު ހިންގާ ވަގުތު ރޭގަނޑު 9 އިން ފަތިހު 4 އަށް ވަނީ ކުރުކޮށްފަ އެވެ.
ފިހާރަތައް ހުޅުވައިގެން ހެނދުނު 6 އިން ރޭގަނޑު 9 އަށް ހިދުމަތް ދެވޭއިރު، ރޭގަނޑު 9 އިން 10 އަށް ޑެލިވަރީ ކުރެވޭނެ އެވެ. އަދި ކެފޭ/ރެސްޓޯރެންޓް އަދި ކާބޯތަކެތީގެ ހިދުމަތްދޭ އެހެން ތަންތަން ވެސް ހެނދުނު 8 އިން ރޭގަނޑު 10 އަށް ޑެލިވަރީ ކުރެވޭނެ އެވެ. ކާފިއު ނޫން ވަގުތު ތަކުގައި ޓޭކްއަވޭގެ ހިދުމަތް ދެވޭނެ އެވެ. އަދި ހިތަދޫ ފިޔަވާ ގުޅިފައިވާ އެހެން އަވަށްތަކުގައި 10 ޖެހުމާއި ހަމައަށް ޑެލިވަރީ އަދި ޓޭކްއަވޭ ހިދުމަތް ދިނުމަށް ވެސް ހުއްދަދީފައިވެ އެވެ.
ހިތަދޫ ފިޔަވައި އެހެން އަވަށްތަކުގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުމަށް ވެސް ހުއްދަ ދީފައިވެ އެވެ. އަދި މިސްކިތުގައި ޖަމާއަތް ހެދުމުގެ ހުއްދަ ހިތަދޫގެ މިސްކިތްތަކަށް މިފަހަރު ނުދިން ނަމަވެސް، ވަކިން ނަމާދުކުރަން ވަނީ ހުއްދަ ދީފަ އެވެ.
އިއްޔެއާ ހަމަ އަށް އައްޑޫގައި ކޮވިޑްގެ އެކްޓިވް ކޭސްތައް ހުރީ 64 ގަ އެވެ. މީގެ ތެރެއިން 54 މީހަކު ތިބީ ހިތަދޫގަ އެވެ. އަދި ބާކީ 10 މީހުން ތިބީ މަރަދޫގަ އެވެ. މިހާތަނަށް އައްޑޫން މުޅި ޖުމްލަ 470 މީހަކަށް މި ބަލި ޖެހިފައިވާއިރު، 2 މީހަކު ވަނީ މަރުވެފަ އެވެ.