03 ޖުލައި 2021 - 12:57

ޑާކާ (ޖުލައި 3) - ކޮރޯނާވައިރަހުގެ ކޭސްތައް އިތުރުވެ ބަންގްލަދޭޝް ފުލް ލޮކްޑައުންކޮށްފި އެވެ.
ދެކުނު އޭޝިއާގެ ގައުމުގެ 168 މިލިއަން ރައްޔިތުން ބަންދުވާން ޖެހުނު އިރު އިއްޔެ އެކަނިވެސް އެ ގައުމުން ވަނީ 8،483 މީހުން ޕޮޒިޓިވްވެ 132 މީހުން މަރުވެފަ އެވެ. މިހާތަނަށް ވަނީ 930,042 މީހުން ޕޮޒިޓިވްވެފަ އެވެ.
ބަންގްލަދޭޝްގެ އޮފިޝަލުން ބުނެފައި ވަނީ ކަންބޮޑުވާން ޖެހޭ މިންވަރަކަށް އެ ގައުމުގައި ކޭސްތައް އިތުރުވާން ފަށާފައި ވަނީ ޑެލްޓާ ވޭރިއަންޓުގެ ސަބަބުން ކަމަށެވެ. ހަރުކަށި ލޮކްޑައުނަކަށް ދިއުމާ އެކު ބަންގްލަދޭޝްގެ މަގުތައް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އޮތީ ފަޅުވެފަ އެވެ. ފުލުހުންނާއި ސިފައިން ދަނީ މަގުތައް ބަލަހައްޓަމުންނެވެ. މީހުންނަށް ބޭރަށް ނުކުމެވެނީ އަސާސީ ކަންކަމަށް އެކަންޏެވެ.
"ވަރަށް ގިނަ މީހުންނަށް ބަލި ޖެހި ވަރަށް ގިނަ މީހުން ދަނީ މަރުވަމުން،" ކުޑަ ވިޔަފާރިއެއް ހިންގާ މީހެއް ކަމަށްވާ ތޮހިދުލް އިސްލާމް ޗައުދަރީ ބުންޏެވެ. "މިއަށްވުރެ ކުރިން ލޮކްޑައުން ކުރަން ޖެހޭ."
ބަންގްލަދޭޝްގެ ގިނަ ހޮސްޕިޓަލްތައް މިހާރު ވަނީ ފުރިފަ އެވެ. ހާލަތު އެންމެ ގޯހީ އިންޑިއާގެ ބޯޑަރާ ކައިރީގައިވާ ސަރަހައްދުތަކެވެ. ޑެލްޓާ ވޭރިއަންޓް އެންމެ ފުރަތަމަ ފެނުނީ ވެސް އެ ސަރަހައްދުތަކުންނެވެ. އެ ހިސާބުގެ ބައެއް އަވަށްތަކުގައި ބަލި ޖެހޭ ރޭޓް ވަނީ 70 ޕަސެންޓަށް އަރައިފަ އެވެ.