ކަރީނާ ރިތިކްގެ ތިން ފިލްމެއް ދޫކޮށްލި
ކަރީނާ ރިތިކްގެ ތިން ފިލްމެއް ދޫކޮށްލި

ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރަކީ އޭނާ ހިތަށް އަރައިފި ނަމަ ކިތަންމެ ބޮޑު ފިލްމެއް ވެސް ދޫކޮށްލަފާނެ ތަރިއެކެވެ. އޭގެ އެއް ހެއްކަކީ ކަރަން ޖޯހަރް 2003 ގައި ގެނެސްދިން "ކަލް ހޯ ނަ ހޯ" އާއި ސަންޖޭ ބަންސާލީ 2013 ގައި ގެނެސްދިން "ރާމް ލީލާ" ވެސް ދޫކޮށްލުމެވެ.

އެ ދެ ފިލްމަކީ ވަރަށް ވެސް ކާމިޔާބު ދެ ފިލްމުކަމެވެ.

ކަރީނާ އަކީ ރިތިކް ރޯޝަނަކާ އެކު ކުޅެން ލިބުނު ތިން ފިލްމެއް ވެސް ދޫކޮށްލި ބަތަލާއެކެވެ. އޭގެ ތެރެއިން ފުރަތަމަ ފިލްމަކީ ރިތިކް ބޮލީވުޑަށް ނެރެން ބައްޕަ ރާކޭޝް ރޯޝަން 2000 ގައި ގެނެސްދިން ކާމިޔާބު ފިލްމު "ކަހޯ ނާ...ޕިޔާރު ހޭ" އެވެ. އެ ފިލްމު ކަރީނާ ދޫކޮށްލީ އޭގެ ބައެއް ޝޫޓް ވެސް ކުރުމަށް ފަހު އެވެ.

ދެހާސް ވަނަ އަހަރަކީ ކަރީނާ ވެސް ބޮލީވުޑަށް ނުކުތް އަހަރެވެ. އެކަމަކު އެއީ މާ ކާމިޔާބު ނޫން ފިލްމެއް ކަމަށްވާ ޑައިރެކްޓަރު ޖޭޕީ ދައްތާގެ "ރެފިއުޖީ" އިންނެވެ. އެ ފިލްމަކީ އަބީޝެކް ބައްޗަން ވެސް ބޮލީވުޑަށް ނުކުތް ފިލްމެވެ.

ކަރީނާ "ކަހޯ ނާ...ޕިޔާރު ހޭ" ދޫކޮށްލުމުން އެ ފިލްމު ކުޅެން ލިބުނީ އަމީޝާ ޕަޓޭލްއަަށެވެ.

ރިތިކާ އެކު ކުޅެން ލިބި ކަރީނާ ދޫކޮށްލި އަނެއް ފިލްމަކީ ކަރަން ޖޯހަރް 2011 ގައި އިއުލާންކުރި "ޝުއްދީ" އެވެ. މަސައްކަތް ނުފެށި ދިގުލައިގެން ދިއުމުން ކަރީނާ އެ ފިލްމު ދޫކޮށްލުމުން ފަހުން، ރިތިކް ވެސް ފިލްމު ދޫކޮށްލީ އެވެ. އަދި ފަހުން ސަލްމާން ޚާނާ އެކު ފިލްމު ހަދަން ނިންމުމަށް ފަހު، އެކިއެކި މައްސަލަތައް ދިމާވެ ކަރަން އެންމެ ފަހުން "ޝުއްދީ" ހެދުމުގެ ހިޔާލު ދޫކޮށްލީ އެވެ.

ރިތިކާ އެކު އެންމެ ފަހުން ކަރީނާ އަށް ކުޅެން ލިބުނު ފިލްމަކީ ސަންޖޭ ގުޕްތާ ޑައިރެކްޓްކުރި 2017 ގެ "ގާބިލް" އެވެ. ލޯފަން ދެމަފިރިއެއްގެ ވާހަކަ ކިޔައިދިން އެ ފިލްމު ކަރީނާ ދޫކޮށްލީ ބަތަލާގެ ސްކްރީން ޓައިމް ކުޑަވެފައި އެ ރޯލުގައި މާ ހާއްސަ ކަމެއް ނެތުމުންނެވެ. "ކާބިލް" ގެ ވާހަކަ އޮތް ގޮތުން ފިލްމުގެ އިންޓަވަލްގެ ކުރިން ބަތަލާ މަރުވެ އެވެ. އެހެންވެ އެ ވަރުގެ ކުޑަކުޑަ ރޯލެއް ކުޅެން ކަރީނާ ބޭނުން ނުވީ އެވެ.

އޭނާ އެ ފިލްމު ދޫކޮށްލުމުން ބަތަލާގެ ރޯލު ދެން ހުށަހެޅީ ޕަރިނީތީއަށެވެ. އޭނާ ވެސް އަމިއްލަ ސަބަބުތަކެއް ދެއްކުމަށް ފަހު "ގާބިލް" ދޫކޮށްލީ އެވެ. އެހެންވެ ފިިލްމުގެ ލީޑް ރޯލް ޔާމީ ގޯތަމަށް ލިބުނީ ތިން ވަނަ ހޮވުމެއްގަ ގޮތުގަ އެވެ.

ރިތިކްއާ އެކު ކުޅެން ލިބުނު ތިން ފިލްމެއް ދޫކޮށްލިޔަސް ޖޯޑު އެކީގައި ހަތަރު ފިލްމެއް ކުޅުނެވެ. އެއީ ކަރަން 2001 ހައި ގެނެސްދިން "ކަބީ ހުޝީ ކަބީ ޢަމް" އާއި ހަމަ އެ އަހަރު ސުބާޝް ގާއީ ގެނެސްދިން "ޔާދޭ" އާއި 2002 ގައި ކުނާލް ކޯލީ ގެނެސްދިން "މުޖްސޭ ދޯސްތީ ކަރޯގޭ" ގެ އިތުރުން 2003 ގައި ސޫރަޖް ބަރްޖަތިއާ ގެނެސްދިން "މޭ ޕްރޭމް ކީ ދީވާނީ ހޫ" އެވެ.

މި ތިން ފިލްމުގެ ތެރެއިން އެންމެ ކާމިޔާބު ފިލްމަކީ "ކަބީ ހުޝީ ކަބީ ޢަމް" އެވެ.