03 ޖުލައި 2021 - 11:39

ބީއެމްއެލްގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ މި މަހުގެ 15 ގައި ބާއްވަން ނިންމައިފި އެވެ.
އެ ދުވަހުގެ ހެނދުނު 10 ޖަހާއިރު މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮޒިޓަރީ (އެމްއެސްޑީ)ގެ ފަހިވޯޓު ޕޯޓަލް މެދުވެރިކޮށް ބާއްވާ މި ޖަލްސާގައި ބައިވެރިވެވޭނީ ބީއެމްއެލްގެ ހިއްސާދާރުންގެ ދަފްތަރުގައި އަންނަ އަންގާރަ ދުވަހުގެ ކުރިން ރަޖިސްޓަރީވާ މީހުންނަށް ކަމަށް އެ ބޭންކުގެ އެންގުމެއްގައި ވެ އެވެ.
މި ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުންނަށް ރަޖިސްޓަރީވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، ރަޖިސްޓަރީވާން ޖެހޭނީ އެމްއެސްޑީގެ އިންފިނިޓީ ޕޯޓަލް މެދުވެރިކޮށެވެ. ރަޖިސްޓްރީވުމުގެ އެންމެ ފަހުގެ ތާރީހަކީ މި މަހުގެ 13 ވަނަ ދުވަހެވެ.
މި އަހަރުގެ ޖަލްސާގައި ޑިރެކްޓަރުންގެ ބޯޑަށް މެމްބަރުން އިންތިހާބުކޮށް މެމްބަރުންގެ އުޖޫރަ ކަނޑައަޅާނެ އެވެ. އަދި މިދިޔަ އަަހަރު ބޭންކަށް ލިބުނު ފައިދާ އިން ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާފައިވާ އަދަދު މި ޖަލްސާގައި ފާސްކުރާނެ އެވެ.
ބީއެމްއެލް ޑިރެކްޓަރުންގެ ބޯޑުން ވަނީ ހިއްސާއަކަށް 15ރ. ބެހުމަށް އަހަރީ އާއްމު ޖަލްސާ އަށް ހުށަހަޅައިފަ އެވެ. އެއީ ޖުމުލަ 80.7 މިލިއަން ރުފިޔާ އެވެ.
ކޮވިޑް-19 ގެ ސަބަބުން މިދިޔަ އަހަރު ބީއެމްއެލްގެ ވިޔަފާރިއަށާއި އާމްދަނީ އަށް ވަނީ އަސަރު ކޮށްފަ އެވެ. މިދިޔަ އަހަރުގެ އެ ކުންފުނީގެ އޮޑިޓްކޮށްފައިވާ މާލީ ނަތީޖާ ދައްކާ ގޮތުން ޓެކްސް އަށް ކެނޑުމަށް ފަހު ފައިދާގެ ގޮތުގައި 325 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އެއީ، 2019 ވަނަ އަހަރާ އަޅާބަލާއިރު 68 ޕަސެންޓަށް ވުރެ ބޮޑު ދަށްވުމެކެވެ.