ދައްތަ ކްރިތީގެ ފިލްމަކުން ނުޕޫރް ބޮލީވުޑަށް؟
ދައްތަ ކްރިތީގެ ފިލްމަކުން ނުޕޫރް ބޮލީވުޑަށް؟

ބަތަލާ ކްރިތީ ސެނަންގެ ކޮއްކޮ ނުޕޫރް ސެނަން އަދި ފިލްމެއް ކުޅެފައި ނެތަސް، މިހާރު ބެލުންތެރިންނަށް އޭނާ އަލެއް ނުވާނެ އެވެ. އެކްޓަރު އަކްޝޭ ކުމާރާ އެކީ މިދިޔަ އަހަރު ނުޕޫރް ކުޅުނު ފުރަތަމަ ވީޑިއޯ ލަަވަ "ފިލްހާލް" ގެ ބޮޑު މަގުބޫލުކަމާ އެކު އެ ލަވައިގެ ދެވަނަ ބައެއް "ފިލްހާލް 2: މުހައްމަަބަތު" ގެ ނަމުގައި ހަދައި ޓީޒާ ދައްކާލާފައިވާ އިރު މި މަހުގެ 6 ގައި ލަވަ ރިލީޒްކުރާނެ އެވެ.

އެއާ އެކު މިހާރު އޮތް ޚަބަރަކީ ދައްތަ ކްރިތީއާ އެކު ފިލްމެއްގައި މަސައްކަތްކުރަން ނުޕޫރަށް ފުރުސަތު ލިބުނު ވާހަކަ އެވެ. މީޑިއާތަކުން ބުނީ މި ފިލްމަކީ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޓައިގާ ޝްރޮފާއި ކްރިތީ ޝޫޓިން ފަށާ، ޑައިރެކްޓަރު ވިކީސް ބާލްގެ "ގަންޕަތު" އެވެ. މީޑިއާތަކުން ކުރިން ބުނެފައިވާ ގޮތުގައި ޓައިގާ އާއި ކްރިތީއާ އެކު ދެ ބަޔަކަށް ހަދާ ފިލްމުގެ ބޮޑު ރޯލެއް ކުޅެން އޮތީ މަޝްހޫރު "އައިޓަމް ގާލް" ނޯރާ ފަތުހީ އެވެ.

ނަމަވެސް "ގަންޕަތު" ޕްރޮޑިއުސްކުރާ ޖެކީ ބަގްނާނީގެ ފިލްމު ކުންފުނި ޕޫޖާ އެންޓަޓައިންމަންޓުން އެކަން ރަސްމީކޮށް އިއުލާންކުރުމުގެ ކުރިން ނޯރާގެ ޓީމުން ފިލްމުގެ ވާހަކަ މީޑިއާތަކުގައި ދެއްކުމުން އެކަމާ ހިތްހަމަނުޖެހޮގެން އޭނާ އަށް ފިލްމުން ފުރުސަތު ނުދޭން މިހާރު ވަނީ ނިންމައިފަ އެވެ.

އެހެންވެ މިހާރު "ގަންޕަތު" ގެ ދެވަނަ ބަތަލާއެއްގެ ގޮތުގައި ނުޕޫރް ފެނުމުގެ ފުރުސަތު ބޮޑު ކަމަށާއި އޭނާއާ އެކު ފިލްމުގެ ޓީމުން މަޝްވަރާ ކުރަމުން އަންނަ ކަމަށް ބުންޏެވެ.

ދައްތައާ އެކު އެއް ފިލްމަކުން ބޮލީވުޑަށް ނުކުތުމަކީ ޔަގީނުން ވެސް ނުޕޫރަށް ވަރަށް ހާއްސަ ކަމަކަށް ވާނެ އެވެ. އެހެންވެ މިހާރު މަޑުކޮށްލަން ޖެހެނީ އޭނާ "ގަންޕަތު" އަށް ސޮއިކުރިކަން ކަށަވަރުކޮށްދޭނެ އިރަކަށެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން ނުޕޫރް ފުރުސަތު ދޫކޮށްލައިފި ނަމަ، ދެން ފުރުސަތު ދޭނީ އަނެއްކާ ވެސް މުޅިން އާ ބަތަލާއަކަށެވެ.

ކްރިތީ އާއި ޓައިގާ އަށް އަލުން އެކީގައި މަސައްކަތްކުރަން ފުރުސަތު ލިބުނު އިރު، ދެ ތަރިން ބޮލީވުޑަށް އެކީގައި ތައާރަފުވީ 2014 ގެ "ހީރޯޕަންތީ" އިންނެވެ.

"ގަންޕަތު" ގެ ޑައިރެކްޓަރު މި ވަގުތު އަންނަނީ އަމީތާބް ބައްޗަނާއި ދެކުނުގެ ބަތަލާ ރަޝްމިކާ މަންދަނާއާ އެކު "ގުޑްބާއި" ކިޔާ ފިލްމެއް ހަދަމުންނެވެ. އެ ފިލްމު ރިލީޒްކުރާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.

"ގަންޕަތު" ގެ ފުރަތަމަ ބައި އަންނަ އަހަރު ބެލުންތެރިންނަށް ގެނެސްދޭނެ އެވެ.

ނުޕޫރް، 25، އަށް ބޮލީވުޑަށް ނުކުންނަން ފުރުސަތު ލިބުނު އިރު، ދައްތަ ކްރިތީ، 30، އަކީ މި ވަގުތު ބޮލީވުޑްގެ ޒުވާން އެކްޓަރުންގެ ތެރެއިން އެންމެ އުންމީދީ އެކެކެވެ. އޭނާގެ ކުރިއަށް ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި "މިމީ"، "ހަމް ދޯ ހަމާރޭ ދޯ"، "ބޭޅިޔާ"، "ބައްޗަން ޕާންޑޭ" އަދި "އާދިޕުރުޝް" ހިމެނެ އެވެ.