03 ޖުލައި 2021 - 08:29

ރ. މީދޫން ފްލޫ ސާމްޕަލްގެ ގޮތުގައި ނެގި ހަތަރު ސާމްޕަލާއި އެ މީހުންނާ ޑައިރެކްޓް ކޮންޓެކްޓްވި އިތުރު ބަޔަކު ކޮވިޑު-19 އަށް ޕޮޒިޓިވްވުމުން މުއްދަތެއް ނެތް ގޮތަށް އެ ރަށަށް އަރައިފޭބުން މަނާކޮށް، ރެއިން ފެށިގެން ފިޔަވަޅުތައް ހަރުކަށިކޮށްފި އެވެ.
މީދޫން މިދިޔަ ބުދަ ދުވަހު ނެގި 12 ސާމްޕަލްގެ ތެރެއިން ހަ ސާމްޕަލެއް ކޮވިޑަށް ޕޮޒިޓިވްވުމުން އެޗްޕީއޭ އިން ވަކި ގޮތެއް އަންގަންދެން އޮތީ އެ ރަށަށް އަރައިފޭބުން މަނާކޮށްފަ އެވެ. އެ ދުވަހު ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ މިިދިޔަ ހޯމަ ދުވަހު ޕޮޒިޓިވްވި ހަތަރު މީހުންނާ ކޮންޓެކްޓްވި ފަސް މީހުންގެ އިތުރުން ފްލޫ ސާމްޕަލްގެ ގޮތުގައި ނެގި ސާމްޕަލެކެވެ.
އެންމެ ފަހުން ކޮވިޑަށް ޕޮޒިޓިވްވި މީހުންނާ ކޮންޓެކްޓްވި މީހުން ދެނެގަނެ، ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.
އެކަމާ ގުޅިގެން މީދޫ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ އާއްމުންގެ ތެރޭގައި ބަލި ފެތުރެން ފެށުމުން، އެކަން ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް އަޅަން ޓާސްކްފޯހުން ލަފާދީފައިވާ ކަމަށެވެ.
އެ ލަފައާއެކު ވަކި މުއްދަތެއް ނެތް ގޮތަށް މީދޫ ފުރަބަންދުކުރުމާއި ފިހާރަތަކުން ހަމައެކަނި ޑެލިވަރީ ކުރުމަށް ފުރުސަތު ދިނުން ހިމެނެ އެވެ. މަސްވެރިކަމާއި އާމްދަނީ ހޯދުމަށް އަދި ޒަރޫރީ ބޭނުންތަކަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތަކަށް ކައުންސިލްގެ ހުއްދަ ހޯދައިގެން ދިއުމާއި ގައިދުރުކޮށްގެން ޖަމާއަތުގައި ނަމާދުކުރުމަށް ވެެސް މިހާރު ވަނީ އަންގައިފަ އެވެ.
މީދޫން މިހާތަނަށް 27 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވެ އެވެ. އޭގެ ތެރެއިން 14 މީހަކު ބަލިން ރަނގަޅުވެ، މިހާރު ވެސް 13 މީހަކު ދަނީ އެ ބަލި ތަހައްމަލު ކުރަމުންނެވެ.