ބޯޓު ފެތުނު ފަހުން މަރުވެފައިވާ 176 ވެލާ ލަންކާ އަށް ލައްގައިފި
ބޯޓު ފެތުނު ފަހުން މަރުވެފައިވާ 176 ވެލާ ލަންކާ އަށް ލައްގައިފި

ކޮލަމްބޯ (ޖުލައި 3) - ކެމިކަލް ބޯޓެއް ފެތުނު ފަހުން ސްރީ ލަންކާގެ ގޮނޑުދޮށްތަކަށް މަރުވެފައިވާ 176 ވެލަ އާއި 20 ކޯމަސް އަދި ހަތަރު ބޮޑުމަސް ލައްވެފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލުން ބުނެފި އެވެ.

ބޯޓު ފެތުނު ފަހުން މަރުވެފައިވާ 176 ވެލާ ލަންކާ އަށް ލައްގައިފި
ބޯޓު ފެތުނު ފަހުން މަރުވެފައިވާ 176 ވެލާ ލަންކާ އަށް ލައްގައިފި

ލަންކާގެ ބޭރުގައި އޮއްވާ އަލިފާން ރޯވެ ފެތުނު އެކްސް-ޕްރެސް ޕާލް ބޯޓުން ގިނަ އަދަދެއްގެ ކެމިކަލް އާއި ޕްލާސްޓިކް ވަނީ ކަނޑަށް ބޭރުވެފަ އެވެ. އޮފިޝަލުން ކުރިން ވެސް ބުނެފައި ވަނީ ބޯޓުން ބޭރުވި ކެމިކަލްގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށެވެ.

ސިންގަޕޫރުގައި ރަޖިސްޓްރީކޮށްފައިވާ ބޯޓުގައި ހުރި 1،486 ކޮންޓެއިނާގައި 193 އައިޓަމެއް ހުއްޓެވެ. އޭގެ ތެރޭގައި 25 ޓަނުގެ ނައިޓްރިކް އެސިޑް ވެސް ހިމެނެ އެވެ. އަދި ގިނަ އަދަދެއްގެ ޕްލާސްޓިކް ޕެލެޓް ވެސް ހުއްޓެވެ. ފަންސާސް ޓަނުގެ ގޭސް އޮއިލް އަދި 278 ޓަނުގެ ފިއުލް އޮއިލް ހުރި ބޯޓުގައި އަލިފާން ރޯވީ މެއި 20 ވަނަ ދުވަހު އެވެ. އޭރު ބޯޓު އޮތީ ކޮލަމްބޯ ހާބަރުގެ ހުޅަނގު އުތުރުން 9.5 މޭލު ބޭރުގައި އެންކަރުކޮށްފަ އެވެ. ބޯޓުގައި ހުރި ކެމިކަލްގައި ރޯވި އަލިފާންގަނޑު ނިވުނީ 13 ދުވަސް ފަހުންނެވެ.

ލަންކާގެ ތިމާވެއްޓާ ބެހޭ މިނިސްޓަރު މަހިންދާ އަމަރަވީރާ ވިދާޅުވީ އަހަރުގެ މި ދުވަސްވަރަކީ ކަނޑުގައި އުޅޭ މަސްމަހާމެހި މަރުވެގެން ލައްވާ ދުވަސްވަރެއް ނޫން ކަމަށާއި އެހެންވެ ގިނަ އަދަދެއްގެ ދިރުންތައް މަރުވެގެން ލައްވަނީ ބޯޓުން ބޭރުވި ކެމިކަލްގެ ސަބަބުން ކަމަށެވެ.

ލަންކާ ސަރުކާރުން ދަނީ ބޯޓުން ބޭރުވި ކެމިކަލުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން 40 މިލިއަން ޑޮލަރު ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ލަންކާ ސަރުކާރުން ބުނެފައި ވަނީ ބޯޓުން ކެމިކަލް ބޭރުވުމުގެ ސަބަބުން 50،000 މަސްވެރިންގެ އާމްދަނީ އަށް އަސަރުކޮށްފައިވާ ކަމަށެވެ. އަދި އެ މީހުންނަށް ބަދަލު ދޭން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

އޮފިޝަލުން ބުނެފައި ވަނީ ބޯޓުގައި ރޯވެފައި ވަނީ ނައިޓްރިކް އެސިޑް ލީކުވުމުގެ ސަބަބުން ކަމަށެވެ. ބޯޓުގައި ހުރި 25 ޓަނުގެ އެސިޑް ލީކުވާކަން މެއި 11 ވަނަ ދުވަހުން ފެށިގެން ބޯޓުގެ ފަޅުވެރިންނަށް އެނގޭ ކަމަށް ވެސް ބުނެފައިވެ އެވެ. އިންޑިއާގެ ހަޒިރާ ބަނދަރުން 186 މީޓަރު (610 ފޫޓު) ބޯޓު ފުރީ މެއި 15 ވަނަ ދުވަހު އެވެ.