02 ޖުލައި 2021 - 18:08

ޕުކެޓް (ޖުލައި 2) - ކަރަންޓީންވުމަކައި ނުލައި ތައިލެންޑުގެ ޕުކެޓަށް ދަތުރުކުރެވޭ ގޮތަށް ހަމަޖައްސައިފި އެވެ.
ކޮރޯނާވައިރަހުގެ ސަބަބުން ހީނަރުވެފައިވާ ތައިލެންޑުގެ ޓޫރިޒަމް އަލުން ކޮޅަށް ޖެހުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަރަންޓީން ފްރީ ސްކީމުގެ ދަށުން ބުރާސްފަތި ދުވަހު ވަނީ 249 މީހުން ޕެކެޓަށް ދަތުރުކޮށްފަ އެވެ. ކަރަންޓީން ނުވެ ދަތުރު ކުރެވޭނީ ވެކްސިން ޖަހާފައިވާ މީހުންނަށެވެ.
ތައިލެންޑުގެ އިގްތިސާދުގައި ފަސްބައިކުޅަ އެއްބައި ހިއްސާކުރަނީ ޓޫރިޒަމެވެ. ނަވާރަ ސަތޭކަ ނުވަދިހަ ހަތް ވަނަ އަހަރު ކުރިމަތިވި އޭޝިއަން ފައިނޭންޝަލް ކްރައިސިސް އަށް ފަހު ތައިލެންޑުގެ ޓޫރިޒަމް މިހާ ބޮޑަށް ހީނަރުވި ދުވަސްވަރެއް ނުދެ އެވެ.
ޕުކެޓަށް އެންމެ ފުރަތަމަ 25 ޓޫރިސްޓުން އިއްޔެ ދަތުރުކުރީ އިއްތިހާދު އެއާވޭސް އިންނެވެ. ފަސިންޖަރުންގެ ތެރޭގައި ހިމެނޭ 37 އަހަރުގެ ޔޫއޭއީގެ ރައްޔިތެއް ކަމަށްވާ އުމަރު ރިކާލްރައީސީ ބުނީ އޭނާ މީގެ ކުރިން ވަނީ ޕުކެޓަށް 15 ފަހަރު ދަތުރުކޮށްފައި ކަމަށާއި މިފަހަރުގެ ޗުއްޓީގައި އަށް ދުވަސް މަޑުކުރާނެ ކަމަށެވެ.
ކަރަންޓީން ފްރީ ސްކީމެއް ޕުކެޓަށް ތައާރަފްކުރި އިރު ތައިލެންޑުގައި ވަނީ ކޮވިޑުގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވާން ފަށައިފަ އެވެ. އިއްޔެ އެކަނިވެސް ވަނީ 5،500 މީހުން ޕޮޒިޓިވްވެ 57 މީހުން މަރުވެފަ އެވެ. އެ ގައުމުން މިހާތަނަށް ވަނީ 264،834 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ. ނަމަވެސް ޕުކެޓުގައި ކޮވިޑުގެ ހާލަތު އެހާ ގޯހެއް ނޫނެވެ. ޕުކެޓުގެ 70 ޕަސެންޓް މީހުން ވަނީ މަދުވެގެން އެއް ޑޯޒް ވެކްސިން ޖަހައިފަ އެވެ.
ޕުކެޓަށް ދަތުރުކުރާ މީހުން މޯބައިލް އެޕެއް މެދުވެރިކޮށް އެ މީހުންގެ މޫވްމަންޓް ޓްރެކް ކުރާނެ އެވެ.
ކޮވިޑުގެ ކުރިން، މިދިޔަ އަހަރު ތައިލެންޑަށް 40 މިލިއަަން މީހުން ދަތުރުކުރާނެ ކަމަަށް ލަފާކޮށްފައިވެ އެވެ. ނަމަވެސް ކޮވިޑުގެ ސަބަބުން މާޗު މަހު ބޯޑަރު ބަންދުކުރުމުން އެ ގައުމަށް ދަތުރުކޮށްފައި ވަނީ 6.7 މިލިއަން މީހުންނެވެ. ތައިލެންޑަށް 2019 ވަނަ އަހަރު ވަނީ 39.9 މިލިއަން މީހުން ދަތުރުކޮށްފަ އެވެ.