ޔޫއޭއީ މީހުން ލަންކާ އަށް ދަތުރުކުރުން މަނާކޮށްފި
ޔޫއޭއީ މީހުން ލަންކާ އަށް ދަތުރުކުރުން މަނާކޮށްފި

ކޮލަމްބޯ (ޖުލައި 2) - މި މަހު 21 އަށް، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ރައްޔިތުން ދަތުރުކުރުން މަނާ ގައުމުތަކުގެ ލިސްޓްގައި ސްރީ ލަންކާ ހިމަނައިފި އެވެ.

ޔޫއޭއީގެ ފޮރިން މިނިސްޓްރީ އާއި ނޭޝަނަލް އިމަޖެންސީ މެނޭޖްމަންޓް އޮތޯރިޓީ މި ގޮތަށް ހަމަޖައްސާފައި ވަނީ ކުރިއަށް އޮތް ބޮޑު އީދުގެ ދުވަސްވަރާ ދިމާކޮށް ގިނަ ބަޔަކު ދަތުރުކުރާނެތީ ކޮވިޑުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ. ޔޫއޭއީން މީގެ ކުރިން، ޖޫން މަހު ވަނީ 14 ގައުމަކަށް ދަތުރުކުރުން މަނާކޮށްފަ އެވެ.

ޔޫއޭއީގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ކުރިން ހަމަޖައްސާފައި ވަނީ 14 ގައުމަކުން ދަތުރުކުރާ ފްލައިޓްތައް ޖުލައި 21 އާ ހަމައަށް އެ ގައުމުގައި ޖެއްސުން މަނާކުރުމަށެވެ. އެ ގައުމުތަކަކީ ލައިބީރިއާ، ނެމީބިއާ، ސިއަރަ ލިއޯން، ކޮންގޯ، ޔޫގެންޑާ، ޒެމްބިއާ، ވިއެޓްނާމް، އިންޑިއާ، ބަންގްލަދޭޝް، ނޭޕާލް، ލަންކާ، ޕާކިސްތާން އަދި ސައުތު އެފްރިކާ އެވެ. ފަސިންޖަ ފްލައިޓްތައް މަނާކުރި ނަމަވެސް ކާގޯ ފްލައިޓްތަކާއި ބިޒިނަސް އަދި ޗާޓާ ފްލައިޓްތަކަށް ހުއްދަ އޮވެ އެވެ.

ޔޫއޭއީން ވަނީ އެ ގައުމުގެ ރައްޔިތުން އެހެން ގައުމުތަކަށް ދަތުކުރާ އިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ އަމިއްލަ އަށް ކަރަންޓީންވުމަށް އިލްތިމާސްކޮށްފަ އެވެ.

ލަންކާ އިން އިއްޔެ ވަނީ 1،883 މީހުން ކޮވިޑަށް ޕޮޒިޓިވްވެ 43 މީހުން މަރުވެފަ އެވެ.