މިއަންމާގެ މުސްލިމުންނަަށް އަނިޔާކުރާތީ ބަންގްލަދޭޝް ރުޅިގަދަވެއްޖެ
މިއަންމާގެ މުސްލިމުންނަަށް އަނިޔާކުރާތީ ބަންގްލަދޭޝް ރުޅިގަދަވެއްޖެ

ޑާކާ (ނޮވެމްބަރު 24) - މިއަންމާގެ ރަކިނީ ސްޓޭޓުގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް އެ ގައުމުގެ ސިފައިން އަނިޔާކޮށް އެ މީހުންގެ ގެދޮރު ސުންނާފަތި ކުރަމުން ގެންދާތީ ބަންގްލަދޭޝް އިން ރުޅިގަދަވެ، މިއަންމާގެ ސަފީރު ޚާރިޖީ ވުޒާރާ އަށް ހާޒިރުކޮށްފި އެވެ.

މިއަންމާގެ މުސްލިމުންނަަށް އަނިޔާކުރާތީ ބަންގްލަދޭޝް ރުޅިގަދަވެއްޖެ
މިއަންމާގެ މުސްލިމުންނަަށް އަނިޔާކުރާތީ ބަންގްލަދޭޝް ރުޅިގަދަވެއްޖެ

މިއަންމާ ސިފައިންގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް ރޮހިންޔާ ދަރިކޮޅުގެ އެތައް ބަޔަކު ވަނީ ބަންގްލަދޭޝްގެ ސަރަހައްދީ ރޮނގު ކައިރިއަށް ޖަމާވެފަ އެވެ. ބަންގްލަދޭޝްގެ ޚާރިޖީ ވުޒާރާ އިން ވަނީ ރޮހިންޔާ މުސްލިމުންނަށް އަނިޔާ ދިނުން ހުއްޓާލާ، އެ ގައުމުގެ ސަރަހައްދީ ރޮނގު ކައިރި އަށް އެ މީހުން ޖަމާވާން ޖެހޭ ކަމެއް ނުކުރުމަށް މިއަންމާ ސަފީރަށް އަންގައިފަ އެވެ. އަދި ސަރަހައްދީ ރޮނގު ގާޑުން ބެލެހެއްޓި ނަމަވެސް ހާލުގައި ޖެހިފައިވާ މިއަންމާ މުސްލިމުންނަށް ރައްކާތެރިކަން ދޭ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އަދި މިދިޔަ އަންގާރަ ދުވަހު ވެސް 20 ބޯޓުގައި މިއަންމާގެ 150 މުސްލިމުން އަނބުރާ މިއަންމާ އަށް ފޮނުވާލާފައިވާ ކަމަށް ބަންގްލަދޭޝް އިން ބުނެފައިވެ އެވެ. ބޭނުމަކީ އިތުރު މީހުން ސަރަހައްދީ ރޮނގު ކައިރިއަށް ޖަމާވުން ހުއްޓުވުމަށް ކަމަށް ބުނެފައިވެ އެވެ. އެކަމަކު ރޮހިންޔާ މުސްލިމުން ބުނަނީ މި ގޮތަށް ފޮނުވާލާ މީހުން މިއަންމާ ސިފައިން މަރާނެކަން ޔަގީން ކަމަށެވެ.

ރަކިނީގައި މިލިއަނެއްހާ މުސްލިމުން ދިރިއުޅެ އެވެ. އެކަމަކު ރަކިނީގެ އަޣުލަބިއްޔަތު އޮންނަ ބުޑިސްޓުން ބުނަނީ އެއީ ގަވާއިދާ ޚިލާފަށް އެތެރެވެފައިވާ ބައެއް ކަމަށެވެ. ރޮހިންޔާ މުސްލިމުންނަކީ މިއަންމާގެ ރައްޔިތުންގެ ގޮތުގައި އެ ގައުމުގެ ސަރުކާރުން ވެސް ބަލައިގެންފައެއް ނުވެ އެވެ. އެކަމަކު އެ މީހުން މިއަންމާގެ ދިރިއުޅޭތާ އެތައް ޒަމާނެއް ވެއްޖެ އެވެ. ރޮހިންޔާ މުސްލިމުން ގަބޫލް ކުރަން ބަންގްލަދޭޝް އިން ވެސް ވަނީ ދެކޮޅު ހަދައިފަ އެވެ.

ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް މިއަންމާ ސިފައިން ބޮޑު އަސްކަރީ އޮޕަރޭޝަނެއް ފެށީ މިދިޔަ މަހު އެވެ. އެއީ ފުލުހުންގެ ނުވަ މީހަކު މަރާލީ ރޮހިންޔާ މުސްލިމުން ކަމަށް ތުހުމަތުކޮށްފަ އެވެ.

ރޮހިންޔާ މުސްލިމް އަވަށްތަކުގައި މިއަންމާ ސިފައިން އަލިފާން ޖަހާފައިވާ ސެޓެލައިޓް ފޮޓޯތަކެއް ހިއުމަން ރައިޓްސް ވޮޗުން މި ހަފުތާގައި ވަނީ އާއްމުކޮށްފަ އެވެ. މިއަންމާ ސަރުކާރުން ބުނަނީ މުސްލިމުންގެ ގެ ތަކުގައި އަލިފާން ޖަހަނީ އެ މީހުން އަމިއްލަ އަށް ކަމަށެވެ. ބޭނުމަކީ ބައިނަލްއަގުވާމީ ސަމާލުކަން ހޯދުން ކަމަށް ވެސް ބުނެފައިވެ އެވެ.