އިންޑިއާއާ ގުޅޭ ގޮތުން ދައްކާ ފިތުނަވެރި ވާހަކަތައް ހުއްޓަން ޖެހޭ: ނަޝީދު
އިންޑިއާއާ ގުޅޭ ގޮތުން ދައްކާ ފިތުނަވެރި ވާހަކަތައް ހުއްޓަން ޖެހޭ: ނަޝީދު

ސަރުކާރާއި އެމްޑީޕީގެ ވާދަވެރިން އިންޑިއާއާ ބެހޭގޮތުން ދައްކާ ފިތުނަވެރި ވާހަކަތައް ހުއްޓާލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މާލޭގައި ދިން ބޮމުގެ ހަމަލާއަށް ފަހު މިހާރު އިނގިރޭސިވިލާތުގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ތިބޭ ބޭރުގެ ޑިޕްލޮމެޓުންނާ މެދު ދައްކާ ވާހަކަތައް ހުންނަން ޖެހޭނީ ވަކި ހަމަތަކެއްގައި ކަމަށެވެ. އަދި ސަރުކާރާއި އެމްޑީޕީގެ ވާދަވެރިން އިންޑިއާއާ ގުޅުވައި ދައްކާ ފިތުނަވެރި ވާހަކަތައް ހުއްޓުވަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ސަރުކާރާއި އެމްޑީޕީގެ ވާދަވެރިން އިންޑިއާއާ ގުޅޭ ގޮތުން ދައްކަވާ ފިތުނަވެރި އަދި ބޭއަދަބީ ވާހަކަތައް ހުއްޓަން ޖެހޭ،" ނަޝީދުގެ ޓްވީޓުގައި ވިދާޅުވި އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނާއި އެ ތަނުގެ އިސްވެރިންގެ ކަރާމަތަށް، ބައެއް މީޑިއާތަކުންނާއި ސޯޝަލް މީޑިއާ ޕޯސްޓްތަކުން "ހަމަލާ ދޭ" ކަމުގެ ޝަކުވާ އިންޑިއާ ހައި ކޮމިޝަނުން ވަނީ ސަރުކާރަށް ހުށަހަޅައިފަ އެވެ. އެކަން ހުއްޓުވަން ފިޔަވަޅު އަޅައިދިނުމަށް، ހައި ކޮމިޝަނުން ވަނީ ސަރުކާރުގައި އެދިފަ އެވެ.

ނަޝީދު މިގޮތަށް ވިދާޅުވެފައިވާއިރު، ހައި ކޮމިޝަނުގެ ބޭފުޅުންގެ ކަރާމަތަށް ގެއްލުންވާ ގޮތަށް ހަބަރު ފަތުރާ ކަމަށް ބުނާ މައްސަލައިގައި މީޑިއާތަކަށް ފިޔަވަޅު އަޅައިދޭން، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމިިޓީން ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް ސިޓީ ފޮނުވައިފަ އެވެ.

މައްްސަލަ ބަލަން މީޑިއާ ކައުންސިލަށް އެންގުމާ ގުޅިގެން އެ ކޮމިޓީގެ މުގައްރިރު ރޮޒައިނާ އާދަމަށް އަމާޒުވި ފާޑުކިއުންތަކާ ގުޅިގެން އޭނާ ވިދާޅުވެފައި ވަނީ އެ މައްސަލަ ބަލައިދޭން އެދިވަޑައިގަތީ އެއީ ވަކި ގައުމެއްގެ ކަމެއް ވެގެން ނޫން ކަމަށާއި އެގޮތަށް ނިންމެވީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރުގެ ހައިސިއްޔަތުން ކަމަށެވެ.

އިންޑިއާ ހައި ކޮމިޝަނުން މީޑިއާތަކަށް ފިޔަވަޅު އަޅަން އެދިފައި އޮއްވާ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ބޭރު ގައުމުތަކުގެ ޑިޕްލޮމެޓިކް މިޝަންތަކުގެ ބޭފުޅުންގެ ކަރާމާތާއި އަބުރަށް ނޭދެވޭ އަސަރުކުރާ ގޮތަށް ހަގީގަތާ ހިލާފު ހަބަރު ރާއްޖޭގެ ބައެއް ނޫސްތަކުގައި ތަކުރާރުކޮށް ޝާއިއު ކުރަމުންދާ ކަމަށް ބުނެފަ އެވެ.

އެެހެންވެ، ރާއްޖޭއާއި ބޭރުގެ ގައުމުތަކާ ދެމެދު އޮންނަ ގުޅުންތަކަށް އަސަރު ނުކުރާ ގޮތަށް މަސައްކަތް ކުރުމަށް މީޑިއާތަކަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ. އެގޮތަށް ހަބަރު ފަތުރާ ނަމަ ޒަމާންވީ ގުޅުން އޮންނަ ގައުމުތަކާ މެދު އާންމުންގެ މެދުގައި ނަފްރަތު އުފެދިދާނެ ކަމަށް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ގިނަ ކަންކަމަށް އިންޑިއާގެ އެހީތެރިކަން ފޯރުކޮށްދޭތީ އިންޑިއާ އިން ރާއްްޖޭގެ ދާހިިލީ ކަންކަމަށް ނުފޫޒު ފޯރުވަން އުޅޭ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ. އަދި އިންޑިއާގެ ސިފައިން ރާއްޖޭގައި ބޭތިއްބުމާއި، އައްޑޫގައި އިންޑިއާ ކޮންސިއުލޭޓެއް އެޅުން ފަދަ ކަންކަމާ ދެކޮޅަށް ވާހަކަ ދައްކަ އެވެ.