ކޮރެއާގެ ފިލްމު "މިރަކަލް އިން ސެލް ނަމްބާ 7" ގެ ހިންދީ ރިމޭކެއް
ކޮރެއާގެ ފިލްމު "މިރަކަލް އިން ސެލް ނަމްބާ 7" ގެ ހިންދީ ރިމޭކެއް

މި ފަހަކަށް އައިސް ދެކުނު ކޮރެއާގެ ފިލްމުތައް އަސްލަކަށް ބަލައިގެން ބޮލީވުޑްގެ ފިލްމުތައް ހަދާ މިންވަރު އިތުރުވަމުން އަންނަ އިރު، އަނެއްކާ ވެސް އެ ގައުމުގެ ކާމިޔާބު ފިލްމެއްގެ ރައިޓްސް އިން ބޮލީވުޑްގެ ޕްރޮޑިއުސަރަކު ހޯދައިފި އެވެ

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި 2013 ގައި ގެނެސްދިން ކޮމެޑީ ޑްރާމާ "މިރަކަލް އިން ސެލް ނަމްބާ 7" ގެ ރައިޓްސް ހޯދީ "ކަބީރް ސިންގް" އާއި "މުބާރާކަން" އަދި މިހާރު ހަދަމުން އަންނަ "ބޫލް ބުލައްޔާ 2" ފަދަ ފިލްމުތަކުގެ ޕްރޮޑިއުސަރު މުރާދު ކެތާނީ އެވެ.

އޭނާއާ ހަވާލާދީ މީޑިއާތަކުން ބުނީ ފިލްމު ޑައިރެކްޓްކުރާނެ މީހަކު މީހާރު ހޯދަމުން އަންނަ ކަމަށާއި ފިލްމަށް ކާސްޓުން ހަމަޖައްސާނީ އެއަށް ފަހު ކަމަށެވެ. އަދި ފިލްމަށް ނަގާނީ އޭ-ލިސްޓް ކާސްޓެކެވެ.

"މިރަކަލް އިން ސެލް ނަމްބާ 7" އަކީ ކިމް މިން-ކީ ޑައިރެކްޓްކުރި ފިލްމެކެވެ. އޭގެ މައިގަނޑު ރޯލުތައް ކުޅުނީ ރިއު ސިއަންގް-ރިއޮންގް އާއި ކަލް ސޯ-ވޮންގެ އިތުރުން ޕާކް ސިން-ހީ އެވެ.

މި ފިލްމުގެ އެޑަޕްޓޭޝަނެއް ތުރުކީން ވެސް ހަދައިފައިވެ އެވެ.

މި ފަހުން ކޮރެއާގެ ފިލްމުތައް އަސްލަކަށް ބަލައިގެން ގެނެސްދިން ހިންދީ ފިލްމުތަކުގެ ތެރޭގައި ސަލްމާން ޚާންގެ މި އަހަރުގެ "ރާދޭ: ޔޯ މޯސްޓް ވޯންޓެޑް ބާއީ" އާއި އޭނާގެ 2019 ގެ "ބާރަތު" ހިމެނެ އެވެ. "ރާދޭ" އަކީ ކޮރެއާގެ 2017 ގެ ފިލްމު "ދި އައުޓްލޯސް" އަށް ބިނާކޮށް ހެދި ފިލްމެކެވެ. އަދި "ބާރަތު" އަކީ ކޮރެއާގެ 2014 ގެ ފިލްމު "އޯޑް ޓު މައި ފާދާ" އަށް ބިނާކޮށް ހެދި ފިލްމެކެވެ.

މިހާރު ޑިޖިޓަލްކޮށް ޕްރީމިއާކުރަން ތައްޔާރުވަމުން އަންނަ ކަމަށް ބުނާ ބަތަލާ ސޯނަމް ކަޕޫރްގެ އާ ފިލްމު "ބްލައިން" އަކީ ހަމަ އެ ނަމުގައި ގެނެސްދިން ކޮރެއާގެ 2011 ގެ ފިލްމުގެ ރިމޭކެކެވެ.

ދެކުނު ކޮރެއާގެ ފިލްމުތަކުގެ އިތުރުން ބޮލީވުޑުން ދެން އެންމެ ބޮޑަށް އެ އިންޑަސްޓްރީގެ ފިލްމުތައް ބިނާކުރަނީ އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ ފިލްމުތަކަށެވެ.