ޝާހްރުކްގެ ފިލްމަކުން މިހާތަނަކަށް ފުރުސަތެއް ނުލިބޭ: ވިދިޔާ
ޝާހްރުކްގެ ފިލްމަކުން މިހާތަނަކަށް ފުރުސަތެއް ނުލިބޭ: ވިދިޔާ

މިހާތަނަށް އަދި ދުވަހަކު ވެސް ޝާހްރުކް ޚާންގެ ފިލްމެއްގެ ބަތަލާގެ ރޯލު ކުޅެން ހުށަހަޅާފައި ނެތް ކަމަށާއި އެކަމަކު އޭނާއާ އެކީގައި މަސައްކަތްކުރަން ބޭނުންވާ ކަމަށް ބަަތަލާ ވިދިޔާ ބާލަން ބުނެފި އެވެ.

ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުގައި، ހުނަރުވެރި ބަތަލާ ބުނީ އޭނާ އާއި ޝާހްރުކްގެ ޖޯޑު އެކީގައި ފިލްމަކުން ފެންނަން ބޭނުންވާ ކަމަށް ފޭނުން އަބަދު ވެސް ބުނާ ކަމަށެވެ. އެކަމަކު އަދި ދުވަހަކު ވެސް އެފަދަ ފުރުސަތެއް ލިބިފައި ނުވާތީ އެކަމާ ބެހޭ ގޮތުން ވަކި އެއްޗެއް ބުނަން ނޭނގޭ ކަމަށް ބުންޏެވެ.

"އަހަރެން އުންމީދު ކުރަން ކޮންމެވެސް ދުވަހަކުން އެފަަދަ ފުރުސަތެއް ލިބޭނެ ކަމަށް. މިހާތަނަކަށް އަހަންނަކަށް ޝާހްރުކްގެ ފިލްމަކުން ރޯލެއް ހުށަހަޅައިފައެއް ނެތް،" ވިދިޔާ، 42، ބުންޏެވެ.

ޝާހްރުކާއި ވިދިޔާ ފިލްމެއްގެ ލީޑް ރޯލުން މިހާތަނަށް އެކީގައި ފެނިފައި ނެތަސް ވިދިޔާ އާއި އަކްޝޭ ކުމާރާއި ފަރުދީން ޚާންގެ އިތުރުން ރިތޭޝް ދޭޝްމުކްގެ 2007 ގެ ފިލްމު "ހޭ ބޭބީ" ގެ ލަވައަކުން ޝާހްރުކް ފެނިފައިވެ އެވެ.

"ދަ ޑާޓީ ޕިކްޗާ" ކުޅެގެން ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ވިދިޔާ ބުނި ގޮތުގައި އޭނާގެ ފިލްމީ ކެރިއަރާ މެދު ވަރަށް ހިތްހަމަޖެހެ އެވެ. އަދި މިހާތަނަށް ކުޅުނު ކޮންމެ ފިލްމަކާ ދޭތެރޭ ވެސް ވަރަށް ހިތްހަމަޖެހޭ ކަމަށާއި އިންޑަސްޓްރީއާ ދެމެދު ޝަކުވާ ކުރާނެ މާ ގިނަ ކަންކަމެއް ނެތް ކަމަށް ބުންޏެވެ.

"އަހަރެން ގަބޫލުކުރަނީ މިހާތަނަށް ރަނގަޅު މަސައްކަތްތަކެއް ކުރެވުނު ކަމަށް. ބެލުންތެރިން ގައިމު ވެސް ލޯބިވޭ އަހަރެން ދެކެ،" ޕްރޮޑިއުސަރު ސިދާތު ރޯއި ކަޕޫރްގެ އަންހެނުން ބުންޏެވެ.

ވިދިޔާ ބުނި ގޮތުގައި ހިންދީ ސިނަމާގައި އޭނާ އަބަދު ވެސް އައިޑޮލްއެއްގެ ގޮތުގައި ދެކެނީ ކުރީގެ ބަތަލާ ސްރީދޭވީ އެވެ. އަދި އޭނާ އަކީ ކޮންމެ ވައްތަރެއްގެ ރޯލެއް ވެސް ވަރަށް މޮޅަށް ކުޅެފައިވާ ދެވަނައެއް ނެތް ފަދަ ބަތަލާއެއް ކަމަށް ބުންޏެވެ.

ވިދިޔާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރި "ޝޭރްނީ" އެވެ. އޭނާ މިހާރު އަންނަނީ އިތުރު ދެ ފިލްމަކަށް ތައްޔާރުވަމުންނެވެ. އޭގެ ތެރެއިން އެެއް ފިލްމަކީ 2017 ގެ "ތުމާރީ ސުލޫ" ގެ ޑައިރެކްޓަރު ސްރޭޝް ތުރިވޭނީގެ ފިލްމެކެވެ.