01 ޖުލައި 2021 - 23:37
މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް ލީގު އުސޫލުން ކުޅޭ ގޮތަށް ބަދަލު ކުރުމަށް ސާފްގެ ސެކްރެޓަރީ ޖެނަރަލުންގެ ބައްދަލުވުމުގައި ނިންމައިފި އެވެ.
ލީގު އުސޫލުން ސާފް ޗެމްޕިއަންޝިޕް ބާއްވަން، ސާފްގެ ބައްދަލުވުމުގައި ނިންމީ، މުބާރާތުގައި ބައިވެރި ނުވާން ބޫޓާނުން ނިންމުމުންނެވެ. އަދި ފީފާ އިން ޕާކިސްތާން ސަސްޕެންޑް ކޮށްފައި ވު މުން މުބާރާތުގައި ވާދަކުރަން ފަސް ޓީމު އޮތުމުންނެވެ.
ސާފްގެ ޖެނަރަލް ސެކެޓްރީ ބަންގުލަދޭޝްގެ އަންވާރުލް ހައްގު ހިލާލް، އެ ގައުމުގެ ޖަގޯ ނިއުސް އަށް ވިދާޅުވި ގޮތުގައި ފަސް ޓީމުގެ މެދުގައި ލީގުން އުސޫލުން ކުޅުމަށް ފަހު ފައިނަލަށް ދާނީ އެންމެ ގަދަ ދެ ޓީމެވެ.
މުބާރާތުގައި ވާދަނުކުރަން ބޫޓާނުން ނިންމީ، ކޮވިޑުގެ ހާލަތާ ގުޅިގެން ގައުމު ދޫކޮށް ދިއުން އެ ގައުމުގެ ސަރުކާރުން މަނާ ކުރުމުންނެވެ.
ސެޕްޓެމްބަރު 14 އިން 25 އަށް ކުރިން ބާއްވަން އޮތް މުބާރާތް، މިހާރު ވަނީ އޮގަސްޓް 31 އިން ސެޕްޓެމްބަރު 7 އަށް ބޭއްވުމަށް އަވަސް ކޮށްފަ އެވެ.
ބަންގުލަދޭޝްގެ މީޑިއާތަކުން ބުނިގޮތުގައި ޝްރީ ލަންކާ އަދި ނޭޕާލުން ބޭނުން ވަނީ ކޮންމެ ތާރީޙެއްގައި ނަމަވެސް މިއަހަރު މުބާރާތް ބޭއްވުމަށެވެ. އަދި ފީފާގެ އިންޓަނޭޝަނަލް ޕީރިއަޑަށް ފެތޭ ގޮތަށް މުބާރާތް ބޭއްވުމަށް އިންޑިއާއިން ހުށަހަޅަފައިވާ ކަމަށްވެސް ބަންގުލަދޭޝްގެ "71 ނިއުސް" އިން ރިޕޯޓްކޮށްފައި ވެއެވެ. އޮގަސްޓް 31 އިން ސެޕްޓެމްބަރު މަހު ހަތެއްގެ ނިޔަލަށް މުބާރާތް ބާއްވަން އިއުލާން ކުރީވެސް އެހެންވެ ކަމަށް އެ ނޫހުން ބުނެފައި ވެއެވެ.
އެ މުއްދަތުގައި ވެރިރަށް ޑާކާގައި މުބާރާތް ބޭއްވޭނެ ކަމުގެ ޔަގީންކަން ނެތުމުން ޗިޓަގޮންގް ނުވަތަ ސިލްހެޓްގެތެރެއިން ކޮންމެވެސް އެއް ސިޓީއެއްގައި ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.
ކުރިން ޕާކިސްތާންގައި ބާއްވަން ފުރުސަތު ދިން މުބާރާތް ބަންގުލަދޭޝްއަށް ބަދަލު ކުރީ އެ ގައުމުގެ ފައުންޑާ ޝައިހް މުޖީބުއް ރަހްމާން (ބަންގުބަންދު) އުފަންވެ ވަޑައިގަތްތާ 100 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެންނެވެ. ބަންގުބަންދަކީ އީސްޓް ޕާކިސްތާން މޫވްމެންޓް އުފައްދައި ބަންގުލަދޭޝް އުފެއްދުމުގެ ހިޔާލު އެންމެ އިސްކޮށް ގެންގުޅުއްވި ލީޑަރެވެ. ބަންގުލަދޭޝްގެ ފުރަތަމަ ރައީސްގެ މަގާމު އަދި ފަހުން ބޮޑުވަޒީރު ކަމުގެ މަގާމު އަދާ ކުރެއްވި ބަންގުބަންދު އުފަންވެ ވަޑައިގަތީ މާޗް 17، 1920 ގަ އެވެ. ބަންގުލަދޭޝްގެ ބޮޑުވަޒީރު ކަމުގައި ހުންނަވަނިކޮށް އެމަނިކުފާން އަވަހާރަކޮށްލީ 1975 ގަ އެވެ.