24 ނޮވެމްބަރ 2016 - 07:50

އިންޑިއާގައި ދިވެެއްސެއްގެ ފުއްޕާމޭގެ ވަރަށް ނާދިރު އޮޕަރޭޝަނެއްކޮށް، ފުއްޕާމޭގެ 70 ޕަސެންޓް ނަގައިފި އެވެ.
ޓައިމްސް އޮފް އިންޑިއާގައި ބުނެފައި ވަނީ ވަރަށް މަދުން ނޫނީ ނުކުރާ ފުއްޕާމޭގެ އެ އޮޕަރޭޝަންގައި ފަރުވާ ހޯދީ ދިވެހި ވިޔަފާރިވެރިއެއް ކަމަށްވާ އަލި މަނިކު 62، ކަމަށެވެ. އޭނާގެ އޮޕަރޭޝަންކުރީ ޓްރިވެންޑްރަމްގައި ހުންނަ ކިމްސް ހޮސްޕިޓަލްގަ އެވެ. ނަމަވެސް އޮޕަރޭޝަން ކުރީ ކޮން އިރަކު ކަމެއް ބުނެފައެއް ނެތެވެ.
"ނޭވާލާން ބޭނުންވާ ވަރަށް ފުއްޕާމޭގެ ވާތް ފަރާތް މަސައްކަތް ނުކުރާތީ، އެތަނުގައި އުފެދިފައިވާ އިންފެކްޝަން މިހާރު ވަނީ ނަގާފައި. އޭގެ ފަހުން އޮކްސިޖަންގެ މިންވަރު ވަނީ ހުންނަން ޖެހޭ މިންވަރަށް ބަދަލުވެފައި. އަދި 14 ދުވަސް ފަހުން ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައި،" އޮޕަރޭޝަންގައި އިސްކޮށް ހުންނެވި ޑރ. ނަސީރު ޔޫސުފް ވިދާޅުވި އެވެ.
ނޫހުގައި ބުނެފައި ވަނީ އަލި މަނިކަކީ ވަރަށް ގިނައިން ދުންފަތުގެ އިސްތިއުމާލުކުރި މީހެއް ކަމަށާއި ސިއްހީ އެކި މައްސަލަތަކުގައި 12 ފަހަރު ހޮސްޕިޓަލުގައި އެޑްމިޓްކުރި ކަމަށެވެ. އަދި އޭގެ ތެރެއިން 10 ފަހަރު އައިސީޔޫގައި ބޭއްވި ކަމަށް ވެސް ޓައިމްސް އޮފް އިންޑިއާގައިވެ އެވެ.
އަލި މަނިކުގެ އެންމެ ބޮޑު މައްސަލައަކަށް ވެފައި ވަނީ ފުއްޕާމޭގައި އިންފެކްޝަނެއް ހެދުމާއި ނޭވާލާން ބޭނުންވާ މިންވަރަށް އޮކްސިޖަން ނުލިބުމެވެ. އަދި ފުއްޕާމެއަށް ޖެހޭ ބައްޔެއް ކަމަށްވާ ކްރޯނިކް އޮބްސްޓްރަކްޓިވް ޕުލްމޮނަރީ ޑިޒީސް ޖެހެނީ ދުންފަތު އިސްތިއުމާލުކުރުމުން ނުވަތަ ވައި ނުސާފުވުން އަދި ކެމިކަލްގެ އަސަރުކުރުމުން ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ނޫހުގައި ބުނެފައިވެ އެވެ.