01 ޖުލައި 2021 - 16:48

ރާއްޖޭގައި މަރުގެ ދިޔައިގެ ގޮތުގައި ނަގައިދޭ މިންވަރު 100،000ރ. އިން މިލިއަން ރުފިޔާއަށް ސުޕްރީމް ކޯޓުން މިއަދު ބޮޑުކޮށްފި އެވެ.
މަރުގެ ދިޔައިގެ ގޮތުގައި ރާއްޖޭގައި މިހާތަނަށް ނަގައިދެމުން އައީ 100،000ރ. އެވެ. އެކަމަކު ބައެއް ހާލަތްތަކުގައި މަރުގެ ދިޔައިގެ މިންވަރު އިތުރު ކުރަންޖެހޭ ހާލަތުގައި އިސްލާމީ ޝަރީއަތަށް ރިއާޔަތްކޮށް، 133،000ރ. ނަގައިދީފައި އެބަހުއްޓެވެ. އެއީ އެންމެ ބޮޑުކޮށް ނަގައިދީފައިވާ އަދަދެވެ. މަރުގެ ދިޔައިގެ މިންވަރު ރާއްޖޭގައި ކަނޑައެޅީ ޝަރީއަތްކުރުމާ ބެހޭ ގަވާއިދުގެ ދަށުން 1995 ވަނަ އަހަރު އެވެ.
ސުޕްރީމް ކޯޓުން މިއަދު އާންމުކުރި އަދަބު ކަނޑައެޅުމުގެ އުސޫލު ބުނާގޮތުން މަރުގެ ދިޔަ ދޭންޖެހޭ ހާލަތްތަކުގައި އެންމެ ލުއި މިންވަރަކީ ވެސް އެއް މިލިއަން ރުފިޔާ އެވެ. އަދި މަރަށް މަރު ނުހިފޭ ހާލަތްތަކުގައި އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން ކައްފާރާގެ ގޮތުގައި ޖެހިޖެހިގެން 60 ދުވަހު ރޯދަ ހިފަން އަމުރުކުރަން ވެސް އެ އުސޫލުގައި ހިމަނާފައިވެ އެވެ.
އިސްލާމީ ޝަރީއަތުގައި މަރުގެ ދިޔަ ކަނޑައަޅާފައިވަނީ 100 ޖަމަލުގެ ނިސްބަތުންނެވެ. އެކަމަކު މި ޒަމާނުގައި އިސްލާމީ ގައުމުތަކުގައި މަރުގެ ދިޔަ ނަގައިދެނީ އޭގެ އަގަށްވާ ފައިސާ އިންނެވެ. އަދި މަރުގެ ދިޔައިގެ މިންވަރު އިސްލާމީ ގައުމުތަކުގައި ދޭތެރެ ދޭތެރެއިން މުރާޖާކޮށް ބަދަލު ގެންނަމުންދެ އެވެ.
އިސްލާމީ ޝަރީއަތުގައި މަރުގެ ދިޔަ އަކީ މަރުގެ މައްސަލަތަކުގައި މަރުވި މީހާގެ އާއިލާއަށް ގާތިލުގެ ފަރާތުން ދައްކަންޖެހޭ ފައިސާއެކެވެ. ގަސްދު މަރުގެ މައްސަލަތަކާއި ގަސްދަކާ ނުލައި މީހަކު މަރާލެވޭ ހާލަތްތަކުގައި އަދި އިހުމާލުގެ ސަބަބުން މީހަކު މަރުވާ ހާލަތްތަކުގައި ވެސް ވާރިސުން ބޭނުންވާ ނަމަ، މަރުގެ ދިޔަ ނަގައިދެވޭނެ އެވެ.