01 ޖުލައި 2021 - 16:16

ދެކުނުގެ ރަށެއްގައި ދޮން ދަރިއަކާ ބެހުނު ފިރިހެނަކު 32 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފި އެވެ.
މާޗް 2019 އިން ފެށިގެން އަންހެން ދޮންދަރިއަކަށް ޖިންސީ ގޯނާ ކުރަމުން ދިޔަ ކަމުގެ ތުހުމަތުގައި 52 އަހަރުގެ މީހަކު ހައްޔަރު ކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. އޭނާގެ މައްޗަށް ދައުލަތުން ދައުވާ ކުރީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގަ އެވެ.
އެ މައްސަލައިގައި ދައުލަތުން އެ މީހާގެ މައްޗަށް ކުރި ހަތަރު ދައުވާ ސާބިތު ވެފައިވާ ކަމަށް މިއަދު ޕީޖީ ހުސެއިން ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވި ގޮތުގައި، އެ ހަތަރު ދައުވާ ސާބިތުވުމުން، އޭނާގެ މައްޗަށް ވަނީ ޖުމްލަ 32 އަހަރާއި، އެއް މަހާއި 27 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.
ރާއްޖޭގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ކަމަށް ބަލަނީ 25 އަހަރެވެ. މި މައްސަލައިގައި އެއަށް ވުރެ ބޮޑު ހުކުމެއް އައިސްފައި ވަނީ އެއް ދައުވާއަށް ވުރެ ގިނަ ދައުވާ ކުރުމުންނެވެ.
ޕީޖީ އޮފީހުން މި ފަހުން ވަނީ ދައުވާ ކުރުމާ މެދު ގެންގުޅޭ އުސޫލަށް ބަދަލު ގެނެސްފަ އެވެ. އެގޮތުން، އެ އޮފީހުން ނިންމާފައި ވަނީ، އެއް ހާދިސާއެއްގައި ހިމެނޭ ކުށުގެ އެކި ކަންކަމަށް ދައުވާ ކުރުމަށެވެ.
ޖިންސީ ކުށުގެ މައްސަލަތަކާއި ކުޑަކުދިންނާ ގުޅޭ މިފަދަ މައްސަލަތަކުގެ ޝަރީއަތް ހިންގަނީ ސިއްރުންނެވެ. އަދި މިފަދަ މައްސަލަތަކުގައި އަނިޔާ ލިބޭ ކުދިންގެ މައުލޫމާތު އާންމު ކުރުމަކީ ކުށެކެވެ.