އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރަށް ކޮވިޑް ޖެހޭ: ދިރާސާ
އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރަށް ކޮވިޑް ޖެހޭ: ދިރާސާ

ކޮވިޑް ބަލި ޖެހިފައިވާ މީހުންގެ ގޭގޭގައި, އޮޅުކޮށްގެން ގެންގުޅޭ ބުޅަލާއި ކުއްތާ ފަދަ ޖަނަވާރުގެ ހަށިގަނޑަށް ވެސް، ކޮވިޑް-19 ވައިރަސް އަރާ ކަމަށް ސައެންސްވެރިންގެ ދިރާސާއަކުން ދައްކައިފި އެވެ.

ނެދަލޭންޑްސްގެ ޔޫޓްރެކްޓް ޔުނިވަސިޓީން މި ދިރާސާ ހަދާފައިވަނީ، ކޮވިޑް ބަލި ޖެހިފައި ތިބި މީހުން ދިރިއުޅޭ 196 ގޭބިސީއެއްގައި އޮޅުކޮށްގެން ގެންގުޅުނު 310 ޖަނަވާރެއްގެ ހަށިގަނޑުން ސާމްޕަލް ނަގައިގެންނެވެ. އޭގެ ތެރެއިން ހަ ބުޅަލާއި ހަތް ކުއްތާ ވަނީ ޕީސީއާރް ޓެސްޓުން ޕޮޒިޓިވް ވެފަ އެވެ. އޭގެ އިތުރުން 54 ޖަނަވާރެއްގެ ހަށިގަނޑުން، ކޮވިޑް-19ގެ އެންޓިބޮޑީ ފެނިފައިވެ އެވެ.

"ކޮވިޑް ޖެހިއްޖެއްޔާ، އެހެން މީހުންނާ ވެސް ދުރުގައި ހުންނަ ފަދައިން، ގޭގައި ގެންގުޅޭ ބުޅަލާއި ކުއްތާ ފަދަ ޖަނަވާރުތަކާ ގައިގޯޅިވެ ނޫޅެންވީ. މީގައި ކަންބޮޑުވަނީ ޖަނަވާރަށް ކޮވިޑް ޖެހިދާނެތީއެއް ނޫން. ހަގީގީ ކަންބޮޑުވުން އޮތީ، އެފަދަ ޖަނަވާރުތަކަކީ އެސޮރުމެންގެ ހަށިގަނޑުގައި ގިނަ ދުވަސްތަކަކަށް ކޮވިޑްގެ ވައިރަސް ރައްކާކޮށްފައި ބަހައްޓައިދޭ ވަސީލަތަކަށްވެދާނެތީ. އޭރުން ފަހުގެ މަރުހަލާއެއްގައި އަނެއްކާ އެފަދަ ޖަނަވާރުގެ ކިބައިން އިންސާނުންގެ ތެރޭގައި ކޮވިޑް ފެތުރެން ފަށައިފާނެ،" ޔޫޓްރެކްޓް ޔުނިވަސިޓީގެ ޕްރޮފެސަރު ޑރ. އެލްސް ބްރޮއެންސް ވިދާޅުވި އެވެ.

މި ދިރާސާގައި ބުނެފައިވާ ގޮތުގައި އެފަދަ ޖަނަވާރުންގެ ހަށިގަނޑުން އިންސާނުންގެ ހަށިގަނޑަށް ކޮވިޑް ވައިރަސް އަރާ ކަމަށް މިހާތަނަށް ހޯދިފައެއް ނެތެވެ. އަދި އިންސާނުންގެ އެކަކު ގައިން އަނެކަކުގެ ގަޔަށް ކޮވިޑް ވައިރަސް ފެތުރެމުންދާ މިފަދަ ދުވަސްވަރެއްގައި، އެކަން ދެނެގަތުމަކީ ވެސް އުނދަގޫ ކަމެއް ކަމަށް ވެސް މި ދިރާސާގައި ބުނެފައިވެ އެވެ.

ކޮވިޑަށް ޕޮޒިޓިވްވި ގިނަ ޖަނަވާރުގެ ކިބައިން ކޮވިޑްގެ އެއްވެސް އަލާމާތެއް ނުފެނެ އެވެ. ނަމަވެސް ބައެއް ޖަނަވާރުގެ ހަށިގަނޑުން އާދައިގެ އަލާމާތްތައް ފެނުނެވެ.

މިދިރާސާގައި ލޭގެ ސާމްޕަލް ނެގި ޖަނަވާރުގެ ތެރެއިން، ކޮވިޑް ވައިރަހުގެ އެންޓިބޮޑީ ފެނިފައިވާ ޖަނަވާރުތަކަކީ، މިދިޔަ ދުވަސްތަކުގައި ކޮވިޑް ޖެހި، އެބަލިން ރަނގަޅުވެ އޭގެ ދިފާއު އުފެދިފައިވާ ޖަނަވާރުތަކެވެ. އަދި ޕީސީއާރް ޓެސްޓުގައި ކޮވިޑަށް ޕޮޒިޓިވްވި ހުރިހާ ޖަނަވާރެއް ވެސް މިހާރު ކޮވިޑުން ރަނގަޅުވެ، ހަށިގަނޑުގައި އެންޓިބޮޑީ އުފެދެމުން އަންނަކަން ފާހަގަކުރެވޭ ކަމަށް ދިރާސާގައި ބުނެފައިވެ އެވެ.

އިންސާނުންގެ ގައިން ޖަނަވާރުގެ ހަށިގަނޑަށް ވައިރަސް އަރާކަން ދިރާސާއަކުން ސާބިތުވެފައިވާ އިރު، ރަޝިޔާގައި މިއަހަރުގެ ކުރީކޮޅުން ފެށިގެން އަންނަނީ، ބައެއް ޖަނަވާރަށް ވެސް ކޮވިޑް އިން ރައްކާތެރިވުމުގެ ވެކްސިން ޖަހަން ފަށައިފަ އެވެ.

މިފަދަ އެހެން ދިރާސާއެއް ކެނެޑާގެ ޔުނިވަސިޓީ އޮފް ގުއެލްފް އިން ވެސް ވަނީ ކޮށްފަ އެވެ. މިދިރާސާގައި ބައިވެރިކޮށްފައިވަނީ، ގޭ މީހުންނާ އެކު އެއް އެނދެއްގައި ނިންދަވާ ޖަނަވާރެވެ. އެފަދަ ޖަނަވާރަށް މީހުންގެ ފަރާތުން ކޮވިޑް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ދިރާސާ އިން ދައްކަ އެވެ.

މި ދިރާސާގައި ބައިވެރިވި ކުރި 77 ގޭބިސީގައި ގެންގުޅޭ ކުއްތާ އާއި ބުޅަލުގެ ތެރެއިން، 48 ބުޅަލަކާއި 54 ކުއްތާއެއްގެ ލޭ ތަހުލީލުކުރުމުން އެސޮރުމެންގެ ހަށިގަނޑުން ވަނީ ކޮވިޑް-19ގެ އެންޓިބޮޑީ ފެނިފަ އެވެ. އެޖަނަވާރުތަކަކީ، ކޮވިޑަށް ޕޮޒިޓިވްވި މީހުންނާ އެއް އެނދެއްގައި ނިދައި އުޅުނު ޖަނަވާރުތަކެވެ.