ކޮވިޑް ވެކްސިން އުފައްދައިދޭން ތައްޔާރު: ސައޫދީ
ކޮވިޑް ވެކްސިން އުފައްދައިދޭން ތައްޔާރު: ސައޫދީ

މުޅި ދުނިޔެ ކޮވިޑް ވެކްސިނަށް ޖެހިފައިވާ އިރު، ސައޫދީ އަރަބިއްޔާ މިހާރު އޮތީ އެފަދަ ވެކްސިން އުފައްދައިދޭ ހަބެއްގެ ގޮތުގައި އެ މަސައްކަތް ކުރަން ތައްޔާރަށް ކަމަށް ސައޫދީ އަރަބިއްޔާ އިން އިއްޔެ ބުނެފި އެވެ.

އިޓަލީގެ ބްރިންޑިސީގައި ބޭއްވި ޖީ-20ގެ މިނިސްޓަރުން ފެންވަރުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ސައުދީ އަރަބިއްޔާގެ ކިންގް ސަލްމާން ހިއުމެނިޓޭރިއަން ރިލީފް ސެންޓަރުގެ ސުޕަވައިޒަރ ޖެނެރަލް ޑރ. އަބްދުﷲ އައްރަބީއާ ވިދާޅުވި ގޮތުގައި، ކޮވިޑް ވެކްސިން އުފައްދަން ބޭނުންވާ ސާމާނު އެ ގައުމުގައި އެބަހުއްޓެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮވިޑް ވެކްސިންގެ އިތުރުން، އެހެން ބާވަތްތަކުގެ ބޭހާއި ބޭސްވެރިކަމުގެ ސާމާނުވެސް އުފައްދައިދޭ ހަބެއްގެ ގޮތުގައި މަސައްކަތް ކުރަން ސައޫދީ އަރަބިއްޔާ އޮތީ ތައްޔާރަށެވެ. މެދުއިރުމަތީގެ އިތުރުން އޭޝިޔާ އާއި އެފްރިކާގެ ގައުމުތައް މިހާރު ވެސް ކޮވިޑް ވެކްސިން ނުލިބިގެން އުޅޭ އިރު، އެކަމަށް ހައްލެއް ހޯދައިދިނުމުގެ ގާބިލްކަން ސައޫދީގައި އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިދިޔަ އަހަރުގެ ތެރޭގައި މުޅި ދުނިޔެއަށް ކޮވިޑް ފެތުރުމާ ގުޅިގެން، މުޅި ދުނިޔެ އަށް ވެސް ކުރިމަތިވެފައި މިވަނީ، މީގެ ކުރިން ބަޔަކު ހީވެސް ނުކުރާހާ ބޮޑެތި ގޮންޖެހުންތަކެއް. މި ބަލިމަޑުކަމުގެ ސަބަބުން އާލަމީ ފެންވަރުގެ ސިއްހީ ކުއްލި ހާލަތެއް މެދުވެރިވެފައިވާ އިރު، އޭގެ ގެއްލުންތައް އިގްތިސާދަށާއި ސިއްހީ ނިޒާމުތަކަށާއި ތައުލީމީ ދާއިރާއަށާއި، ގައުމުތަކުގެ ހިންގުންތެރިކަމުގެ ދާއިރާ އަށް ވެސް މިދަނީ ކުރިމަތިވަމުން. އޭގެ އިތުރުން އިޖްތިމާއީ އޮނިގަނޑު ވެސް މިދަނީ ސުންނާފަތި ވަމުން. ހާއްސަ ގޮތެއްގައި ކުޑަކުދިންނާއި މުސްކުޅިންނާއި އަންހެނުންނާއި ހައިހޫނުކަމުގައި އުޅޭ މީހުންނާއި ހަނގުރާމަތަކާއި ގުދުރަތީ ކާރިސާތައް ތަހައްމަލް ކުރަންޖެހިފައިވާ މީހުންނަށް، މި ވަބާގެ ސަބަބުން ލިބޭ ގެއްލުން ވަކިން ބޮޑު."

އޭނާ ވިދާޅުވި ގޮތުގައި ގަބޫލުކުރަންޖެހޭ ދެރަ ހަގީގަތަކީ، ގިނަ ގައުމުތަކެއްގައި އަދިވެސް ގިނަ ބަޔަކަށް ކޮވިޑް ޖެހެމުން ދިޔުމާއި އެނދުމަތިކޮށްގެން ފަރުވާ ދޭންޖެހޭ މީހުންގެ އަދަދާއި މަރުވާ މީހުންގެ އަދަދުވެސް އިތުރުވަމުން ދިޔުމެވެ.

"ކޮވިޑް-19 އިން ރައްކާތެރިވެވެން އޮތް މައިގަނޑު ވަސީލަތަކީ ހުރިހާ ގައުމުތަކަށް ވެސް ވީހާ ގިނައިން ވެކްސިން ލިބޭނެ ގޮތެއް ހަމަޖެއްސުން. ކުރިމަގުގައި ކުރިމަތިވެދާނެ މިފަދަ ކާރިސާއަކުން ރައްކާތެރިވުމަށްޓަކައި، ކޮވިޑް-19ގެ ވަބާ އިން ލިބުނު ތަޖުރިބާތަކުން ރަނގަޅަށް އިބްރަތް ހާސިލްކުރަންޖެހޭނެ."

އޭނާ ވިދާޅުވީ ސައޫދީ އަރަބިއްޔާގައި ކޮވިޑް ވެކްސިން އުފައްދަން ފެށުމުން، އިތުރުވާނީ ހަމައެކަނި ވެކްސިން އުފެއްދޭ އަދަދު ނޫން ކަމަށާއި، އޭގެ އިތުރުން ގިނަ އަދަދެއްގެ ބަޔަކަށް ވަޒީފާގެ ފުރުސަތު ވެސް ތަނަވަސް ވެގެންދާނެ ކަމަށެވެ.

ދުނިޔޭގެ ހުރިހާ ގައުމުތަކަށް ހަމަހަމަ ގޮތެއްގައި ވެކްސިން ފޯރުކޮށްދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ފަށާފައިވާ ކޮވެކްސް ޕްރޮގްރާމަށް ސައޫދީ އަރަބިއްޔާ އިން މިހާރު ވެސް ވަނީ 713 މިލިއަން ޑޮލަރު ހަދިޔާ ކޮށްފަ އެވެ.