01 ޖުލައި 2021 - 15:04

ކެނެޑާގެ ތާރީހުގައި ވެސް ހޫނުމިން މައްޗަށް ނުދާ ވަރަށް ހޫނުމިން މަތިވެ، 500 އާ ގާތްކުރާ އަދަދަކަށް މީހުން މަރުވުމާ ގުޅިގެން، ކެނެޑާގެ އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދެން ފަށައިފި އެވެ.
ކެނެޑާ ސަރުކާރުގެ ރަސްމީ އިދާރާތަކުން ބުނާ ގޮތުގައި، މިދިޔަ ފަސް ދުވަހުގެ ތެރޭގައި، އެ ގައުމުގެ އެންމެ ހުޅަނގު ސަރަހައްދުތަކުގައި އާދަޔާ ހިލާފަށް ހޫނުމިން މަތިވުމުގެ ސަބަބުން، ކުއްލި ގޮތެއްގައި މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އަންނަނީ އިތުރުވަމުންނެވެ. އޭގެ ސަބަބުން، އުމުރުން ދުވަސްވީ މީހުންނާއި ދިގު މުއްދަތަށް ބޭސްކުރާ މީހުންނަށާއި ބޮޑެތި ބަލިތައް ތަހައްމަލް ކުރަމުންދާ މީހުންގެ ފުރާނައަށް ނުރައްކާވެފައިވާ ކަމަށް ވެސް އެ އިދާރާތަކުން ބުނެ އެވެ.
ބްރިޓިޝް ކޮލަމްބިއާގެ އިސް ޑޮކްޓަރު ލީޒާ ލަޕޮއިންޓް ވިދާޅުވި ގޮތުގައި މިދިޔަ ހުކުރު ދުވަހުން ފެށިގެން ބުދަ ދުވަހުގެ މެންދުރާ ހަމައަށް، އެ ސަރަހައްދުން އެކަނިވެސް، 486 މީހުން މަރުވިކަމަށް ވަނީ ނުރަސްމީ ހިސާބުތަކުން ދައްކަ އެވެ. އަދި ރަސްމީ ހިސާބުތައް ލިބޭ އިރު، މިއަދަދު 500 އަށް ވުރެ އިތުރުވުން އެކަށީގެންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ލަޕޮއިންޓް ވިދާޅުވި ގޮތުގައި ބްރިޓިޝް ކޮލަމްބިއާ ސަރަހައްދުގައި މީހުން މަރުވާ އާންމު ރޭޓަކީ، ކޮންމެ ފަސް ދުވަހަކުން 165 މީހުންނެވެ. ނަމަވެސް ހޫނުމިން މަތިވުމާ ގުޅިގެން، މިދިޔަ ފަސް ދުވަހުގެ ތެރޭގައި އެނިސްބަތް ވަނީ 195 ޕަސެންޓް އިތުރުވެފަ އެވެ.
މިދިޔަ ފަސް ދުވަހުގެ ތެރޭގައި ގޮތް ނޭނގޭ، ގިނަ އަދަދެއްގެ މަރުތަކެއް ރިކޯޑްކުރެވިފައިވާތީ، އޭގެ ތެރެއިން، ހޫނުގެ ސަބަބުން މަރުވީ ކިތައް މީހުންކަން ކަނޑައެޅިގެން ބުނަން ނޭނގޭ ކަމަށް ވެސް ލަޕޮއިންޓް ވިދާޅުވި އެވެ. ނަމަވެސް ހޫނުމިން މަތިވުން ފިޔަވައި، ކުއްލި މަރުތަކެއް މެދުވެރިވާން ޖެހޭ އެހެން އެއްވެސް ސަބަބެއް މެދުވެރިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މެޓްރޯ ވެންކޫވާގެ ފުލުހުންގެ އިދާރާ އިން ބުނި ގޮތުގައި، މިދިޔަ ހުކުރު ދުވަހު ހޫނު ރޯޅިތައް އަރަން ފެށި ފަހުން އަންގާރަ ދުވަހުގެ ނިޔަލަށް، ކުއްލި ގޮތަކަށް 65 މީހަކު މަރުވިކަމަށް ރެކޯޑްތަކުން ދައްކަ އެވެ. އޭގެ އިތުރުން އެހެން ބައެއް ސަރަހައްދުތަކުން ވެސް ގޮތް ނޭނގޭ ކުއްލި މަރުތަކެއް ރެކޯޑް ކުރެވިފައިވާ ކަމަށް ކެނެޑާގެ ރަސްމީ އިދާރާތަކުން ބުނެ އެވެ.
ކުރިއަށް އޮތް ހަފުތާގައި ވެސް ހޫނުމިން އެއްވަރެއްގައި ހިފެހެއްޓިފައި ހުންނާނެ ކަމަށާއި، އެގައުމުގެ އެންމެ ހުޅަނގު ސަރަހައްދަށް އަރާފައިވާ ހޫނު ރޯޅިތައް، ކެނެޑާގެ އެހެން ސަރަހައްދުތަކަށް ވެސް މިއަދު ފެތުރެން ފަށާނެ ކަމަށް، ކެނެޑާގެ މޫސުމާ ބެހޭ އިދާރާ އިން ބުނެ އެވެ. އޭގެ ތެރެއިން ވެސް، ހޫނު ރޯޅިގެ އަސަރު ބޮޑަށް ފެތުރޭނީ، ކެނެޑާގެ ހުޅަނގު އުތުރު ސަރަހައްދަށް ކަމަށް އެ އިދާރާ އިން ބުނެ އެވެ.
ކެނެޑާގެ މޫސުމާ ބެހޭ އިދާރާ އިން ބުނި ގޮތުގައި އެ ގައުމުގެ ތާރިހުގައި ވެސް މިހާތަނަށް ހޫނުމިން އެންމެ މައްޗަށް ދިޔަ ކަމަށް ރެކޯޑް ކުރެވުނީ މިދިޔަ އަންގާރަ (29 ޖޫން 2021) ދުވަހު އެވެ. އެދުވަހު ބްރިޓިޝް ކޮލަމްބިއާގައި ހޫނުމިން ހުރީ 49.5 ޑިގްރީ ސެލްސިއަސް (121 ފެރަންހައިޓް)ގަ އެވެ. މިއީ ޖެހިޖެހިގެން މިވަރަށް ހޫނުމިން ހުރި ތިން ވަނަ ދުވަހެވެ.
ކެނެޑާ އާއި އެމެރިކާގެ ބައެއް ސަރަހައްދުތަކަށް އާދަޔާ ހިލާފަށް ހޫނުމިން މައްޗަށް ގޮސްފައި މިވަނީ، އަލުން އަނބުރާ އިއާދަނުކުރެވޭ މިންވަރަށް، ދުނިޔޭގެ ހޫނުމިން މައްޗަށް ގޮސްފައިވާ ކަމަށް ބެލެވޭ ކަމަށް، އާޓިކްގައި މިހާތަނަށް ކުރި، މިކަމާ ގުޅޭ އެންމެ ބޮޑު ދިރާސާގެ އިސް ސައެންސްވެރިޔާ މީގެ ދެ ހަފުތާ ކުރިން އިންޒާރު ކޮށްފައި ވަނިކޮށެވެ.
ދިރާސާގެ އިސް ސައެންސްވެރިޔާ މާކުސް ވިދާޅުވި ގޮތުގައި އުތުރު ޕޯލްގައި ކުރި ދިރާސާ އަށް މައުލޫމާތު އެއްކުރަން ފެށި ފަހުން، އެންމެ ހަލުވިމިނުގައި އާޓިކް ކަނޑުގެ ގަނޑުފެންތައް ވިރެމުން ދިޔައީ، 2020 ވަނަ އަހަރުގެ ރަބީއު މޫސުމުގެ (މާޗް، އެޕްރީލް، މެއި) ތެރޭގަ އެވެ. އަދި މީގެ ވިއްސަކަށް އަހަރު ކުރިއާ އަޅައި ބަލާއިރު، ހޫނު މޫސުމުގެ ތެރޭގައި އާޓިކް ކަނޑުގެ ތެރެއަށް ގަނޑުފެންތައް ފެތުރިގެން ދިޔަ މިންވަރު، މިދިޔަ އަހަރުގެ ތެރޭގައި ދެ ބައިކުޅަ އެއްބައި މަދެވެ.
އޭގެ އިތުރުން އާޓިކްގައި ހުރި ގަނޑުފެންތަކުގެ ބޯމިން މިހާރު ހުރީ، 1890ގެ އަހަރުތަކުގައި ކުރި ދިރާސާތަކުގައި ރެކޯޑް ކުރެވިފައިވާ މިންވަރަށް ވުރެ ދެ ބައިކުޅަ އެއްބައި ތުނިވެފަ އެވެ. އަދި އެ ދުވަސްވަރާ އަޅައި ބަލާއިރު، އާޓިކްގެ ހޫނުމިން ވެސް 10 ޑިގްރީ މަތިވެއްޖެ އެވެ.