01 ޖުލައި 2021 - 14:56

އެހެން ގައުމުތަކުން ޗައިނާ އަށް ގަނާކުރި ޒަމާން ފާއިތުވެއްޖެ ކަމަށާއި، އެއްވެސް ބަޔަކަށް ދެން ޗައިނާއަށް އެފަދަ ގެއްލުމެއް ނުދެވޭނެ ކަމަށް އެގައުމުގެ ރައީސް ޝީ ޖިންޕިންގް މިއަދު ވިދާޅުވެއްޖެ އެވެ.
ޗައިނާގެ ކޮމިޔުނިސްޓް ޕާޓީގެ 100 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް، ޓިއަނަމަން މައިދާނުގައި މިއަދު ހެނދުނު ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި، ޝީ ވިދާޅުވީ މިދިޔަ އަހަރުތަކުގައި ޗައިނާ އިން ވެސް އެއްވެސް ގައުމަކަށް އަނިޔާވެރިވެފައި ނޯންނާނެ ކަމަށެވެ. ގާތްގަނޑަކަށް 70،000 މީހުން ހާޒިރުވި އެ ރަސްމިއްޔާތުގައި ރައީސް ޝީ ވަނީ ގަޑިއަކަށް ވުރެ ގިނަ އިރު ވާހަކަ ދައްކަވައިފަ އެވެ.
ރައީސް ޝީ ވިދާޅުވީ ޗައިނާގެ ރައްޔިތުންނާއި ކޮމިޔުނިސްޓް ޕާޓީ ވަކިކުރަން މަސައްކަތް ކުރި އެންމެން ނާކާމިޔާބުވެ ގެއްލިފައިވާ ކަމަށެވެ. ޝީގެ ވާހަކައިގައި، ޗައިނާގެ ކޮމިޔުނިސްޓް ޕާޓީގެ ސަބަބުން، ޗައިނާގެ ރައްޔިތުންނަށް ލިބުނު ކުރިއެރުމާއި ތަރައްގީ ފާހަގަކުރައްވައި، ރައްޔިތުން ދިން އެއްބާރުލުމަށް ޝުކުރު އަދާކުރެއްވި އެވެ.
"ޗައިނާ ސަލާމަތް ކޮށްދެވޭނީ ހަމައެކަނި ސޯޝަލިޒަމަށް. އަދި ޗައިނާ ތަރައްގީ ކުރެވޭނީ ވެސް، ޗައިނާގެ ހާއްސަ ސިފަތަކާއެކުގައިވާ ސޯޝަލިޒަމަށް އެކަނި. ޗައިނާއަށް ގަނާ ކުރާކަށް ވެސް، އަނިޔާވެރިވާކަށް ވެސް އަދި ގަދަބާރުން ޗައިނާ ލައްވައި ކަންކަން ކުރުވާކަށް ވެސް، އެއްވެސް ބަޔަކަށް ފުރުސަތެއް ނުދޭނަން." ރައީސް ޝީ ވިދާޅުވި އެވެ.
ޗައިނާގެ އަހުލީ ހަނގުރާމައިގައި، އެ ގައުމުގެ ނޭޝަނަލިސްޓުންގެ މައްޗަށް ޗައިނީޒް ކޮމިޔުނިސްޓް ޕާޓީން ކާމިޔާބު ހޯދީ 1949 ވަނަ އަހަރުގެ ތެރޭގަ އެވެ. މިކާމިޔާބާ އެކު، ކޮމިޔުނިސްޓް ޕާޓީގެ ޒައީމް މާއޮ ޒެޑޮންގް، ޗައިނާގެ ރައްޔިތުން ފަގީރުކަމުގެ ތެރެއިން ނެރެދިނުމަށް ވައުދުވެވަޑައިގެން، ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ނަމުގައި ދައުލަތެއް އިއުލާން ކުރެއްވި އެވެ.
މިއަދު ޗައިނާއަކީ ދުނިޔޭގެ ދެ ވަނަ އަށް އެންމެ ބޮޑު އިގްތިސާދެވެ. އިގްތިސާދީ ގޮތުން ޗައިނާ ހޯދި ކުރިއެރުމަށް އިޝާރާތް ކުރައްވައި ރައީސް ޝީ ވިދާޅުވީ ޗައިނާގެ ކޮމިޔުނިސްޓް ޕާޓީން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދަމުން އަންނަ ކަމަށެވެ. އަދި ޗައިނާއަކީ މިހާރު، ބައިނަލްއަގުވާމީ މުޖްތަމައުގައި "މަތިވެރި" ދަރަޖައެއްގައިވާ ގައުމެއްކަން ފާހަގަ ކުރެއްވި އެވެ.
ގިނަ ދުވަސްތަކެއްގެ ތައްޔާރީތަކާ އެކު މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޝީ ވާހަކަފުޅު ދެއްކެވީ، ޓިއަނަމަން މައިދާނުގެ ބެލްކަނީގައި ހުންނަވައިގެންނެވެ. އެ ބެލްކަނީގެ އަރިމަތީގައި، މުޅި މައިދާނަށް ފެންނާނެހެން، ޗައިނާގެ ޒައީމް މާއޮގެ ބިޔަ ފޮޓޯފުޅެއް ހަރުކޮށްފައި ހުއްޓެވެ.
ރައީސް ޝީގެ ވާހަކައިގައި، އަމިއްލަ މިނިވަންކަން އިއުލާންކޮށްފައިވާ ތައިވާންގެ މައްސަލަ އަށް ވެސް އަލިއަޅުއްވައިލެއްވި އެވެ.
ޗައިނާގެ ގައުމީ އިސްތިގުލާލާއި، ސަރަހައްދީ ނަޒާހަތްތެރިކަން ހިމާޔަތްކުރުމުގައި ޗައިނާގެ ރައްޔިތުންނަށް ލިބިގެންވާ ގާބިލްކަމާއި ޗައިނާ ރައްޔިތުންގެ އަޒުމާއި، އެކަމުން ނުކުންނާނެ ނަތީޖާއާ މެދު އެކަކުވެސް ނުބައި އަންދާޒާއެއް ނުހަދާތި،" ޝީ ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތު ފެށުނީ، ޓިއަނަމަން މައިދާނުގެ މަތިން، ވައިގެ ތެރޭގައި 100 ލިޔެވޭ ގޮތަށް، ޗައިނާގެ އަސްކަރީ 30 ހެލިކޮޕްޓަރު އެތުރިލައިގެން ދަތުރުކުރުމާ އެކު، 100 ބަޑީގެ ސަލާމަކުންނެވެ.