01 ޖުލައި 2021 - 15:09

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތުގެ ތެރެއިން 100ރ. އެއްގެ ވެރިފަރާތް ހޯދަން މިއަދު އިއުލާންކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އިން ބުނީ އެއީ މިދިޔަ މަހު 25 ގައި މާފަންނު ހަނދުވަރީ ހިނގުމުގައި ހުންނަ ދަމާސްގެ އިންޑެކްސް ފަރުނީޗަރު ފިހާރަ ކައިރިން، އާންމުންގެ މީހަކު ހޮވައިގެން ގެންގޮސް، އެ އިދާރާއާ ހަވާލުކޮށްފައިވާ 100ރ. ކަމަށެވެ.
މީގެ އިތުރުން ވެސް އެހެން ބައެއް އެއްޗެހީގެ ވެރިފަރާތް ހޯދަން ފުލުހުން ވަނީ އިއުލާންކޮށްފަ އެވެ.
މި ތަކެއްޗަކީ ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެތި ކަމަށް ފުލުހުން ބުންޏެވެ. އަދި އެ ތަކެތީގެ ވެރިން އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް ވެސް ބުންޏެވެ.
ވެރިފަރާތް ހޯދަން ފުލުހުން އިއުލާންކޮށްފައިވާ އެހެން އެއްޗެހީގެ ތެރޭގައި، މިދިޔަ މަހު 19 ގައި ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ދެ މީހެއްގެ އަތުން ފެނިފައިވާ، ވަގަށް ނެގި ކަމަށް ބެލެވޭ ޓޫލްތަކަކާއި މިދިޔަ މަހު 26 ގައި ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހެއްގެ އަތުން ފެނިފައިވާ ޕަވަ އިންވާޓާއެއް ވެސް ހިމެނެ އެވެ.
މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅައި އިންސިޑެންޓް ނަންބަރާ އެކު އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެ އެވެ. އަދި ތަކެއްޗާ ހަވާލުވުމަށް ކާކުކަން އެނގޭނެ ލިޔުމަކާ އެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވާންޖެހޭނެ އެވެ.