ބިދޭސީއެއްގެ މަރު: އުމުރަށް ޖަލަށްލައި، މަރުގެ ދިޔަ ދޭން އަންގައިފި
ބިދޭސީއެއްގެ މަރު: އުމުރަށް ޖަލަށްލައި، މަރުގެ ދިޔަ ދޭން އަންގައިފި

މާލޭގައި 2012 ވަނަ އަހަރު މުނީރުލް އިސްލާމް ކިޔާ ބަންގަލަދޭޝްގެ މީހަކު ނިދާފައި އޮއްވައި އޭނާގެ ކަރަށް ވަޅި ހަރައި މަރާލި މައްސަލައިގައި ދައުވާކުރި އެ ގައުމުގެ ކަމަރުލް އިސްލާމްގެ މައްޗަށް ކުށް ސާބިތު ނުވާ ކަަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ބާތިލުކޮށްފި އެވެ.

މުނީރުލް އޭނާ އުޅުނު ގޭގައި ނިދާފައި އޮއްވައި އެތަނަށް ގޮސް ކަމަރުލް އިސްލާމް ވަނީ ވަޅިއަކުން މުނީރުލް އިސްލާމްގެ ކަރަށް އެއް ފަހަރަށް ވުރެ ގިނަ ފަހަރު ހަރައި އޭނާ މަރާލައިފަ އެވެ. އެ ވަޅި އަކީ މުނީރުލް އިސްލާމް މޭވާ ކާން އެނދުގެ ހެޑް ބޯޑު މަތީގައި ބާއްވާފައި އޮތް ވަޅި އެކެވެ.

އޭނާ މަރާލީ އޭނާއާ އާއިލީ ގޮތުން ގުޅުންހުރި މީހަކު ގިނަ އަދަދެއްގެ ފައިސާ އާއި ރަނގަޅު ވަޒީފާއެއް ދޭނެ ކަމަށް ބުނެގެން ކަމަށް ފުލުހުން ބުނެ އެވެ.

އެ މައްސަލައިގެ ތަހުގީގު މަރުހަލާގައި ކަމަރުލް ކުށަށް އިއުތިރާފުވެ މުނީރުލް މަރާލި ގޮތް ކިޔައިދީފައިވެ އެވެ. އޭނާ މަރާލަން ބޭނުންކުރި ވަޅި އާއި ލައިގެން ހުރި ޓީޝާޓު ފުލުހުން ޓީޖެޓީ ސަރަހައްދުގެ މޫދުން ހޯދީ ވެސް ކަމަރުލް ގޮވައިގެން ގޮސް އޭނާ އެތަން ދެއްކުމުންނެވެ. ނަމަވެސް އޭނާ ދަށު ކޯޓުގައި ބުނެފައި ވަނީ އިއުތިރާފުވީ، އަނިޔާކޮށްގެން ކަމަށެވެ.

އޭނާގެ މައްޗަށް ކުރި ގަސްތުގައި މީހަކު މެރުމުގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން 2018 ވަނަ އަހަރު ހުކުމް ކުރުމުން އެ މައްސަލަ ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އިސްތިއުނާފު މައްސަލަ ނިމެންދެން ކަމަރުލް ބަންދުކުރަން ހައި ކޯޓުން ހުކުމްކޮށްފައި ވުމުން އޭނާ އަދިވެސް ހުރީ ބަންދުކޮށްފަ އެވެ.

ހައި ކޯޓުގައި މިއަދު އެ މައްސަލައިގައި އިއްވި ހުކުމުގައި ވަނީ ރައުޔު ތަފާތުވެފަ އެވެ. މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ހުސެއިން މަޒީދާއި މުހައްމަދު ނިޔާޒުގެ ރައުޔަކަށްވީ އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. އެއާ ހިލާފުވީ ފަނޑިޔާރު މުހައްމަދު ސަމީރުގެ ރައުޔެވެ.

މި މައްސަލައިގައި ފަނޑިޔާރުން ހިޔާލު ތަފާތުވި މައިގަނޑު ކަމަކީ ކަމަރުލް ތަހުގީގަށް ދިން ބަޔާނުގެ ސައްހަކަމާ މެދު އެވެ. ދަށު ކޯޓުން އެ ބަޔާން ބަލައިގެންފައި ނުވެ އެވެ.

ފަނޑިޔާރު މަޒީދު އިއްވައި، ފަނޑިޔާރު ނިޔާޒު ތާއީދު ކުރެއްވި ރައުޔުގައި ވަނީ، ދަށު ކޯޓުން އެ މައްސަލައިގައިި ހެކި ގަރީނާތަކަށް ބަލާފައި ވަނީ ވަކިވަކިން ކަމަށެވެ. ނަމަވެސް، އިއުތިރާފު ބަޔާނާއި، އެހެން ހެކިތަކާ ގުޅުވާލުމުން ބަޔާނަށް ބާރު ލިބޭ ކަމަށް އެ ރައުޔުގައިވެ އެވެ.

އެގޮތަށް ބަލާއިރު، ތަހުގީގަށް ދިން ބަޔާނުގައިވާ ވާހަކަތަކީ ތެދު ކަމަށް ތަހުގީގަށް ހޯދިފައިވާ ހެކިތަކާއި ގަރީނާތަކުން ބާރު ދޭތީ ކަމަރުލް ތަހުގީގަށް ދިން ބަޔާނަކީ ގަރީނާއެއްގެ ގޮތުގައި ބަލައިގަނެވޭ ކަމަށް އެ ރައުޔުގައިވެ އެވެެ.

"ހުށަހެޅުނު އެހެނިހެން ހެކި ގަރީނާ އެ އިއުތިރާފު ބަޔާނާ ގުޅުވާލެވެން އޮތް އިރު އެފަދައިން ގުޅުވާނުލައި އެ ހެކިތަކަށް ވަކިވަކިން ރިއާއަތްކޮށް މައްސަލަ [ދަށު ކޯޓުން] ބަލާފައި ވަނީ ރަނގަޅަށް ކަމަށް ބެލެވެން ނެތް،" އެ ރައުޔުގައިވެ އެވެ.

އެގޮތުން، ކަމަރުލް ކިޔައިދިން ގޮތަށް، އޭނާ ބުނި ތަނުން މަރާލަން ބޭނުންކުރި ވަޅި އާއި ލައިގެން ހުރި ގަމީސް ފެނުނުކަން ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން، މުނީރުލް އިސްލާމް މަރުވެފައި އޮއްވައި ފެނުނު ކޮޓަރިން ކަމަރުލް އިސްލާމްގެ ފައިގެ ޕްރިންޓު ވަނީ ފެނިފަ އެވެ. ކަމަރުލް އިސްލާމްގެ ގެއިން ބުރިކޮށްފައިވާ ޖިންސެއް ފެނިފައިވެ އެވެ. އެ ޖިންސުން މުނީރުލްގެ ޑީއެންއޭ ވެސް ފެނުނެވެ. އެ ޖިންސަކީ މުނީރުލްގެ ލޭ ހުރުމުން ކަމަރުލް ބުރިކޮށްލި ޖިންސެކެވެ.

އެ މައްސަލަ އަކީ ގަސްތު މަރުގެ މައްސަލައަކަށްވާއިރު، ގަސްތު މަރު ސާބިތުކުރަން ފުރިހަމަ ވާން ޖެހޭ ކަންކަން ފުރިހަމަވާ ކަމަށް ވެސް އެ ރައުޔުގައިވެ އެވެ. އެގޮތުން، އޭނާ ކުރި އަމަލެއްގެ ނަތީޖާއެއްގެ ގޮތުން މުނީރުލް އިސްލާމް މަރުވެފައިވާކަން ހެކިތަކުން އެނގޭ ކަމަށްވެ އެވެ. އަދި ކަރަށް ވަޅިން ހަމަލާ ދިން އިރު މަރަށް ތެޅެންދެން ހިފަހައްޓައިގެން ހުރި ކަމަށް އޭނާ ބުނެފައި ވުމުންނާއި މަރާލަން ވިސްނުން އައި ގޮތް ކިޔައިދީފައި އޮތުމުން އޭނާ އެކަން ކުރީ ގަސްތުގައިކަން އެނގޭ ކަމަށް ވެސް ވެ އެވެ.

އެ ރައުޔުގައި ވަނީ އެއްވެސް ޝައްކެއް ޝުބުހައެއް ނެތް މިންވަރަށް ދައުލަތަށް ގަސްތު މަރުގެ ކުށް ސާބިތުކޮށްދެވިފައިވާ ކަމަށެވެ.

މުނީރުލްގެ ވާރިސުންގެ ގޮތުގައި ތިބި އޭނާގެ މަންމަ އާއި ބައްޕަ އަދި ހުވަފަތްވެފައިވާ އަނބިމީހާ އެދިފައި ވަނީ މަރުގެ އަަދަބުގެ އިތުރުން މަރުގެ ގެއްލުމުގެ ބަދަލު ލިބިގަތުމަށެވެ. ނަމަވެސް، އެ ދެ ކަންތައް އެއްފަހަރާ ކުރެވޭނެ ޝަރުއީ ހަމައެއް ނެތް ކަމަށް ރައުޔުގައިވެ އެވެ.

ދެ ގޮތުން ކުރެ ގޮތެއް ވާރިސުން ހިޔާރު ނުކޮށް ފަނޑިޔާރުން ގޮތެއް ނިންމަން ޖެހޭ ގޮތަށް އޮތުމުން އެ ހާލަތުގައި އުފެދޭ ސުވާލުގެ މަންފާ ލިބިދޭން ޖެހޭނީ ގާތިލަށް ކަމަށް ބުރަވެވޭ ކަމަށް ހުކުމުގައިވެ އެވެ.

އެހެންވެ، މަރުގެ ހުކުމް އިއްވުމުގެ ބަދަލުގައި މަރުގެ ދިޔަ ނެގުމަށް ހުކުމް ކުރެއްވި އެވެ. އަދި މަރުގެ ދިޔައިގެ ގޮތުގައި ނަގައިދީފައި ވަނީ 133،333.33ރ. އެވެ. އެ ފައިސާ އެއް އަހަރު ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދެއްކުމަށް އަންގާފައިވެ އެވެ.

އޭގެ އިތުރުން، ތައުޒީރީ އަދަބެއްގެ ގޮތުގައި، 25 އަހަރަށް އޭނާ ޖަލަށް ލާން ހުކުމް ކުރި އެވެ. އަދި ކުށުގެ ފާފައިގެ ކައްފާރާއެއްގެ ގޮތުުން ޖެހިޖެހިގެން ދެ މަހު ރޯދަ ހިފަން ނަސޭހަތް ދިނެވެ.

ތަފާތުވި ފަނޑިޔާރު ސަމީރުގެ ރައުޔުގައި ވަނީ ފުލުހުން ކަމަރުލްގެ ތަހުގީގު ބަޔާން ނެގީ ގާނޫނާ ހިލާފަށް ކަމަށެވެ.

ބަޔާން ނެގި އިރު، ތަހުގީގު މަރުހަލާގައި ވަކީލެއްގެ ހައްގު ނޯންނާނެ ކަމަށާއި އެ ފުރުސަތު އޮންނާނީ ޝަރީއަތުގެ މަރުހަލާގައި ކަމަށް ފުލުހަކު ކަމަރުލް ގާތުގައި ބުނިކަން ފަނޑިޔާރު ސަމީރުގެ ރައުޔުގައި ފާހަގަ ކުރެއްވި އެވެ. އެއީ ނުބައި މައުލޫމާތެއް ކަމުން ކަމަރުލް އަށް ލިބިގެންވާ ވަކީލަކު ލިބިގަތުމުގެ ހައްގުން އޭނާ މަހުރޫމުވެފައިވާ ކަމަށް އެ ރައުޔުގައިވެ އެވެ.

އެހެންވެ، ވަކީލަކު ހަމަޖެއްސުމުގެ ހައްގު ލިއްބައިނުދީ ނެގި އެ ބަޔާނަކީ ގާނޫނާ ހިލާފަށް ނެގި ބަޔާނެއް ކަމަށް އެ ރައުޔުގައިވެ އެވެ. އަދި މައްސަލައިގައި ހެމެނޭ ގިނަ ހެކިތައް ހޯދާފައި ވަނީ އެ ބަޔާނުގެ މައްޗަށްކަން ފާހަގަކޮށް އެ ހެކިތައް ވެސް ބަލައިނުގަނެވޭނެ ކަމަށް އެ ރައުޔުގައިވެ އެވެ.

"ގާނޫނީ ވަކީލެއްގެ އެހީ ލިބިގަތުމުގެ ހައްގު ދިނުމަކާ ނުލައި ނަގާ ބަޔާން ވާނީ ގާނޫނާ ހިލާފަށް ނަގާ ބަޔާނަކަށް. އަދި އެފަދަ ބަޔާނަކުން ފާޅުވާ ހެއްކަކީ ގާނޫނާ ހިލާފަށް ހޯދާ ހެއްކަކަށް،" ފަނޑިޔާރު ސަމީރުގެ ރައުޔުގައިވެ އެވެ.

އެހެންކަމުން، ފަނޑިޔާރު ސަމިރު ވަނީ ކްރިމިނަލް ކޯޓުގެ ހުކުމަށް ތާއީދު ކުރައްވައިފަ އެވެ.

ވަކީލެއް ހަމަޖައްސަން ފުރުސަތު ނުދީ، ނެގި ބަޔާނަކީ ސައްހަ ބަޔާނެއް ކަމަށް ބަލައިފި ނަމަ، އެ ހައްގު ނުދިނުމަކީ ހަމަ އެންމެ ރަނގަޅު ކަމަށް ކަމާ ބެހޭ ފަރާތްތަކުން ނަގައި އެކަމުގެ ނާޖާއިޒު ފައިދާ ވެސް ނަގާފާނެ ކަމަށް އޭނާގެ ރައުޔުގައިވެ އެވެ.