01 ޖުލައި 2021 - 14:04

ކޮވިޑު-19 އަށް ޕޮޒިޓިވްވި ސާމްޕަލް ނެގި ތާރީހުން ފެށިގެން 45 ދުވަސް ވަންދެން ރަށްރަށަށް ދަތުރުކުރެވޭނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނެފި އެވެ.
ބަލީގެ ހާލަތު ރަނގަޅުވަމުން ދިއުމާ އެކު ސަރުކާރުން ވަނީ ބޮޑެތި ލުއިތަކެއް ދީފަ އެވެ. އޭގެ ތެރޭގައި ލޮކްޑައުން އުވާލައި ކާފިއުގެ މުއްދަތު އިތުރުކޮށް، ކޮވިޑުން ރަނގަޅުވެފައިވާ މީހުންނަށް ކަރަންޓީންވުމަކާ ނުލައި ދަތުރުކުރުމުގެ ހުއްދަ ދިނުން ހިމެނެ އެވެ. މިއަދުން ފެށިގެން އެ އުސޫލަށް އަމަލުކުރަން ވަނީ ފަށައިފަ އެވެ.
އެޗްއީއޯސީގެ އޮފިޝަލަކު ވިދާޅުވީ ކޮވިޑުން ރަނގަޅުވުމުން، "ހާލު ބެލުން ޕޯޓަލް" އަށް މައުލޫމާތުތައް އަޕްލޯޑުކުުރުމަށްފަހު ދަތުރުކުރެވޭނެ ކަމަށެވެ. އެ ރަށެއްގައި ހުއްޓައި، 60 ދުވަސް ހަމަވިޔަސް އެ މީހަކު އިތުރަށް ކަރަންޓީންވާން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެ މުއްދަތު ގުނަނީ، ސާމްޕަލް ނެގި ތާރީހުން ކަމަށްވާތީ، ބަލިން ރަނގަޅުވެގެން ދަތުރުކުރުމުގައި 45 ދުވަސް ލިބޭނެ އެވެ.
"ކޮންމެ ރަށަކަށް ދިޔަސް ޕޯޓަލް އަށް އަޕްލޯޑުކުރަންޖެހޭނެ. ދަތުރުކުރުމުގައި ލުއި ދިނަސް މި ބާރު އަޅަނީ ހަރަކާތްތައް ވީހާ ވެސް މަދުން ބެހެއްޓުމަށް،" އޮފިޝަލް ވިދާޅުވި އެވެ.
ދަތުރުކުރުމުގައި ލުއި ދިނުމުގެ އިތުރުން ޕޮޒިޓިވްވި ސާމްޕަލް ނެގިތާ 60 ދުވަސް ހަމަނުވާނަމަ، ޑައިރެކްޓް ކޮންޓެކްޓަކަށް ވިޔަސް ކަރަންޓީން އަދި އައިސޮލޭޓްވާން ނުޖެހޭނެ އެވެ. އޭގެ އިތުރުން، ބަލީގެ އެއްވެސް އަލާމާތެއް ނެތް ނަމަ ވަޒީފާ އަށް ނުވަތަ މަސައްކަތަށް ނުކުތުމުގެ ބޭނުމުގައި ކޮވިޑަށް ޓެސްޓު ކުރާކަށް ވެސް ނުޖެހޭނެ ކަމަށް، އެޗްޕީއޭ އިން އިއްޔެ އާއްމުކުރި އުސޫލުގައި ބުންޏެވެ.
އެކަމަކު އެ މުއްދަތުގެ ތެރޭގައި، ބައްޔަށް ޕޮޒިޓިވްވި މީހަކާ ޑައިރެކްޓް ކޮންޓެކްޓްވި ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި އެ މީހާގެ ކިބައިން ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ ޕީސީއާރު ޓެސްޓު ހަދައި ނަތީޖާ ލިބެންދެން މަޑުކުރަންޖެހެނޭ އެވެ.