ޓޮޓެންހަމްގެ ކޯޗަކަށް އެންމެ ފަހުން ނޫނޯ ހަމަޖައްސައި
ޓޮޓެންހަމްގެ ކޯޗަކަށް އެންމެ ފަހުން ނޫނޯ ހަމަޖައްސައި

ލަންޑަން (ޖުލައި 1) - ކޯޗަކު ހޯދުމަށް ދެ މަސް ވަދެން ޓޮޓެންހަމް ހޮޓްސްޕާސް އިން ކުރި މަސައްކަތް ނިންމައި، އެ ޓީމުގެ ކޯޗަކަށް ނޫނޯ އެސްޕިރީޓޯ ސަންޓޯ ހަމަޖައްސައިފި އެވެ.

ވުލްވާހެމްޓަން ވޮންޑާސްގެ ކުރީގެ ކޯޗު ވަނީ މިދިޔަ ސީޒަނަށް ފަހު އެ ޓީމުން ވަކިވެފަ އެވެ. ސްޕާސް އިން އޭނާއާ އެކު ސޮއިކުރީ ދެ އަހަރުގެ އެއްބަސްވުމުގެ ދަށުންނެވެ.

އޭޕްރީލް މަހު، ހޯސޭ މޮރީނިއޯ ކޯޗުކަމުން ވަކި ކުރުމަށް ފަހު، ޓޮޓެންހަމްގެ ވަގުތީ ކޯޗަކަށް ހަމަޖެއްސީ ރަޔަން މޭސަން އެވެ. ދާއިމީ ކޯޗަކު ހޯދުމަށް ޓޮޓެންހަމްގެ ޗެއާމަން ޑެނިއަލް ލެވީ ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފަ އެވެ. ބަޔާން މިޔުނިކުގެ މިހާރުގެ ކޯޗު ހޫލިއަން ނާގެލްސްމަން، ޖަރުމަނުގެ ކޯޗުކަން މިހާރު ދޫކޮށްލައިފައިވާ ޔޯކިމް ލޯ، ލައިޕްޒިގުގެ މިހާރުގެ ކޯޗް ޖެޒީ މާޝް، އިންޓަ މިލާންގެ ކޯޗުކަމުން ވަކިވި އެންޓޯނިއޯ ކޮންޓޭ އަޔެކްސްގެ ކޯޗު އެރިކް ޓޭން ހޭގް އަދި ނަޕޯލީ އާއި ފިއޮރެންޓީނާގެ ކޯޗު ކަމުން އެއް މަސް ދުވަސްތެރޭ ވަކިވި ޖެނާރޯ ގަޓޫސޯ ގެންދިއުމަށް ސްޕާސް އިން މަސައްކަތް ކުރި އެވެ. ނަމަވެސް އެއިން އެއްވެސް ކޯޗަކު އެ ކުލަބަށް އާނ ބަސް ބުނެފައެއް ނުވެ އެވެ.

މިދިޔަ ހަތަރު އަހަރު ވުލްވްސްގައި މަސައްކަތް ކުރި ނޫނޯ، މިދިޔަ ސީޒަނަށް ފަހު ނިންމީ އިތުރަށް އެ ކްލްބަކާ އެކު ކުރިއަށް ނުދިއުމަށެވެ. ޓޮޓެންހަމްގެ ކޯޗުކަމާ ހަވާލުވުމަށް ފަހު ނޫނޯ ބުނީ ކޮލިޓީ އާއި ހުނަރު އޮތް ސްކޮޑާކާ އެކު ޓޮޓެންހަމްގެ ސަޕޯޓަރުން އުފާކޮށްދޭން އޭނާ މަސައްކަތް ކުރާނެ ކަމަށެވެ.