ޗޮކުލެޓު ޕެކެޓެއްގައި ފޮރުވައިގެން ޑްރަގްސް އެތެރެކުރަން އުޅުނު ކަމަށް ބުނާ މީހަކު ސަލާމަތް ވެއްޖެ
ޗޮކުލެޓު ޕެކެޓެއްގައި ފޮރުވައިގެން ޑްރަގްސް އެތެރެކުރަން އުޅުނު ކަމަށް ބުނާ މީހަކު ސަލާމަތް ވެއްޖެ

ޗޮކުލެޓުގެ ކަރުދާހުގެ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް ޑްރަގްސް އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ދައުވާ ކުރި އިކުއެޑޯ އަންހެނަކަށް ދައުލަތުން ކުރި ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލައިފި އެވެ.

އުމުރުން 60 އަހަރުގެ މާރިއާ އިއުގެނިއާ ޕިއުލް 2019 ވަނަ އަހަރުގެ ކުރީކޮޅު ރާއްޖެ އައި އިރު، އޭނާ ގެންގުޅުނު ލަގެޖުގައި އޮތް ޗޮކްލެޓް ފޮއްޓެއްގައި މަސްތުވާތެކެތި އެޅި 40 ގުޅަ އޮއްވައި ފެނިފައިވެ އެވެ. އެ ގުޅަތައް ހުރީ ބޭރުގައި ޗޮކޮލެޓު ކަރުދާސް އޮޅައިފަ އެވެ. އެ ތަކެތި އަތުލައިގަތީ އެއާޕޯޓުންނެވެ. މާރިއާ ވަނީ އެއީ އޭނާގެ އެއްޗެއް ނޫން ކަމަށް ބުނެ އިންކާރުކޮށްފަ އެވެ.

އެ މައްސަލައިގައި ދައުލަތުން މާރިޔާގެ މައްޗަށް ކުރީ ޖަދުވަލު އެކެއްގައި ބުނާ މަސްތުވާތަކެއްޗެއް ރާއްޖެއަށް އެތެެރެކުރުމުގެ ދައުވާ އެވެ.

އެ މައްސަލައިގައި މާރިއާގެ ފަރާތުން ޝަރީއަތުގެ ކުރިން ހުށަހެޅި ހުށަހެޅުމަކާ ގުޅިގެން، ކްރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު މިސްބާހު ބުދަ ދުވަހު ވަނީ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމަވައިފަ އެވެ. އެގޮތަށް ނިންމެވީ، ސުޕްރީމް ކޯޓުން ކުރިން ކަނޑައަޅާފައިވާ އުސޫލުތަކަށް ރިއާއަތް ކޮށެވެ.

އެ ނިންމުމުގައިވާ ގޮތުން، މިފަދަ މަސްތުވާތަކެތީގެ މައްސަލަތަކުގައި ބަލަން ޖެހޭނީ މަސްތުވާތަކެތި ހުރި އެއްޗެއް ދައުވާކުރާ މީހާގެ އަތުގައި ނުވަތަ ބެލެހެއްޓުންތެރިކަމުގެ ދަށުގައި ހުރިކަން އެނގިފައި އޮތުމާއި، އެ އެއްޗެއް އޭނާއާ ގުޅުވާލެވޭ އިތުރު ހެއްކެއް އޮތްތޯ އެވެ.

މި މައްސަލައަށް ބަލާ ނަމަ، ލަގެޖުގައި ޗޮކޮލެޓު ޕެކެޓު އޮތްކަން މާރިޔާއަށް އެނގޭކަން ދައުލަތުން ސާބިތުކޮށްދޭންޖެހޭ ކަމަށާއި އޭގައި ހުރީ މަސްތުވާތަކެތިކަން އޭނާއަށް އެނގުން މުހިންމު ނޫން ކަމަށް ވެސް ނިންމުމުގައިވެ އެވެ.

މި މައްސަލައިގައި މާރިއާ ވަނީ އެ ޕެކެޓަކީ އޭނާގެ އެއްޗެއް ނޫން ކަމަށާއި، އެއީ އޭނާގެ ދަބަހުގައި އޮތް އެއްޗެއްކަން ނޭނގޭ ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކާފަ އެވެ.

ނަމަވެސް، ލަގެޖުގައި ޗޮކޮލެޓް ޕެކެޓު އޮތްކަން މާރިއާއަށް އެނގޭކަން ސާބިތު ކުރަން ދައުލަތުން އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާ ކަމަށް ކްރިމިނަލް ކޯޓުގެ ނިންމުމުގައިވެ އެވެ. ހުށަހަޅާފައިވާ ހެކިންގެ ތެރޭގައި އެކަން ސާބިތުކުރާނެ ހެކިބަސް ލިބިދާނެ ކަމަށް ބެލެވޭ އެއްވެސް ހެއްކެއް ނެތް ކަމަށް ވެސް ވެ އެވެ.

އެހެންކަމުން، އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ގާޒީ މުހައްމަދު މިސްބާހު ނިންމެވީ އެވެ.

ޕީޖީ އޮފީހުން މިއަދު "މިހާރު" އަށް ބުނީ ކްރިމިނަލް ކޯޓުގެ ނިންމުން ހައި ކޯޓުގައި އިސްތިނާފު ނުކޮށް، ދައުވާ ކުރި މީހާ ޑީޕޯޓުކޮށްލުމަށް މިހާރު އެ އޮފީހުން އެދިފައިވާ ކަމަށެވެ.

ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ ގޮތުން، މަސްތުވާ އެއްވެސް އެއްޗެއް މީހެއްގެ ހިޔާޒަތުގައިވާ ތަނަކުން ނުވަތަ އެއްޗަކުން ފެންނަ އިރު، ކުށް ސާބިތުވާނީ، އެ މަސްތުވާ އެއްޗަކާ އެ މީހަކާ ގުޅޭ އިތުރު ހެއްކެއް ނުވަތަ ގަރީނާއެއް ނުވަތަ މޯޓިވެއް ނުވަތަ އަތުގައި އެއްޗެއް އޮތްކަން އެނގޭކަން ދޭހަކޮށްދޭ ދަލީލެއް އޮވެގެންނެވެ.

އެފަދަ މައްސަލަތަކުގައި ދައުލަތުން ސާބިތުކޮށްދޭން ޖެހޭނީ އެ އެއްޗެއް ދައުވާ ކުރާ މީހާގެ އަތުގައި ހުރީ އެ މީހާއަށް އެނގި ހުރެ ކަމަވެ. އަތުގައި ހުރި އެއްޗަކީ މަސްތުވާ އެއްޗެއްކަން ދައުވާ ލިބޭ މީހާއަށް އެނގޭކަށް ނުޖެހެ އެވެ.