01 ޖުލައި 2021 - 13:50

ލިވަޕޫލް (ޖުލައި 1) - އެވަޓަން އަކީ ކުޑަކުޑަ ކްލަބެއް ކަމަށް ބުނެ އެ ކްލަބަށް ކުރިން ފާޑު ކީ ރަފާ ބެނިޓޭޒް އެވަޓަންގެ ކޯޗުކަމަށް ހަމަޖެއްސުމުން އެ ޓީމުގެ ސަޕޯޓަރުން ރުޅިގަނޑު ފަޅައިގެން ހިނގައްޖެ އެވެ.
އެވަޓަން އާއި ލިވަޕޫލްގެ ކުރިމަތިލުމަކީ އިނގިރޭސި ފުޓުބޯޅައިގެ ވާދަވެރިކަމުގެތެރޭގައި ހިމެނޭ ފޯރިގަދަ ކުރިމަތިލުމެކެވެ. ލިވަޕޫލްގެ ކޯޗުކަމުގައި ހުރެ 2007 ވަނަ އަހަރު ބެނިޓޭޒް ބުނެފައި ވަނީ އެވަޓަން އަކީ "ކުޑަކުޑަ ކްލަބެއް" ކަމަށެވެ.
މީގެ 14 އަހަރު ކުރިން، އެވަޓަންއަށް ނިސްބަތްކޮށް ބެނިޓޭޒް ދެއްކި އެ ވާހަކައަށް، އެ ކްލަބުގެ ސަޕޯޓަރުންގެ ފަރާތުން އަދިވެސް އެނާ އަށް މާފެއް ނެތެވެ.
އެވަޓަންގެ ކޯޗުކަން ކާލޯ އަންޗެލޯޓީ ދޫކޮށްލުމުން، އެ ޓީމުގެ ކޯޗުގެ މަގާމު އޮތީ ހުސްކޮށެވެ. އެވަޓަންއިން ރޭ ވަނީ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ބެނިޓޭޒްއަށް ކޯޗުކަން ހަވާލުކޮށްފަ އެވެ.
އިނގިރޭސި ވިލާތުގެ ލިވަޕޫލް ސިޓީ އަށް ނިސްބަތްވާ ދެ ކްލަބު ކަމަށްވާ އެވަޓަން އާއި ލިވަޕޫލްގެ ސަޕޯޓަރުންގެ ދެމެދުގައި ބޮޑު ވާދަވެރި ކަމެއް އޮވެ އެވެ. އެ ވާދަވެރިކަމުގެ ސަބަބުން ލިވަޕޫލްއާ ކުރިން ގުޅުން އޮތް މީހަކު އެވަޓަންގެ ކޯޗުކަމަށް ހަމަޖެއްސުމަކީ އެ ކްލަބުގެ ސަޕޯޓަރުންނަށް ބަލައިގަންނަށް ފަސޭހަވި ކަމެއް ނޫނެވެ.
އެވަޓަން އާއި ލިވަޕޫލްގެ ފުޓްބޯޅައިގެ ތާރީޚުގައި ވެސް ކޯޗުގެ މަގާމާ ގުޅިގެން އުފެދޭ އެންމެ ބޮޑު މައްސަލައަކަށް ބެނިޓޭޒްގެ މައްސަލަ ވެގެން ހިނގައި ދާނެ އެވެ. ބެނިޓޭޒް އެ މަގާމަށް ހަމަޖެއްސުމުން އޭނާ ވެފައި ވަނީ ލިވަޕޫލާއި އެވަޓަންގައި މަސައްކަތް ކުރާނެ ދެ ވަނަ ކޯޗަށެވެ.
މީގެ ކުރިން އެވަޓަން އާއި ލިވަޕޫލްގައި ވެސް މަސައްކަތްކުރި ހަމައެކަނި ކޯޗަކީ 19 ގަރުނުގައި އުޅުނު ވިލިއަން އެޑްވާޑް ބާކްލޭ އެވެ. އޭނާ ވަނީ އެވަޓަން އަށް ކޯޗުކޮށްދިނުމަށް ފަހު ލިވަޕޫލަށް ކޯޗުކޮށްދީފަ އެވެ. ބެނިޓޭޒް ހުރަސް ކުރި ރޮނގަކީ 125 އަހަރުގެ ތާރީހުގައި އެހެން ކޯޗަކު ހުރަސް ނުކޮށް އޮތް ރޮނގެކެވެ.
އެވަޓަންގެ ކޯޗުކަމާ ބެނިޓޭޒް ހާވާލުވާން އުޅޭ ވާހަކަ އަޑު ފެތުރުނު ހިސާބުން އެވަޓަންގެ ސަޕޯޓަރުންގެ ފަރާތުން އޭނާ އަށް އޮންލައިންކޮށް އިންޒާރު ދޭން ފެށި އެވެ. އަދި ބެނިޓޭޒް ދިރިއުޅޭ ގެ ކައިރީ ހަރުކޮށްފައިވާ ބެނާއެއްގެ މައްސަލަ މާސީސައިޑުގެ ފުލުހުން ދަނީ ތަހްގީގު ކުރަމުންނެވެ. އެ ބެނާގައި ލިޔެފައި ވަނީ "ކަލޭ ދިރިއުޅޭތަން އަހަރެމެންނަށް އެނގޭ" ކަމަށެވެ.
ސަޕޯޓަރުންގެ ހިތްހަމަނުޖެހުންތައް އުތުރި އަރައިފައިވާއިރު، ބެނިޓޭޒް ބުނީ ޒާތީ ދުޝްމަންކަން ދޫކޮށް ޓީމަށް އެހީވާން ސަޕޯޓަރުން އެއްބައިވާން ޖެހޭ ކަމަށެވެ.
އޭނާ ހުރި ކޮންމެ ކުލަބެއްގައި މަސައްކަތް ކުރީ ކްލަބަށްޓަކައި ކަމަށާއި އެވަޓަންގައި ވެސް އޭނާ މަސައްކަތް ކުރާނީ އެ ކްލަބަށްޓަކައި ކަމަށް ބެނިޓޭޒް ބުންޏެވެ.
"އަހަރެން މިހާރު މި ހުރީ މިތާ. އަދި އަހަރެން މިހުރީ އަހަރެންގެ ކްލަބަށްޓަކައި ކުރިމަތިލާން ތައްޔާރަށް. އެ މައްސަލައެއް ނެތް ކޮންމެ ކުލަބަކާ ދެކޮޅަށް ނުކުންނަން ޖެހުނަސް، އަހަރެން މަސައްކަތް ކުރާނީ މި ކަލްބަށް ކާމިޔާބު ހޯދައިދޭން،" ބެނިޓޭޒް ބުންޏެވެ.
އެވަޓަންގެ މެޖޯރީޓީ ހިއްސާދާރު ފަރުހާދު މޯޝިރީ ވިދާޅުވި ގޮތުގައި ބެނިޓޭޒަކީ އެވަޓަންއަށް މި ވަގުތު ލިބޭނެ އެންމެ ރަނގަޅު ކޯޗެވެ.