ޕޮޒިޓިވިޓީ ރޭޓް 23 ޕަސެންޓުން ހަ ޕަސެންޓަށް ދަށްވެއްޖެ
ޕޮޒިޓިވިޓީ ރޭޓް 23 ޕަސެންޓުން ހަ ޕަސެންޓަށް ދަށްވެއްޖެ

ކޮވިޑް-19 އަށް ޕޮޒިޓިވްވަމުންް އަންނަ ރޭޓް، މެއި މަސް ނިމުނުއިރު އެވްރެޖްކޮށް 23 ޕަސެންޓުގައި ހުރި ނަމަވެސް މިދިޔަ މަސް ނިމުނު އެ ނިސްބަތް ހަ ޕަސެންޓަށް ދަށްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮންމެ ދުވަހަކު އާންމުކުރަމުން އަންނަ ތަފާސްހިސާބުތަކުގައިވާ ގޮތުން މިދިޔަ މަސް ނިމުނުއިރު މުޅި މަހުގެ ޕޮޒިޓިވިޓީ ރޭޓް ހުރީ 6.6 ޕަސެންޓުގަ އެވެ. އެއީ ބައްޔަށް ޓެސްޓްކުރި 142،432 ސާމްޕަލުން 9،402 ސާމްޕަލް ޕޮޒިޓިވް ވެގެންނެވެ.

ޖޫން މަހުގެ ފުރަތަމަ ދުވަހު 13.5 ގައި ޕޮޒިޓިވިޓީ ރޭޓް ހުރިއިރު އެ ހަފްތާ ނިމުނުއިރު އެ އަދަދު ހުރީ އެވްރެޖްކޮށް 12 ޕަސެންޓްގަ އެވެ. އަދި ދެވަނަ ހަފްތާގައި، 6.8 ޕަސެންޓަށް، ތިން ވަނަ ހަފްތާގައި 4.8 ޕަސެންޓަށް އަދި ހަތަރު ވަނަ ހަފްތާގައި ވަނީ 3.7 ޕަސެންޓަށް ދަށްވެފަ އެވެ.

މިދިޔަ މަހުގެ ޕޮޒިޓިވިޓީ ރޭޓް އެންމެ ދަށްކޮށް ހުރީ 26 ވަނަ ދުވަހު އެވެ. އެ ދުވަހު، ޕޮޒިޓިވިޓީ ރޭޓަކީ 2.6 ޕަސެންޓެވެ. އިއްޔެ މަސް ނިމުނުއިރު ޕޮޒިޓިވިޓީ ރޭޓް ހުރީ 2.8 ގަ އެވެ.

ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ދިން ލުއިތަކާ އެކު، ކޮވިޑްގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވި ނަމަވެސް މިދިޔަ މަހުގެ ތެރޭގައި އެ އަދަދުތައް ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލްކުރެވިފަ އެވެ. އިއްޔެ ވެސް މާލޭ ސަރަހައްދުން ޕޮޒިޓިވްވީ އެންމެ 13 މީހުންނެވެ. ބަލިން ރައްކާތެރިވާން އެޅި ހަރުކަށި ފިޔަވަޅުތަކާ އެކު ބަލީގެ ހަތަރު ވަނަ ރާޅު ކޮންޓްރޯލް ކުރެވިފައިވާއިރު މިހާތަނަށް ރާއްޖެއިން 190،227 މީހަކު ވެކްސިން ފުރިހަމަކޮށްފައިވެ އެވެ.